Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 14:41
ސަރުކާރުން ފުރަތަމަ އިއުލާނުކުރި އަގުތަކާ މެދު ހިތްހަމަނުޖެހިގެން ޓެކްސީ ޑްރައިވަރުންތަކެއް ޓްރާންސްޕޯޓް މިނިސްޓްރީގައި
ސަރުކާރުން ފުރަތަމަ އިއުލާނުކުރި އަގުތަކާ މެދު ހިތްހަމަނުޖެހިގެން ޓެކްސީ ޑްރައިވަރުންތަކެއް ޓްރާންސްޕޯޓް މިނިސްޓްރީގައި
ރާއްޖެއެމްވީ
ޓެކްސީ ދަތުރު
ޓެކްސީގެ އަގުތަކާ މެދު މަޝްވަރާކުރުމަށް ފޯރަމެއް ބާއްވަނީ
ފޯރަމް އޮންނާނީ އަންގަރާ ދުވަހުގެރޭ ދަރުބާރުގޭގައި
މި ފޯރަމުން ޓެކްސީގެ ހިދުމަތަށް ނަގާނެ އަގުތަށް ކަނޑައެޅިގެންދާނެ

ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ އެސިސްޓެންޓް ޑިރެކްޓަރ ހުސެން ނަޒީރު ވިދާޅުވެއްޖެއެވެ.

ނަޒީރު ވިދާޅުވީ ޓެކްސީ ޑުރައިވަރުންނާއި ޓެކްސީ ސެންޓަރުތަކާއި އާންމު ރައްޔިތުންނަށް ހުޅުވާލައިގެން އަންގަރާ ދުވަހުގެ ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ފޯރަމްގައި ޓެކްސީގެ ހިދުމަތަށް ނަގާނެ އަގެއް ކަނޑައެޅިގެންދާނެ ކަމަށެވެ.

ސިނަމާލެ ބްރިޖް ހުރަސްކޮށް ހުޅުލެއަށް ވެސް ހުޅުމާލެއަށް ވެސް މިހާރު އާއްމުކޮށް ދަތުރެއް ކޮށްދެނީ 100 ރުފިޔާއަށެވެ. އަދި ބައެއް ޑްރައިވަރުން 150ރ. ވެސް ނަގައެވެ. ޓެކްސީތަކުން ބްރިޖު ހުރަސްކޮށް ކުރަމުންދިޔަ ދަތުރުތަކަށް ބޮޑެތި އަގުތައް ނަގަމުން ދިޔަ މައްސަލާގައި ފުލުހުން ޓެކްސީތައް ހުއްޓުވަން ނިކުތުމުން ޑްރައިވަރުން ވަނީ ބުރިޖް ހުރަސްކޮށް ދަތުރުކުރުން ހުއްޓާލައި އިހުތިޖާޖުކޮށްފައެވެ. އަދި ގިނަ އަދަދެއްގެ ޑްރައިވަރުން ޓްރާންސްޕޯޓް މިނިސްޓްރީ އަށް ގޮސް މިނިސްޓަރު އާއިޝަތު ނަހުލާ އަށް ބިރު ދައްކާފައި ވެއެވެ. 

ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކާ ގުޅިގެން މިނިސްޓަރަށް މަޖުބޫރުވެވަޑައިގެންނެވީ ޑްރައިވަރުން ބޭނުންވި ގޮތަށް ކަންކަން ކުރެއްވުމަށެވެ. އެގޮތުން ސަރުކާރުން ކަނޑައެޅި އަގުތައް މުރާޖައާކޮށް ގޮތެއް ނިމެންދެން ޓެކްސީތަކުން ކުރިން ވެސް ނަގަމުން ދިޔަ ބޮޑު އަގު ނެގިދާނެ ކަމަށް މިނިސްޓަރު އެ ދުވަހު ވިދާޅުވެފައި ވެއެވެ. 

ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ ގިނަ ބައެއްގެ ޝަކުވާ އޮތް އިރު ޓެކްސީގެ ހިދުމަތަކީ އެއް ދުވަހުން އަނެއް ދުވަހަށް އަގުތައް ބޮޑުވި ނަމަވެސް ތަރައްގީ ނުވާ ހިދުމަތެކެވެ. ހުޅުމާލެ އާއި މާލެއާ ދެމެދު އެކަށީގެންވާ ގޮތެއްގައި ބަހުގެ ހިދުމަތް އަދި ފަށައިގަނެވިފައި ނުވާ އިރު އަދި މާލެ ތެރޭގައި ވެސް ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ނެތް އިރު ހުޅުމާލެ އާއި މާލެ ނުވަތަ ހުޅުލެ އަށް ކުރާ ދެކޮޅު ދަތުރަށް 200ރ. ހޭދަކުރަންޖެހުމަކީ އާންމުންނަށް ކުރިމަތިވެފައިވާ ބޮޑު ތަކުލީފެއްކަން ފާހަގަކޮށްލެވެއެވެ. ސްކޫލްތައް ހުޅުވުމުން މި މައްސަލަ ބޮޑުވެގެންދާނެތީ އޭގެ ކުރިން ލުއި ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް