Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 13:52
ރައީސް ސޯލިހް އަތޮޅުތެރޭގެ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ:- ސަރުކާރުގެ ގިނަ ވައުދުތަކެއް ވަނީ ފުއްދާފައި
ރައީސް ސޯލިހް އަތޮޅުތެރޭގެ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަނީ:- ސަރުކާރުގެ ގިނަ ވައުދުތަކެއް ވަނީ ފުއްދާފައި
ރައީސް އޮފީސް
ސަރުކާރުގެ ފުރަތަމަ 30 ދުވަސް
ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ވައުދުތައް: 56 ވައުދު ފުދި 11 ވައުދު ފުރިހަމަނުވޭ!
ނުފުދި ހުރި 11 ވައުދު 100 ދުވަސް ތެރޭގައި ފުއްދޭނެ ކަމަށް ހާމަކުރޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ހަމަޖެއްސެވި 67 ކަމެއްގެ ތެރެއިން 56 ކަމެއް ފުރިހަމަ ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ އިސް އޮފިޝަލުންތަކެއް ބުރާސްފަތި ދުވަހު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ކުރަން ހަމަޖެއްސި ކަންތައްތަކުގެ ތެރެއިން ހާސިލްވި 56 ކަންތަކަކީ ބުދަ ދުވަހުގެ ނިޔަލަށް ހާސިލްވި ކަންތައްތައް ކަމަށެވެ.  

ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ދުސްތޫރީ ވެރިކަމަކަށް ރުޖޫޢަވުމާއި، ޑިމޮކްރެސީއެއްގައި ރައްޔިތުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ކަށަވަރު ކޮށްދިނުމުގެ ދާއިރާއިން މިނިވަން ނޫސްވެރިކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މީގެ ކުރިން ފާސްކޮށްފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލް"، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެބިލް ތަޞްދީޤު ކުރައްވާފައިވާފައިވާކަން ހޫދު ފާހަގަ ކުރެއްވިއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހަގީގަތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށްޓަކައި، "މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި، އެ ކޮމިޝަނުގެ މަސައްކަތްތައް މި މުއްދަތުގެ ތެރޭގައި ފަށާފައިވާއިރު އެއީ ވެސް 30 ދުވަހުގެ ވައުދެއް ކަމަށް ހޫދު ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ މަތީ ތައުލީމުގެ ހުރިހާ މަރުކަޒުތަކަކުން ބެޗެލާސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށް ވެފައިވާ ވައުދުވަނީ ފުއްދާފައިއެވެ. ހަމައެއާ އެކު ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް 3 އިންސައްތައަށް ކުޑަކޮށް، ލޯން އަނބުރާ ދެއްކުމަށް ހަމަޖައްސަވާފައިވާ މުއްދަތު 25 އިންސައްތައަށް ވަނީ އިތުރު ކޮށްދެއްވައިފައެވެ. ތައުލީމީ ދާއިރާއިން ފުއްދާފައިވާ އަނެއް ވައުދަކީ މަތީ ސާނަވީ އިމްތިހާނުގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ކުދިންގެ ސްކޮލަޝިޕް، އޯ.އީ.ސީ.ޑީ. ޤައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު ވަނީ ފަހިކޮށްދެއްވުމެވެ.  

މީގެ އިތުރުން ފާހަގަ ކޮށްލެވޭ ބައެއް އެހެން ވައުދުތަކުގެ ތެރޭގައި ދިވެހިރާއްޖެ އިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރަސްމީކޮށް ހުށަހެޅުއްވުމާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މީގެ ކުރިން ސަރުކާރަށް ނަންގަވާފައިވާ ބާރުތައް އަލުން އަނބުރާ ސިޓީ ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. ތިމާވެށީގެ ދާއިރާއިން ސަރުކާރުން ހާސިލުކޮށްފައިވާ ކަންކަމުގެ ތެރޭގައި، ހއ. ބާރަށާއި، ހއ. ނޭކުރެންދޫގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަނޑައެޅުއްވުމާއި، ހއ. ކޭލަކުނަކީ ހިމާޔަތްކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުން ހިމެނެއެވެ.

ސިއްހީ ދާއިރާއަށް ބަލާއިރު އާސަންދައިގެ ތެރޭގައި ތަފާތު ތެރަޕީ ފަރުވާތައް ހިމެނުމާއި، އައި.ޑީ. ކާޑު މުއްދަތު ހަމަވެފައިވީ ނަމަވެސް އާސަންދައިގެ ޚިދުމަތް ހޯދުމަށް މަގުފަހި ކޮށްދޭނެ ކަމަށް ވީ ވައުދުވެސް ވަނީ ފުއްދާފައެވެ.  

ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ ވިދާޅުވީ ސަރުކާރުގެ ފުރަތަމަ 30 ދުވަސް ތެރޭގައި ކުރުމަށް ކަނޑައެޅި ކަންކަމުގެ ތެރެއިން ނުފުއްދިފައިވާ 11 ވައުދު ހިމެނޭ ކަމަށެވެ. ނަމަވެސް އެ ވައުދުތަކަކީ މިހާރުވެސް ފުއްދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ އެހެން ނަމަވެސް އެއްކޮން ފުރިހަމަނުވެ ހުރި ކަންކަން ގޮތުގައި ޝައުނާ ފާހަގަ ކުރެއްވިއެވެ.

ނުފުދި ހުރި ވައުދުތަކުގެ ތެރޭގައި އެއްކަމަކީ މާލޭގައި މުދާ ބަލާ އަރުވާނެ ސަރައްދުތަކެއް ކަނޑަނޭޅި އޮތުމެވެ. ޝައުނާ ވިދާޅުވީ އެކަމަށްޓަކައި މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް އެ މަސައްކަތްކުރިއަށްދާ ކަމަށެވެ.  ދެން އޮތީ ރަށްރަށުގެ މަގުތައް ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމެވެ. ލޯކަލް ކައުންސިލްތަކާ އެކު ކުރަންޖެހޭ އެ މަސައްތައް މިހާރު ޕްލޭނިން މިނިސްޓްރީން މެނިއަލްއެއް ތައްޔާރުކޮށްފައިވާ ކަމަށް ޝައުނާ ވިދާޅުވި އެވެ. ބުރިޖްގައި ސީސީޓީވީ ކެމަރާތައް ހަރުކުރުމަށް ވީ ވައުދު 30 ދުވަސް ތެރޭގައި ނުފުދުނު ނަމަވެސް ޝައުނާ ވިދާޅުވީ މިހާރު ވަނީ ކެމެރާ ހަރުކުރާނެ ތަންތަން ކަނޑައެޅި އެކަމަށްކުރަން ޖެހޭ މަސައްކަތްތަކުގެ ބޮޑު ބައެއް ނިމިފައި ކަމަށެވެ. އަދި ވިދާޅުވީ ކެމެރާތައް ހަރުކުރާނެ ތަންތަން ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.  

ޒީރޯޓޮލަރޭޓް ކެމްޕެއިން ފެށުމުގެ ވައުދުވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ. މީގެ އިތުރުންވެސް ފުވައްމުލަކު ސިޓީ ސްކޫލްގެ، މަގު ފުޅާކުރުމުގެ މަސައްކަތާއި މަސްވެރިކަމުގެ ގާނޫނަށް ގެނަން ޖެހޭ އިސްލާހްތަކާއި ލާމަރުކަޒީ ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހް ގެނައުމުގެ މަސައްކަތް އަދި އޮތީ ނުނިމިއެވެ. އަދި އެހެންމެ މުނިސިޕަލް އިސްޕެކްޓަރުން އުފެއްދުމުގެ ވައުދު ވެސް 30 ދުވަހުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވީ ނަމަވެސް އެކަން އަދިނުވެއެވެ. އަދި އެންމެ އެސްއެމްބީ ބޭންކް ހުޅުވުމުގެ ވައުދު ނުފުދި އޮތް ނަމަވެސް އެ މަސައްކަތް ވަރަށް އަވަހަށް ކުރެވޭނެ ކަމަށް ޝައުނީ ވިދާޅުވިއެވެ.

ސަރުކާރުގެ 30 ދުވަސް ވެސް ގުނަނީ ރަސްމީ ބަންދު ދުވަސްތައް ނުހިމަނައެވެ. އެހެން ކަމުން 30 ދުވަސް ހަމަވެފައި ވަނީ މި މަހުގެ 2 ވަނަ ދުވަހަށެވެ. ހަމަ އެގޮތަށް ސަރުކާރުގެ ފުރަތަމަ 100 ދުވަސް ވެސް ބަންދު ދުވަސްތައް ނުހިމަނައި ގުނާއިރު 100 ދުވަސް ހަމަވާނީ މި އަންނަ މާރޗު މަހުގެ 27 ވަނަ ދުވަހުއެވެ. ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ގޮތުގައި 21 މިނިސްޓްރީއަކާ ގުޅޭ 161 ވައުދެއް ފުއްދެވުމަށް ވަނީ ކަނޑައަޅުއްވައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް