Advertisement
ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 02:58
ރައީސް ނަޝީދު
ރައީސް ނަޝީދު
އެމްޑީޕީ
ރައީސް ނަޝީދު
މި އަހަރު ވެގެން ދާނީ ނަތީއްޖާ ފެންނަ އަހަރަކަށް: ނަޝީދު
އިންސާފު ހޯދައި ދިނުމަށް އެމްޑީޕީން މަސައްކަތް ކުރާނެ

ދެހާސް ނަވާރަ ވަނަ އަހަރު ވެގެން ދާނީ ނަތީއްޖާ ފެނިގެން ދާނެ އަހަރަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއްވެ.

އިނގުރާއިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީއަށް ވާދަ ކުރައްވާ ހަސަން އަހުމަދު (ހަސަންޓޭ)ގެ ކެމްޕޭނު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މި އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އެމްޑީޕީން އަގުލަބިއްޔަތު ނަގާނެ އިންތިހާބެ ކަމަށެވެ.

އެގޮތުން މި އަހަރު ވެގެންދާނީ އެމްޑީޕީން ނަތިއްޖާ ނެރޭ އަހަރަކަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. 

ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކުރުމަށް އެމްޑީޕީން 19 ވަނަ މަޖިލީހުގައި މަސައްކަތް ކުރާނެ ކަމަށާއި، އެ ކަންތައް ކުރެވޭނީ މެޖޯރިޓީ ހޯދައިގެން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި މި ސަރުކާރުން ގިނަ ވައުދު ތަކެއް ފުއްދާފައިވާ ކަން ރައީސް ނަޝިދު ވަނީ ފާހަގަ ކުރައްވާފައެވެ.

''ރައީސް ސޯލިހު ސަރުކާރަށް އަދި މަސް ދުވަސް ކިރިޔާ މިވީ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަނީ ވަޒީރު ބޭފުޅުންވެސް ވަރަށް ރަނގަޅަށް އެބޭފުޅުންގެ މަގާމުތަކާއި ހަވާލުވެވަޑައިގެން . އަދި އެބޭފުޅުން ސަރުކާރުގައި ހިންގަވަން ހުރި ކަންކަން ރަނގަޅަށް ދެނެވަޑައިގަންނަވާ އެކަންކަން ކުރުމުގެ ތަރުތީބު ތައް ހޯއްދަވާ ސިވިލް ސާވިސްއާ އެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަން'' ސަރުކާރަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ބައްޖާވެރި އަދި އުޖާލާ ދުވަސްތަކެއް ހޯދައިދިނުމަށް އެމްޑީޕީން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އަލަށް އިންތިހާބު ކުރާ މަޖިލީހަކީ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް އެމްޑީޕީން މަސައްކަތް ކުރާނެ މަޖިލީހެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަނޑިޔާރުން ޝާމިލުވެގެން މަރުގެ މައްސަލަތައް ސާބިތު ނުކޮށް ހުރި ކަމަށް ތުހުމަތު ކުރައްވައި، ނަޝީދު ވިދާޅުވީ ގޭންގުތަކުން ނޮމިނޭޓް ކުރާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކޮށްފައިވާ ކަމަށް ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވި ވާހަކަފުޅަށް، ތާއިދު ކުރައްވާ ކަމަށެވެ.

''އަޅުގަނޑު ދެކޭގޮތުގައި ހުސްނުއް ސުއޫދު އިތުރުފުޅެއް ނުހައްދަވާނެ. އަދި ވާހަކަ އެއް ހަދައިގެން ދެއްކުމުގެ ބޭނުމެއްވެސް ނޯއްނާނެ. ރާއްޖޭގެ ފަނޑިޔާރު ގެ ތަކާއި އަދި ގޭންގުތަކާއި ގުޅުން އޮވެ ފަނޑިޔާރު ގެއިން ހުކުމް އިއްވަމުން ދަނީ ފައިސާގެ ނުފޫޒުން ކަމުގައި ވާނަމަ ނުވަތަ އެހެންވެސް ނުފޫޒުން ކަމުގައި ވާނަމަ އެއީ އަޅުގަނޑުމެން ބޭނުންވާ ތަރައްގީ. އަޅުގަނޑުމެން ބޭނުންވާ ފުދިގެން އުޅޭ ދިރިއުޅުން އަޅުގަނޑުމެންނަށް ހޯދޭނެ ގޮތެއް ނޫން،'' ނަޝީދު ވިދާޅުވިއެވެ.  

ނަޝީދު ވިދާޅުވީ ކޯޓުތަކާއި ގޭންގުތަކާ ގުޅުން އޮތް ކަމުގައި ވާނަމަ ފަނޑިޔާރުގެ ބަލަހައްޓާ ޖުޑިޝަލް ސާވީސް ކޮމިޝަން (ޖޭއެސްސީ)އިން އެކަން ބަލަންޖެހޭނެ ކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މިނިވަން މުއައްސަސާތައް އެކަށީގެންވާ ވަރަށް ހަރުދަނާ ކުރެވިގެން ނޫނީ ރައީސް ސޯލިހުގެ ވައުދުތައް ނުފުއްދޭނެ ކަމަށެވެ.

އެމްޑީޕީން ރ. އުގޫފާރު ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލާފައި ވަނީ ހަސަންޓޭ ހިމެނޭ ގޮތަށް ތިން ކެނޑިޑޭޓުންނެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާ ފަރާތްތަކުގެ ކެމްޕޭން ލޯންޗު ކުރާ ހަފްލާތަކުގައި ވަގުތު ވީ ވަރަކުން ރައީސް ނަޝީދު ގެންދަވަނީ ބައިވެރިވެ ވަޑައިގަންނަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް