ކ. މާލެ
|
3 ޖެނުއަރީ 2019 | ބުރާސްފަތި 00:09
ހައްޔަރު ކުރެވިފައިވާ ޕޯލް ވީލަން
ހައްޔަރު ކުރެވިފައިވާ ޕޯލް ވީލަން
ރޮއިޓަރސް
އެމެރިކާ - ރަޝިއާ
ރަޝިއާއިން ހައްޔަރު ކޮށްފައިވާ އެމެރިކާ މީހާއާއި ބައްދަލުކުރުމަށް އެމެރިކާއިން އެދިއްޖެ
ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވީ، ބަންދުކޮށްފައި ހުރި ޕައުލް ވީލަންގެ މައްޗަށް ކުރާ ތުހުމަތުތަކުގައި ބުރަދަނެއް ނެތް ނަމަ، ވަގުތުން ވަގުތަށް އޭނާ ދޫކޮށްލަން ގޮވާލާނެ ކަމަށް

ޖާސޫސް ކުރި ކަމުގެ ތުހުމަތުގައި ރަޝިއާއިން ހައްޔަރު ކޮށްފައިވާ އެމެރިކާ މީހާއާއި ބައްދަލުކުރުމުށް އެމެރިކާއިން އެދިއްޖެއެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ ވިދާޅުވީ، ބަންދުކޮށްފައި ހުރި ޕައުލް ވީލަންގެ މައްޗަށް ކުރާ ތުހުމަތުތަކުގައި ބުރަދަނެއް ނެތް ނަމަ، ވަގުތުން ވަގުތަށް އޭނާ ދޫކޮށްލަން ގޮވާލާނެ ކަމަށެވެ.

އެމެރިކާ އަސްކަރިއްޔާގެ ކުރީގެ މެރިންއެއް ކަމުގައިވާ ޕައުލް ވީލަން ހައްޔަރު ކުރީ ޖާސޫސްކުރާ މީހުންނާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށް ރަޝިއާގެ ފެޑެރަލް ސެކިއުރިޓި ސާވިސްއިން ވަނީ ބުނެފައެވެ.

އެމެރިކާގެ މިޗިގަންގެ "ބޯގްވަރނަރ" ކިޔާ ކުންފުންޏެއްގެ ސެކިއުރިޓީގެ އިސްވެރިއެއްގެ ގޮތުގައި މަސަތްކަތް ކުރާ ވީލަން ރަޝިއާއަށް ދަތުރު ކުރީ، ކައިވެނި ހަފުލާއެއްގައި ބައިވެރިވުމަށް ކަމަށް އޭނާގެ ބޭބޭ، ޑޭވިޑް ވީލަން ވަނީ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

ޑޭވިޑް ވީލަން ބުނެފައިވަނީ މީގެ ކުރިން ވެސް ޕޯލް ރަޝީއާއަށް އެތައް ފަހަރަކު ދަތުރުކޮށްފައި ވާނެ ކަމަށެވެ. މި ފަހަރު ވެސް ރަޝިޔާއަށް ދިޔައީ ޕޯލްއާއި އެކު ކުރިން އަސްކަރިއްޔާގައި މަސައްކަތް ކުރި ރައްޓިއްސެއްގެ ކައިވެނި ހަފުލާގެ ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ކަމަށް ޑޭވިޑް ބުންޏެވެ.

ޕޯލް ހައްޔަރު ކުރެވުނު ދުވަހުގެ ހެނދުނު، އެ ކައިވެނި ހަފުލާގައި ބައިވެރިވާން އައި އެހެން ބަޔަކާއެކު ކްރެމްލިންގެ ދާރުލް އާސާރަށް ދިޔުމަށް ފަހު ހަބަރެއް ނުވާ ކަމަށް ވެސް ޑޭވިޑް ބުންޏެވެ. އަދި ޕޯލްއަކީ ޖާސޫސެއް ނޫންކަން އޭނާއަށް ޔަގީންކަމަށް ވެސް ޑޭވިޑް ބުންޏެވެ.

2016 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވިކަމަށް ތުހުމަތު ކުރާ މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މިއީ މިދިޔަ ޑިސެމްބަރު މަހު ރަޝިޔާއަށް ޖާސޫސު ކޮށްދިން ކަމަށް އެއްބަސްވި މަރިއާ ބުޓީނާގެ މައްސަލައިގައި، ބަދަލުހިފުމުގެ ގޮތުން ރަޝިއާއިން ކޮށްފައިވާ ކަމެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް