ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 22:43
މުޒާޙަރާގެ ބައިވެރިންގެ ކުރިމަތީގައި ހަތިޔާރު އެޅި ސިފައިން އެތުރިލައިގެން
މުޒާޙަރާގެ ބައިވެރިންގެ ކުރިމަތީގައި ހަތިޔާރު އެޅި ސިފައިން އެތުރިލައިގެން
އޭއެފްޕީ
މަޑަގަސްކަރައިގެ ރިޔާސީ އިންތިހާބު 2018
ވޯޓުގައި މަކަރު ހެދިކަމަށް ބުނެ މަޑަގަސްކަރައިގައި މުޒާހަރާ ކޮށްފި
ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ކަރުން ގޭސް ޖެހުމާއި ގުޅިގެން، މުޒާހަރާ ވަނީ މާ ގިނަ އިރުތަކެއް ނުވެ ރޫޅިފައި

ވޯޓުގައި މަކަރު ހެދިކަމަށް ބުނެ، މަޑަގަސްކަރައިގެ ރިޔާސީ އިންތިހާބުން ބަލިވި މާކް ރަވަލޮމަނާނާގެ އެތައް ހާސް ސަޕޯޓަރުން ވެރިރަށް އަންޓަނަނަރީވޯގެ މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްފިއެވެ.

އެ ގައުމުގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ކަރުން ގޭސް ޖެހުމާއި ގުޅިގެން، މާ ގިނަ އިރުތަކެއް ނުވެ މުޒާހަރާ ވަނީ ރޫޅިފައެވެ.

މުޒާހަރާގައި ބައިވެރިވި ރަވަލޮމަނާނާގެ ޕާޓީގައި މަސައްކަތް ކުރާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، ހަނިތްރާ ރަޒަފިމަނަންސޯ ވިދާޅުވީ އެ މީހުން (މުޒާހަރާގެ ބައިވެރިން) މަސައްކަތް ކުރީ އިންތިހާބުގެ ދެވަނަ ބުރުގައި ހުރި ފުށުއެރުންތައް ސްކްރީންއަކަށް އަޅުވައިގެން ދައްކަން ކަމަށެވެ. ނަމަވެސް ފުލުހުން ކަރުނަ ގޭސް ބޭނުންކުރުމުން މި ކަން ނާކާމިޔާބުވީ ކަމަށް ރަޒަފިމަނަންސޯ ވިދާޅުވިއެވެ.

މަޑަގަސްކަރައިގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ އިންތިހާބާއި ބެހޭ ގޮތުން ރަވަލޮމަނާނާ ހުށައަޅާފައިވާ މައްސަލައިގެ ހުކުމް އަންނަ ހަފުތާގައި އިއްވާނެ ކަމަށް ބުނެފައެވެ.

ޑިސެމްބަރު މަހު ބޭއްވި އިންތިހާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން، ރައީސް އެންޑްރީ ރަޖޮއެލީނާއާއި ވާދަކޮށް ރަވަލޮމަނާނާއަށް ލިބުނީ ވޯޓުގެ 44 އިންސައްތައެވެ.

ރަޖޮއެލީނާއާއި ރަވަލޮމަނާނާގެ ވާދަވެރިކަން ފެށިގެން ދިޔައީ، 2009 ވަނަ އަހަރު ރަވަލޮމަނާނާ ރައީސްކަމުން ދުރުކުރުމަށް، އަންޓަނަނަރީވޯގެ މޭޔަރަކަށް ހުންނަވި ރަޖޮއެލީނާ އިސްކޮށް ހުންނަވައިގެން ގެނައި ބަޢާވާތާއި ގުޅިގެންނެވެ. ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ދަށުން 2013 ވަނަ އަހަރުގެ އިންތިހާބުގައި ދެ ބޭފުޅުން ވާދަކުރެއްވުން އޮތީ މަނާކުރެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް