Advertisement
ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 17:28
ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތު
ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތު
މުހައްމަދު ޝަރުހާން
ސްޓޭޓް މިނިސްޓަރގެ މަގާމު
މިނިސްޓަރ އޮފް ސްޓޭޓްގެ މަގާމަށާއި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަނުކުރައްވައިފި
އިފްހާމް ޙުސައިން އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑައިރެކްޓަރުގެ މަގާމުގައި

މިނިސްޓަރ އޮފް ސްޓޭޓުގެ މަގާމަށާއި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ބޭފުޅާކު އައްޔަނުކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ސްޓޭޓް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މިނިސްޓަރ އޮފް ސްޓޭޓްގެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ މާފަންނު ޖަވާހިރުވާދީ އިފްހާމް ޙުސައިނެވެ. އިފްހާމް ޙުސައިންއަކީ އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ސަދަރން ކުއީންސްލަންޑުން މާސްޓަރސް އޮފް އެޑިއުކޭޝަން ހާސިލުކުރައްވައި، ހަމަ އެ ޔުނިވަރސިޓީން ބެޗެލަރސް ޑިގްރީ އިން އަރލީ ޗައިލްޑްހުޑް، ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިފްހާމް ޙުސައިން އަށް ވަނީ 2015 ވަނަ އަހަރު ޑުބާއީގައި ދެވޭ އިންޓަރނޭޝަނަލް އެވޯޑް ޕްރިންސަސް ހަޔާ ފޮރ ސްޕެޝަލް އެޑިއުކޭޝަން ވެސް ލިބިވަޑައިގެންފައެވެ. އަދި، 2016 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ފަރާތުން ދެއްވި ޑިސެބިލިޓީ އެވޯޑް ވެސް އިފްހާމަށް ވަނީ ލިބިވަޑައިގެންފައެވެ. މި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކަމާގުޅޭ މާހިރުން ދެއްވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ދެއްވާ އެވޯޑެކެވެ. މީގެއިތުރުން އިފްހާމަށް ވަނީ މުޖުތަމަޢުގައި އަންހެނުން ކުރިއެރުވުގެ ރޮނގުން ދެއްވާ ރެހެންދި އެވޯޑް ވެސް 2017 ވަނަ އަހަރު ލިބިވަޑައިގެންފައެވެ. އިފްހާމް ޙުސައިން އެންމެ ފަހުން ހުންނެވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑައިރެކްޓަރުގެ މަޤާމުގައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބުދަ ދުވަހު އެޓަރަނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަޤާމަށް މާފަންނު ނިޔަދުރުމާގެ ޚަދީޖާ ޝަބީން ޢައްޔަންކުރައްވާފައެވެ. ޚަދީޖާ ޝަބީން އެމަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.ޚަދީޖާ ޝަބީން އަކީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯ އިން މާސްޓަރ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަރނުން ބެޗެލަރ އޮފް ލޯސް ވިތު އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.ޚަދީޖާ ޝަބީންއަކީ ޤާނޫނީ ދާއިރާގައި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޚަދީޖާ ޝަބީން މީގެ ކުރިން ވަޒީފާ އަދާކުރެއްވި ތަންތަނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ މަޤާމުތަކުގެ އިތުރުން އަމިއްލަ ލޯ ފަރމްތަކުގައިވެސް ޤާނޫނީ ދާއިރާއިން މަސައްކަތްކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި 2 ބޭފުޅުން މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން އެމަނިކުފާނަށް ލިބިދޭ ބާރުގެ ދަށުންނެވެ. މިބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ދެއްވީ ބުދަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިހާތަނަށް ސްޓޭޓް މިނިސްްޓަރ ލެވެލްގެ 46 މަގާމު ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް