Advertisement
ކ. މާލެ
|
2 ޖެނުއަރީ 2019 | ބުދަ 10:43
ބަންޑާރަނައިބު އިބްރާހިމް ރިއްފަތު
ބަންޑާރަނައިބު އިބްރާހިމް ރިއްފަތު
މުހައްމަދު ޝަރުހާން
ބަންޑާރަނައިބު
ޕީޖީ އަމަލުކުރައްވާނެ އާ ސިޔާސަތު އޭޖީ ކަނޑައަޅުއްވައިފި
ސިޔާސަތުތައް ކަނޑައަޅާފައިވަނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު

ޖިނާއީ މައްސަލަތަކުގައި ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރައްވާނެ މައިގަނޑު ސިޔާސަތުތައް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ކ) ގެ ދަށުން ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ކަނޑައަޅުއްވައިފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން  ބުނީ ޕީޖީއިން އަމަލުކުރާނެ ސިޔާސަތުތައް ކަނޑައަޅާފައިވަނީ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. 

އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީއަށް 2008 ވަނަ އަހަރު އަމަލުކުރަން ފެށުމަށްފަހު އެ އަހަރު އާންމުކުރި ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ، ކުށުގެ ބާވަތަށް ބިނާކޮށް، އާންމު އުސޫލެއްގެ ގޮތުން ދައުވާކުރެވެންވާނެ ބާވަތުގެ މައްސަލަތަކެއް ފާހަގަކުރުމަށް ކަމަށެވެ. 


ނަމަވެސް އަލަށް އެކުލަވާލެވުނު ސިޔާސަތުގައި ކުށުގެ ވެށިން ކުށްވެރިން ދުރުކޮށް މުޖުތަމައަށް އަނބުރާ ގެނައުމަށް އިސްކަން ދެއްވައިގެން މިނިވަންކަމާއި ހަމަހަމަކަމާއެކު ޕީޖީގެ މަސައްކަތް ކުރިއަށް ގެންދިއުން ކަށަވަރުކުރުމަށް ބާރުއަޅުއްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

އެ ބަޔާނުގައިވާ ގޮތުން ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރެއްވުމުގައާއި،  ދަޢުވާތައް މުރާޖަޢާކުރެއްވުމުގައާއި، އަދި ދަޢުވާ ނުކޮށް ދޫކުރާއިރު ނިންމާ ނިންމުންތައް ނިންމަނީ ހަމަހަމަކަމާއެކު، ހާމަކަން ބޮޑު ގޮތެއްގައި، އަދި ޤާނޫނީ ހަމަތަކާއެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރެއްވުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލް ރިޢާޔަތްކުރައްވަންވާނެ ޢާންމު ސިޔާސަތުތަކެއް ހިމެނަންޖެހެއެވެ. 

އެ ސިޔާސަތުތަކަކީ ކުޑަކުދިންގެ މައްޗަށް ޖިނާއީ ޢަދުލުގެ ނިޒާމު ހިންގޭއިރު، އެ ކުދިންގެ މަޞްލަޙަތަށް އެންމެ ފައިދާ ހުރިގޮތަށް އިސްކަންދެވޭނެ އުޞޫލަކުން، އަދި އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް ގެނެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ ނިޒާމެއްގެ ތެރެއިން އެކުދިންނާމެދު ކަންކުރެވިގެންދިޔުމަށް ބާރުއަޅައިދޭ ސިޔާސަތުތަކެކެވެ.

ގާނޫނުު އަސާސީ ބުނާ ގޮތުން ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް ކަމަށް ވިޔަސް، އެފަދަ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތު ކަނޑައެޅުމަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތެކެވެ. ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުއްވުމާ އެކު، 2008 އިން ފެށިގެން އަމަލު ކުރަމުން އައި ކުރީގެ ސިޔާސަތު އުވުނީ އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް