Advertisement
ކ. މާލެ
|
1 ޖެނުއަރީ 2019 | އަންގާރަ 04:31
ރައީސް ސޯލިހު(ކ) ރައީސް ނަޝީދު (ވ)
ރައީސް ސޯލިހު(ކ) ރައީސް ނަޝީދު (ވ)
އަލީ ސަމާޚް
ރައީސް ނަޝީދު
އިިންތިހާބުގައި އެމްޑީޕީން 60 ޕަސެންޓް ނަގާނެ: ނަޝީދު
އެމްޑީޕީ އަކީ ވައުދުވެ ވައުދު ފުއްދާ ޕާޓީއެއް

މި އަހަރު މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖީލީހުގެ އިންތިހާބުގައި 60 ޕަސެންޓަށް ވުރެ މަތިން، އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕްރައިމަރީގައި ވިލުފުށި ދާއިރާއަށް ވާދަކުރައްވާ ހަސަން ޢަފީފުގެ ކެމްޕޭން ރަސްމީކޮށް ލޯންޗު ކުރުމުގެ ހަފްލާގައި ހޯމަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު 53 ޕަސެންޓް މަޖިލިސް އިންތިހާބުގައި އިތުރުވެގެންދާނެ ކަމަށެވެ.

އެގޮތުން މަޖިލިސް އިންތިހާބު 60 ޕަސެންޓުން އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީއަކީ ވައުދުވެ، ވައުދު ފުއްދާ ޕާޓީއެއް ކަމަށާއި، ވައުދު ފުއްދުމުގައި އެމްޑީޕީން މަސައްކަތް ކުރާނީ "ރަނުން ރަނަށް" ކަމަށެވެ.

 ''ސަރުކާރުގެ ވައުދުތައް ފުއްދޭނީ ކުރިއަށް މި އޮތް ރައްޔިތުންގެ މަޖިލީހުގެ ސާފު ޢަޢުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިގެން. މި ރާއްޖެ އަކު މި ވަގުތަކު ނުވާނެ ތަސައްރަފު ފުދިފައި ހުރި ފަރުދެއް ރައްޔިތެއް މި ހަގީގަތް ގަބޫލު ނުކުރާނެ'' ރައީސް ނަޝީދު ވިދާޅުވިއެވެ.

ވިލުފުށި ދާއިރާއަށް އިޝާރަތް ކުރައްވާ އެމަނިކުފާނު ވިދާޅުވީ، އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ނުލިބެން ވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުން އެއީ ދާއިރާގެ ރައްޔިތުން ބޭނުންވާ ގޮތް ކަމަށެވެ. އަލަށް އިންތިހާބު ކުރާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުން އުއްމީދު ކުރާ މަޖިލީހަކަށް ކަމަށާއި އެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ ހާލު އަހުވާލު ގާތުން ބަލާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހަކީ ކާމިޔާބީތަކެއް ހޯދާފައިވާ މަޖިލީހެއް ކަމަށް ނަޝީދު ވަނީ ފާހަގަ ކުރައްވާފައެވެ.

 ''18 ވަނަ ރައްޔިތުންގެ މަޖިލީސް އެ މަޖިލީހުން ހޯދާފައި ހުރި ކާމިޔާބު އަޅުގަނޑުމެންނަށް ފާހަނގަވޭ. ހާއްސަ ގޮތެއްގައި ރައީސް ޔާމީންގެ ވެރިކަން ކަމީނާވެ ބަލިކަށިވެ ދިޔަ އެއްމެ ބޮޑު އެއްސަބަބަކީ މަޖިލީސް 18ގެ މެމްބަރުން ރައްޔިތުންގެ މަޖިލީސްގެ ރައީސްގެ އިތުބާރު ނެތްކަމަށް ޢަޢުލަބީއްޔަތުން އެންގުމުން'' ނަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ނަޝީދުގެ އިތުރުން ރައީސް ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަފްލާގައި ނަޝީދު ވިދާޅުވީ، ރައްޔިތުން އުއްމީދު ކުރާ ރާއްޖެ ހޯދައިދޭން މަޖިލިސް މެމްބަރުން މަސައްކަތް ކުރަން ޖެހޭ ކަަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ވާދަ ކުރައްވާ ކެންޑިޑޭޓުންނަށް ތާއިދު ހޯއްދެވުމަށް، ބާއްވާ އިވެންޓުތަކުގައި ވަގުތު އޮތް މިންވަރަކުން ރައީސް ނަޝީދު ގެންދަވަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. އެމަނިކުފާނުގެ އިތުރުން ރައީސް ސޯލިހު ވެސް ވަނީ ޕްރައިމަރީ ކެމްޕެއިން އިންވެންޓުތަކުގައި ބައިވެރިވެވަޑައިގަންނަވަން ފައްޓަވާފައެވެ. އެމްޑީޕީ ޕްރައިމަރީގައި 86 ދާއިރާއަކަށް 280 ކެންޑިޑޭޓުން ވާދަ ކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް