Advertisement
ކ. މާލެ
|
31 ޑިސެންބަރ 2018 | ހޯމަ 22:35
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރައީސް އޮފީސް
ހުސްނުއް ސުއޫދު
ސުއޫދުގެ ތުހުމަތުތަކުގެ މައުލޫމާތު ދޭން ޑީޖޭއޭއިން އެެދިއްޖެ
އެ ވާހަކަތަކަކީ ނުހަނު ކަންބޮޑުވާ ވާހަކަތަކެއް: ޑީޖޭއޭ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި، މަރާލާފައިވާ މީހުންނާއި ވީނުވީއެއް ނޭނގި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ކުރިިމިނަލް ކޯޓްގެ ބައެއް ގާޒީންނާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތުތައް އެ ކޯޓާ ހިއްސާކޮށްދޭން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭ އިން އެދިއްޖެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ސުޕްރީމް ކޯޓުގެ ދަށުން ހިންގަމުން އަންނަ ޑިޕާޓްމެންޓެކެވެ. ޑީޖޭއޭއިން އެގޮތަށް އެދިފައި ވަނީ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު، ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރެއްވި މައުލޫމާތުތަކާ ގުޅިގެންނެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ވިދާޅުވީ ފަނޑިޔާރުން ޝާމިލުވެގެން މަރުގެ މައްސަލަތައް ސާބިތު ނުކޮށް އެބަހުރި ކަމަށާއި ގޭންގުތަކުން ނޮމިނޭޓް ކުރާ ފަނޑިޔާރުން ކޯޓުތަކަށް އައްޔަންކޮށްފައިވާ ކަމަށެވެ. އަދި ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އެބަ އޮތް ކަމަށާއި އެކަމުގައި ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ބައިވެރިވުން ވެސް އޮތް ކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދުގެ އެ ވާހަކަތަކާ ގުޅިގެން ޑީޖޭއޭއިން އާންމު ކުރި ބަޔާނެއްގައިި ބުނެފައި ވަނީ ޝަރުޢީ ދާއިރާ އަދި ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓާ ގުޅޭ ގޮތުން އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ހަގީގަތް ހޯދައި، ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ގާނޫނީ އިމުގެތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެ ކަންކަމުގެ މައުލޫމާތާއި އަދި ގުޅުންހުރި ހެކިތަކުގެ މައުލޫމާތު ޑީޖޭއޭއާ ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން އަދި ވަކިން ހާއްސަކޮށް ކްރިމިނަލް ކޯޓާ ގުޅޭ ގޮތުން ކޮމިޝަނުގެ ރައީސް ދެއްކެވި ވާހަކަތަކަކީ، އަދުލު އިންސާފު ގާއިމު ކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން ސުޕްރީމް ކޯޓުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ޑީޖޭއިން ބުނެފައިވެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގޭންގުތަކުން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކުރި ބައެއް ކަންކަން ތަފްސީލު ކޮށްދެއްވަމުން، ސުއޫދު ވިދާޅުވީ މަރުގެ ދައުވާތައް ސާބިތު ނުކުރުމާއި ހެކިންނަށް ނުފޫޒުފޯރުވުމަށް އެހީވުމާއި ޓެރަރިޒަމްގެ މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްލުމާއި ބަންދުގެ މުއްދަތު އިތުރު ނުކޮށްދިނުމާއި ބަންދު ކުރަން ނުޖެހޭ މީހުން ބަންދުގައި ކުރުން ހިމެނޭ ކަމަށެވެ.

ކޯޓަށް ނުފޫޒު ފޯރުވައިގެން ގޭންގުތަކުން ކުރާ ބައެއް ކަންކަން:

  • މުވައްޒަފުންނާއި ފަނޑިޔާރުން ގުޅިގެން މަރުގެ ދައުވާތައް ސާބިތު ނުކުރުން
  • ހެކިންނަށް ނުފޫޒު ފޯރުވުމަށް އެހީތެރިވުން
  • ޓެރަރިޒަމް މައްސަލަތަކުގައި ހިމެނޭ މީހުން ދޫކޮށްލުން
  • ބަންދުކުރަން އެދޭ މީހުން ބަންދު ނުކުރުން
  • ބަންދު ކުރަން ނުޖެހޭ މީހަކު ބަންދު ކުރުން
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް