Advertisement
ކ. މާލެ
|
31 ޑިސެންބަރ 2018 | ހޯމަ 19:18
މަރުތައް ތަހްގީގުކުރާ ކޮމިޝަންގެ ރައީސް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ
މަރުތައް ތަހްގީގުކުރާ ކޮމިޝަންގެ ރައީސް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ
ރައީސް އޮފީސް
ކްރިމިނަލް ކޯޓުގެ ބަޔާން
ސުއޫދުގެ ވާހަކަތަކުގެ މަގުސަދަކީ ޝަރުޢީ ނިޒާމްގެ ހުރުމަތް ގެއްލުވާލައި ކޯޓުތަކުގެ ބާރު ކަނޑުވާލުން: ކްރިމިނަލް ކޯޓް
ފަނޑިޔާރުންގެ ހުރުމަތް ކެނޑޭނޭހެން ކުރާ މިފަދަ ކަންކަން އެ ކޯޓުން ބަލަމުންދާނެ ކަމަށް ބަޔާނުގައި ވޭ

މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް އުފައްދަވައިފައިވާ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ކްރިމިނަލް ކޯޓާ ބެހޭ ގޮތުން ދެއްކެވި ވާހަކަތަކަކީ ޝަރުޢީ ނިޒާމްގެ ހުރުމަތް ގެއްލުވާލައި ކޯޓުތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށް އެ ކޯޓުން ބުނެފިއެވެ. 

މަރުގެ މައްސަލަތައް ތަހުގީގުކުރުމަށް އުފައްދަވާފައިވާ ކޮމިޝަނުން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުއޫދު ދެއްކެވި ވާހަކަތަކާ ގުޅިގެން ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ނެރެފައިވާ ބަޔާނުގައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާނުންނާއި ގޭންގުތައް ގުޅިގެން މައްސަލަތައް ސާބިތުނުކޮށް ދޫކޮށްލާފައިވާ ކަމަށް ތުހުމަތުކޮށް، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ނުރައްކާތެރި ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ކޮށްފައިވާ އިރު ، އެއީ ލިބިފައިވާ ރަސްމީ ހައިސިއްޔަތެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ނާޖާއިޒު މަންފާތަކެއް ހޯދައި، ގައުމު ހަލަބޮލިކޮށް، މިނިވަން ޖުޑިޝަރީ އަޅުވެތިކުރުމަށް ދައްކަފައިވާ ބިރުހުރި ނުރައްކާތެރި ވާހަކަތަކެއް ކަމަށެވެ. އަދި އެ ވާހަކަތަކަކީ ދިވެހިރާއްޖޭގެ އަދުލުގެ ނިޒާމާ މެދު އާންމުންގެ ހިތްތަކުގައި ނަފްރަތު އުފައްދައި ޝަރުޢީ ނިޒާމްގެ ހުރުމަތް ގެއްލުވާލައި ކޯޓުތަކުގެ ބާރު ކަނޑުވާލުމުގެ ބޭނުމުގައި ދައްކާފައިވާ ވާހަކަތަކެއް ކަމުގައި އެކޯޓުން ދެކޭ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާ އުފައްދާފައިވާ "މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން" ގެ ދައުރަކީ ކަނޑައެޅިފައިވާ ވަކި މައްސަލަތަކެއް ތަހުގީގުކުރުން ކަމަށް ވާއިރު، ކޮމިޝަންގެ އިހްތިސާސްގެ ބޭރުން ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭނޭހެން މީޑިއާގައި ވާހަކަ ދައްކައި އެ ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވަރެއް ދެއްކުމުގެ ގޮތުން ސުޢޫދު  ދައްކަފައިވާ ވާހަކަތައް އެ ކޯޓުން ވަނީ ކުށްވެރިކޮށްފައެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ ފަނޑިޔާރުންނާ މެދު ފިޔަވަޅު އެޅޭނެ ޤާނޫނީ ނިޒާމް، ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން ޤާއިމްކޮށްފައިވާ ކަމަށާއި އެ ނިޒާމްގެ ތެރެއިން ފިޔަވަޅު އެޅުމަށް މަސައްކަތް ކުރުމަކާ ނުލައި، އަދި ފަނޑިޔާރުންނާ ގުޅޭ ގޮތުން ޝަކުވާ ބަލައިގަތުމުގެ ޤާނޫނީ ބާރުވެރިކަން އޮތް އެއްވެސް މުއައްސަސާއަކަށް ޝަކުވާ ހުށަހެޅުމަކާ ނުލައި، ފަނޑިޔާރުންނާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ދޮގު އަދި ފިތުނަވެރި ވާހަކަތައް ފަތުރައި، ޖިނާއީ އަދުލުގެ ނިޒާމްގެ އިތުބާރު ގެއްލުވާލުމަށް މަސައްކަތް ކުރުމަކީ ކޮންމެ ފަރާތަކުން ކުރިޔަސް އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮމިޝަނުން ކިތެންމެ ރަނގަޅަކަށް މައްސަލަ ތަހުގީގު ކުރި ނަމަވެސް ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިގެން އިންސާފު ނުލިބޭނެ ކަމަށް ސުޢޫދު ވިދާޅުވެފައިވާއިރު، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ސުއޫދުކުރައްވާ ތުހުމަތާ ގުޅޭ ގޮތުން އަމިއްލައަށް ގޮތެއް ނިންމައިގެން ވާހަކަ ދެއްކެވިކަމީ ހުސްނުއްނިއްޔާއެއް ނެތި ޒިންމާދާރުކަން ކުޑަގޮތެއްގައި ދެއްކި ވާހަކަތަކެއް ކަމުގައި އެ ކޯޓުން ދެކޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ. 

ޖިނާޢީ އަދުލުގެ ނިޒާމާ މެދު އާންމުންގެ ހިތްތަކުގައި ނުބައި ތަސްއްވަރެއްދީ ކްރިމިނަލް ކޯޓާއި ކޯޓުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭނޭހެން ކުރާ އެ ފަދަ ކަންކަން އެ ކޯޓުން ބަލަމުންދާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް