ކ. މާލެ
|
31 ޑިސެންބަރ 2018 | ހޯމަ 07:13
ބެލްގްރޭޑް ގެ މަގުތަކަށް މީހުން ނިކުމެ މުޒާހަރާ ކުރަނީ
ބެލްގްރޭޑް ގެ މަގުތަކަށް މީހުން ނިކުމެ މުޒާހަރާ ކުރަނީ
ޓްވިޓަރ
ސާބިޔާ
ސާބިޔާގެ ރައީސަށް ވަގަށް ގޮވަމުން ރައްޔިތުން މަގު މައްޗަށް
ރައީސްގެ އިސްތިއުފާއަށް ވަނީ ގޮވާލާފައި

ސާބިޔާގެ ރައީސް އެލެކްސެންޑްރާ ވުޗިޗް އަށް ''ވަގަށް'' ގޮވަމުން އެ ގައުމުގައި މުޒާހަރާ ކުރަން ފަށައިފިއެވެ.  

ވެރިރަށް ބެލްގްރޭޑްގެ މަގުތަކަށް އެއްވި މީހުން ބުނަމުން ދަނީ ރައީސް ވުޗިޗް އަކީ ކޮރަޕްޓް ވެފައިވާ މީހެއްކަމަށާއި އޭނާ ވަނީ ދައުލަތުގެ ހަޒާނާއިން ވައްކަން ކޮށްފައިވާ ކަމަށެވެ.

އެތައް ހާސް ބަޔަކު އެއްވި މި މުޒާހަރާގައި ބައިވެރިން ވަނީ، ނޫސްވެރިންނަށާއި އިދިކޮޅު ސިޔާސީ ލީޑަރުންނަށްދޭ އަނިޔާތަށް ހުއްޓުމަށް ސަރުކާރަށް ގޮވާލާފައެވެ.

މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގައި 25،000 ހާހަކަށް މީހުން ބައިވެރިވެ އަޑު އުފުލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚުދުމުހުތާރު ވެރިކަމެއް ކުރައްވަމުންދާ ރައީސް ވުޗިޗް އެގައުމުގެ ''އާރްޓީވީ ބީ 92'' އަށް ދިން ބަސްދީގަތުމެއް ގައި ވިދާޅުވީ، ރައްޔިތުންނާ އެމަނިކުފާނާއި ހިޔާލު ތަފާތުވާ ސަބަބު އެގެން ބޭނުންވާ ކަމަށެވެ. ނަމަވެސް، މިލިއަން މީހުން މުޒާހަރާ ކުރިޔަސް އެ މީހުން ޑިމާންޑް ކުރާ ހުރިހާ ކަމެއް ކޮށް ނުދެވޭނެ ކަމަށް ވުޗިޗް ވިދާޅުވިއެވެ.  

ފުރާންސުން މަޝްހޫރުވި ޔެލޯ ވެސްޓް މުޒާހަރާ ނަކަލަކަށް ނަގައިގެން ޔެލޯ ވެސްޓް އަޅައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ ވުޗިޗް ދިރިއުޅޭ ގެ ކައިރިއަށް އެއްވެ އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.  

ސަރުކާރަށް ރައްޔިތުންގެ ތާއިދު އޮތްތޯ ބަލަން ކުއްލި ވޯޓެއް ނަގަން ތައްޔާރު ކަމަށް އެމަނިކުފާނު ވަނީ ވޭތުވެދިޔަ ހަފްތާގައި ވިދާޅުވެފައެވެ. ނަމަވެސް ކުއްލި އިންތިހާބެއް ބާއްވައިފިއްޔާ ބޮއިކޮޓް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނާމުންނެވެ.

 މި ފަހަކަށް އައިސް ސަރުކާރާ އިދިކޮޅު ފަރާތްތަކަށްދޭ އަނިޔާތައް ވަނީ ގިނަވެފައެވެ. އެގޮތުން މިމަހު ސަބިޔާގެ ވާތު ޕާޓީގެ ލީޑަރު ބޮރްކޯ ސްޓެފަނޯވިކް އަށް ދިން ހަމަލާއެއްގައި އޭނާ އަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ވެފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް