ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 17:16
މަރާލާފައިވަނިކޮށް ފެނުނު ދެ ފަތުރުވެރިން
މަރާލާފައިވަނިކޮށް ފެނުނު ދެ ފަތުރުވެރިން
މުހައްމަދު ޝަރުހާން
މޮރޮކޯ
މޮރޮކޯގައި ދެ އަންހެނުން މަރާލި މައްސަލައިގައި ސްވިސް ފިރިހެނަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ޖުމްލަ 20 މީހަކު ވަނީ ހައްޔަރުކޮށްފަ

މި ޑިސެމްބަރ މަހު މޮރޮކޯގައި އަންހެން ދެ ފަތުރުވެރިން މަރާލި މައްސަލައިގައި އެ ޤައުމުގެ ސެންޓްރަލް ބިއުރޯ އޮފް ޖުޑީޝަލް އިންވެސްޓިގޭޝަންސްއިން ސްވިޒަލޭންޑަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ޑެންމާކަށް ނިސްބަތްވާ، އުމުރުން 24 އަހަރުގެ ލުއީޒިއާ ވެސްޓްރޭގަރ ހެސްޕަރސަން އާއި ނޯވޭއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ މެރެން ޔޫލަންޑް މަރާލާފައި އޮއްވާ ފެނިފައިވަނީ ޑިސެމްބަރ 17 ވަނަ ދުވަހު މޮރޮކޯގެ އިމްލީލް ކިޔާ އަވަށެއްގެ ކައިރިންނެވެ. އެ ދެ މީހުން ފެނުނު އިރު އެމީހުންގެ ކަރުގައި ވަޅިން ހަމަލާދީފައިވާ ޒަޚަމްތައް ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ނަން ހާމަ ނުކުރި ނަމަވެސް، މޮރޮކޯގެ ސެންޓްރަލް ބިއުރޯ އޮފް ޖުޑީޝަލް އިންވެސްޓިގޭޝަންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ މީހާއަކީ، ޓެރަރިސްޓް އަމަލުތައް ހިންގުމަށް މޮރޮކޯ އާއި އެ ސަރަހައްދުގެ އެހެން ޤައުމުތަކުގެ ރައްޔިތުން ރެކްރޫޓް ކުރާ ކަމަށް ތުމަތު ކުރެވޭ މީހެއް ކަމަށެވެ. އަދި އެމީހުންގެ މައިގަނޑު އަމާޒަކީ މޮރޮކޯގައި އުޅޭ އެކި ޤައުމުތަކުގެ ރައްޔިތުން އަމިއްލަ ރައްކާތެރިކަމަށްޓަކައި ގެންގުޅޭ ހަތިޔާރު ފޭރުން ކަމަށް ތުހުމަތު ކުރެވޭ ކަމަށްވެސް ސެންޓްރަލް ބިއުރޯ އޮފް ޖުޑީޝަލް އިންވެސްޓިގޭޝަންސްގެ ބަޔާނުގައި ބުނެފައިވެއެވެ.

ސެންޓްރަލް ބިއުރޯ އޮފް ޖުޑީޝަލް އިންވެސްޓިގޭޝަންސްއިން އިތުރަށް ބުނެފައިވަނީ، ހައްޔަރުކޮށްފައިވާ މީހާގެ އަތުގައި، އޭނާގެ ނަންމަތީގައި މޮރޮކޯގެ ރެޒިޑެންސް ވިސާ ޖަހާފައިވާ ސްޕެއިންގެ ޕާސްޕޯޓެއްވެސް އޮތް ކަމަށެވެ. އެ އިދާރާއިން ބުނެފައިވަނީ ހައްޔަރުކޮށްފައިވާ މީހާ، އެހެން މީހުންނަށް މުއާމަލާތް ކުރުމުގެ ހުނަރުތަކާއި، ހަތިޔާރު ގެންގުޅުމުގެ ހުނަރު ދަސްކޮށްދެމުންދާ ކަމަށްވެސް ތުހުމަތު ކުރެވޭ ކަމަށެވެ.

ދެ އަންހެނުންގެ މަރުގެ އިތުރުންވެސް ހައްޔަރުގައިވާ މީހާ އާއި މެދު ކުރެވޭ ތުހުމަތުތައް ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށް ސެންޓްރަލް ބިއުރޯ އޮފް ޖުޑީޝަލް އިންވެސްޓިގޭޝަންސް އިން ވަނީ ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން މީގެ ކުރިންވެސް 19 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ދެ އަންހެނުން މަރާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ 4 މީހުންވެސް ހިމެނެއެވެ. މި ހަތަރު މީހުންނަކީވެސް ދެ އަންހެނުންގެ މަރުވެފައިވާ ހަށިގަނޑު ފެނުމުގެ 3 ދުވަސް ކުރިން، އައިސިސްގެ ނަމުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާޢަތް، ދައީޝްއަށް ބައިއަތުހިފައި، ވީޑިއޯއެއް ތައްޔާރުކޮށްފައިވާ 4 މީހުންނެވެ.

މޮރޮކޯގެ ޖާސޫސީ އިދާރާގެ ތަރުޖަމާނު ވިދާޅުވީ، މި ހަތަރު މީހުން އެ އަމަލު ހިންގާފައިވަނީ ދައީޝް ޖަމާއަތުން އިރުޝާދު ދީގެން، އެ ޖަމާއަތާއި ގުޅިގެންކަން ސާބިތުކުރެވޭނެ ހެއްކެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށެވެ.

އުތުރު އެފްރިކާގެ އެހެން ޤައުމުތަކާއި ޚިލާފަށް މޮރޮކޯ އަކީ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާއަތްތަކުގެ ހަމަލާތައް މަދު ޤައުމެކެވެ. އެ ޤައުމުގައި އެންމެ ފަހުން އެފަދަ ހަމަލާއެއް ދީފައިވަނީ 2011 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. މަރަކޭޝްގެ ރެސްޓޯރަންޓަކަށް ދިން އެ ހަމަލާގައި 17 މީހުން މަރުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް