Advertisement
ކ. މާލެ
|
30 ޑިސެންބަރ 2018 | އާދީއްތަ 15:44
މިނިސްޓްރީ އޮފް ހައުސިން އާރބަން އެންޑް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޝީދު
މިނިސްޓްރީ އޮފް ހައުސިން އާރބަން އެންޑް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޝީދު
ހައްވާ މުހައްމަދު
ފްލެޓަށް އެދެން ކިޔޫގައި ޖެހެން ނުޖެހުން
ފްލެޓަށް އެދެން ކިއޫގައި ޖެހެންނުޖެހޭ ނިޒާމެއް ގާއިމްކުރަނީ!
ޕޯޓަލްއާ ގުޅޭ ޑޭޓާ ބޭހެއް އެކުލަވާލުމުގެ އަމަލީ މަސައްކަތް ވަނީ ފެށިފައި
ސްޓޭކް ހޯލްޑާރސް އާއި މި ކަމުގައި ބައިވެރިވާ އެހެން ފަރާތްތަކާ މަޝްވަރާ ދަނީ ކުރަމުން

ފްލެޓަށް އެދެން ކިއޫގައި ޖެހެންނުޖެހޭ ނިޒާމެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން އާރބަން އެންޑް ޑިވެލޮޕްމަންޓްގެ ސްޓޭޓް މިނިސްޓަރ އަހްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވި ގޮތުގައި މިއީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެެކެވެ. ފްލެޓަށް އެދޭ މީހުން ކިޔޫގައި ނުޖެހި ފްލެޓަށް އެދެވޭ ޕޯޓަލްއެއް ހެދުމުގެ މަސައްކަތް ނެޝަނަލް ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލިޖީއާ ގުޅިގެން ކުރަމުން އަންނަ ކަމަށާއި ޕޯޓަލްއާ ގުޅޭ ޑޭޓާ ބޭހެއް އެކުލަވާލުމުގެ އަމަލީ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

މިކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ގޮތެއް ބެލުމަށް ސްޓޭކް ހޯލްޑާރސްއާ މި ކަމުގައި ބައިވެރިވާ އެހެން ފަރާތްތަކާ މަޝްވަރާކުރެވެމުންދާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ސިސްޓަމް ހެދުމުން ކޮންމެ ރައްޔިތަކަށް ވެސް ޕޯޓަލް އަށް ލޮގިންކުރުމުން އެ މީހެއްގެ ޒާތީ މައުލޫމާތު ފެންނާނެ ކަމަށެވެ. ޕޯޓަލްއަށް ވަދެ ފްލެޓަށް އެދުމުން ހިގަމުންދާ ހުރިހާ ބޯހިޔާވަހިކަމާއި ޕްލޭންކުރެވިފައި އޮތް މަޝްރޫއެއް ވާނަމަ އެނގިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ވަކި ސްކީމަކަށް އެދިވަޑައިގަންނަވާކަމުގައި ވާނަމަ ޝަރުތު ހަމަވޭތޯ ނުވަތަ ނޫންތޯ އަމިއްލައަށް ބެލޭނެ. ދެން އޭގެ ފަހުން އެ ބޭފުޅަކުވެސް ސްކީމްގައި ބައިވެރިވެވަޑައިގެންފައި ހުރި ކަމުގައި ވާނަމަ ކިއު ތަރުތީބުން ހުރި ހިސާބެއް އެނގިގެންދާނެ. މިއީ ވީހާ ވެސް ފަސޭހަކޮށް މިކަން ކުރެވޭނެ ގޮތެއް ހެދުން އަޅުގަނޑުމެންގެ މަގްސަދަކީ،" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ފާއިތުވި އަހަރުތަކުގައި ގިނަ ފަރާތްތަކެއް ބޯހިޔާ ވަހިކަމަށް އެދި ކިޔޫގައި ޖެހި ބޮޑެތި ތަކްލީފްތަކެއް އުފުލި މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. ފްލެޓް އެދޭ ފޯމް ހޯދުމަށާއި، ފޯމް ލުމަށް ގިނަ ބަޔަކު ގިނައިރުތަކެއް ވަންދެން ކިޔޫގައި ޖެހެން ޖެހުނު މަންޒަރު ފެނިގެން ދިޔައެވެ.

މީގެ އިތުރުން ހައުސިން ނީޑް އެސެސްމަންޓް ނުވަތަ ބޯހިޔާވަހިކަން ބޭނުންވާ މީހުންގެ އަދަދު ދެނެގަތުމަށް ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މިއީ ވެސް ބޯހިޔާ ވަހިކަމާ ގުޅޭ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭގެ ޑޭޓާ އެންޓަރ ކުރެވެމުންދާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް