ޔަމަމަނުގެ ހަނގުރާމައިގެ ކުރީސަފުގައި މަސައްކަތްކުރުމަށް ސައުދީ އަރަބިއާއިން ދާރުފޫރުގެ ކުދިން ހޯދާފައިވާ ކަމަށް ނިއުޔޯކް ޓައިމްސްގައި ރިޕޯޓްކޮށްފިއެވެ.
ނިއުޔޯކް ޓައިމްސްގައި ހުކުރު ދުވަހު ޝާއިއުކޮށްފައިވާ ރިޕޯޓެއްގައިވާ ގޮތުން ދާރުފޫރުގެ ނިކަމެތި އާއިލާތަކުގެ ތެރެއިން ކުދިން ފޮނުވަން އެއްބަސްވާ އާއިލާތަކަށް 10،000 އެމެރިކާ ޑޮލަރު ހުށަހަޅާފައިވާކަމަށެވެ.
ސައުދީިއާއި ޔޫއޭއީ އިސްވެ އޮވެ އުފައްދާފައިވާ ކޯލިޝަނުން ގެންދަނީ ޔަމަނުގެ ރައީސް އަބްދު ރައްބޫ މަންސޫރު ހާދީގެ ސަރުކާރުގެ ދިފާއުގައި ޔަމަނުގެ ހޫސީންނާ ދެކޮށް 2015 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ހަނގުރާމަކުރަމުންނެވެ.
ސޫދާނުންވެސް ވަނީ ސައުދީ ކޯލިޝަނާ ގުޅި އެއްގަމު މަގުން ހަނގުރާމަ ކުރުމަށް ސިފައިން ފޮނުވާފައެވެ.
ޔަމަނުގެ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ގައުމަށްދިޔަ ސިފައިންގެ ފަސް މީހަކު ނިއުޔޯކް ޓައިމްސްއަށް ބުނެފައިވަނީ އެމީހުންގެ ޔުނިޓް ތަކުގެ 20 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ އަދަދަކީ ކުޑަކުދިންކަމަށެވެ.
ހަނގުރާމައިގައި ބައިވެރިވަމުންދާ ކުދިންގެ އެވްރެޖް އުމުރަކީ 14 އަހަރާއި 17 އަހަރާ ދެމެދެވެ. ހަނގުރާމައަށް ކުދިން ފޮނުވި އާއިލާތަކުން އެކަން ކޮށްފައިވަނީ ހަނގުރާމައިގައި އުޅެމުންދާ ސޫދާނުގެ އޮފިސަރުން ރިޝްވަތުގެ ގޮތުގައި އެ އާއިލާތަކަށް ފައިސާ ދިނުމުން ފައިސާގެ ދަހިވެތިކަމުގައެވެ.