ޗައިނާ އިން ހައްޔަރު ކުރި ކެނެޑާގެ ޓިޗަރު މިނިވަންކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި މަހު ކުރީ ކޮޅު ހައްޔަރު ކުރި ސާރާ މެކް ކްލެވާ މިނިވަންކޮށް, އަނބުރާ ކެނެޑާއަށް ފޮނުވާލާފައި ވަނީ ހުކުރު ދުވަހު ކަމަށް ޗައިނާގެ ނޫސްތަކާ ހަވާލާދީ ބައެއް ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މެކް ކްލެވާ އަކީ ޗައިނާގައި އިނިގިރޭސި ކިޔަވާދެމުން ދިޔަ ޓީޗަރެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ޗައިނާގައި މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ.
މެކް ކްލެވާ މިނިވަން ކޮށްފައިވާއިރު، ކެނެޑާގެ އިތުރު ދެ ރައްޔިތަކު ތިބީ އަދިވެސް ޗައިނާގައި ބަންދުކޮށްފައެވެ. އެއީ ކެނެޑާގެ ޑިޕޮލްމެޓެއް ކަމަށްވާ މައިކަލް ކޮވްރިގްގެ އިތުރުން މައިކަލް ސްޕާވޯއެވެ. މި ދެމީހުން ހައްޔަރު ކޮށްފައިވަނީ ޗައިނާގެ ސަލާމަތައް ނުރައްކާވާ ކަމަށް ޝައްކު ވެގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް މި ދެމީހުންގެ ކަންތައް ވަރަށް ގާތުން ބަލަމުންދާ ކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފައެވެ.
ޗައިނާގެ ވާވޭ ކުންފުނީގެ ސީއެފްއޯ މެންގް ވަންޒޫ ކެނެޑާއިން ހައްޔަރު ކުރި ހިސާބުން ޗައިނާއާ ކެނެޑާ ދެމެދު އޮންނަ ގުޅުން ވަނި ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެގޮތުން މެންގް ހައްޔަރު ކޮށްފައިވަނީ އިންސާނިއްޔާތާއި ހިލާފަށް ކަމަށް ޗައިނާ އިން ދަނީ ބުނަމުންނެވެ.
ވާވޭގެ ސަބްސިޑަރީ ކުންފުންޏެއް ހަދައިގެން އެމެރިކާ ބޭންކް ތަކަށް އޮޅުވާލައިގެން އިރާނާ ވަގު ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި މެންގް ހައްޔަރު ކޮށްފައިވަނީ ކެނެޑާގެ އެއާޕޯޓުން މި މަހުގެ އެއްވަނަ ދުވަހުއެވެ.
ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ މެންގްގެ ޝަރިއަތުގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.