އިންތިޚާބަށް ތައްޔާރުވެފައިވާ މިންވަރާމެދު ސުވާލު އުފެދިފައިވީ ނަމަވެސް ކަނޑައެޅިފައިވާ ގޮތަށް އަންނަ އާދީއްތަ ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓްލުން ކުރިޔަށްދާނެކަމަށް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް ލޯރެން ކަބީލާ ވިދާޅުވެއްޖެއެވެ.
ކަބީލާގެ މަގާމުގެ މުއްދަތު 2016 ވަނަ އަހަރު ހަމަވި ނަމަވެސް ރިޔާސީ އިންތިޚާބު އެތައް ފަހަރެއްގެ މަތިން ފަސްކުރުމަށް ފަހު އަދިވެސް މަގާމުގައި ދެމިހުންނަވާތީ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށް ހަމނުޖެހުން ހިންގާފައެވެ.
ރައީސް ކަބީލާގެ 17 އަހަރަށްވުރެ ދިގު ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލައި ވެރިރަށް ކިންޝާސާގައި މި އަހަރުގެ ކުރީކޮޅު ކުރި މުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ލައިވް ވަޒަނާއި ކަރުނަ ގޭސްވެސް ބޭނުންކޮށްފައިވާއިރު އެތައް ބަޔަކު މަރުވެފައިވެއެވެ.
ވެރިރަށް ކިންޝާސާގައި ހުންނަ އިލެކްޝަންސް ކޮމިޝަނުގެ މައި ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ކޮންގޯގެ އިރުމަތީ ސަރަހައްދުތަކުގައި އެބޯލާ ފެތުރެމުންދިއުމާ ގުޅިގެން އިލެކްޝަން ކޮމިޝަނުން މިދިޔަ ހަފްތާގައިވަނީ ޑިސެމްބަރ 23 އަށް ތާވަލުކުރެވިފައި އޮތް އިންތިޚާބު 30 ވަނަ ދުވަހަށް ލަސްކުރެވިފައިވާކަން އިއުލާނުކޮށްފައެވެ.
"ތާރީޚް މިވަނީ ކަނޑައެޅިފައި. ޑިސެމްބަރު މަހުގެ 30. އަޅުގަނޑު ގަބޫލު ކުރަނީ ކަނޑައެޅިފައިވާ އެ ތާރީޚުގައި އިންތިޚާބު އޮންނާނެކަމަށް" ރިޔާސީ ގަނޑުވަރުގައި ބުރާސްފަތި ދުވަހު އަލް ޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ކަބީލާ ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސްކަމަށް 21 ކެނޑިޑޭޓަކު ވާދަކުރައްވައެވެ. އިލެކްޝަަންސް ކޮމިޝަނުން ބުނެފައިވަނީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރެވޭނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުކަމަށެވެ.
ގުދުރަތީ މައުދަނުގެ މުއްސަނދިކަން ލިބިފައިވާ ކޮންގޯއަށް ބެލްޖިއަމްގެ އަތުން 1960 ގައި މިނިވަންކަން ލިބުނު ފަހުން އެ ގައުމުގައި ސުލްހަވެރިކަމާ އެކު ބާރުތައް ބަދަލުވެފައެއް ނުވެއެވެ.
އުމުރުފުޅުން 47 އަހަރުގެ ކަބީލާ ވެރިކަމަށް ވަޑައިގެންފައި ވަނީ އޭނާގެ ބައްޕާފުޅު ލޯރެން ކަބީލާ އަވަހާރަކޮށްލެވުމުން 2001 ވަނަ އަހަރުއެވެ.
އޭގެ ފަހުން އިންތިޚާބަކަށް ފަހު 2006 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑަައިގެން 2011 ވަނަ އަހަރުވަނީ ދެވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންފައެވެ. އެހެން ނަމަވެސް އެ އިންތިޚާބަކީ މަކަރާ ހީލްތްހަދާ އޮޅުވާލާފައިވާ އިންތިޚާބެއް ކަމަށް ފުޅާދާއިރާއެއްގައި ވަނީ ތުހުމަތުކުރެވިފައެވެ.