މިސްރުގެ ތާރީހީ ބިނާއެއް ކަމުގައިވާ ގީޒާގެ ޕިރަމިޑްތައް ހުންނަ ސަރަހައްދުގައި ފަތުރުވެރިން ގޮވައިގެން ދަތުރު ކޮށްފައި ދިޔަ ބަހަކަށް ބޮމުގެ ހަމަލާއެއް ދިނުމުގެ ސަބަބުން ހަތަރު މީހަކު މަރުވެ އިތުރު 10 މީހަކަށް ޒަހަމްވެއްޖެއެވެ.
މިސްރުގެ އިންޓީރިއަރ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާގައި މަރުވީ ވިއެޓްނާމްއަށް ނިސްބަތްވާ ތިން ފަތުރުވެރިންނާއި މިސްރުގެ ގައިޑެއް ކަމަށެވެ. މި ހަމަލާ ދިން އިރު ބަހުން ދަތުރު ކުރަމުން ދިޔައީ 14 ފަތުރުވެރިއަކާއި ގައިޑާއި ޑްރައިވަރާއެކު ޖުމްލަ 16 މީހުންނެވެ.
މި ހަމަލާގައި ބޭނުންކުރި ބޮން އޮތީ އެ ސަރަހައްދުގެ މަގެއްގެ ފާރެއް ކައިރީގައި ބާއްވާފައެވެ. މިއީ ދެ އަހަރުގެ ތެރޭގައި ބޭރު ގައުމެއްގެ ފަތުރުވެރިންތަކަކަށް މިސްރުގައި ހަމަލާ ދިން ފުރަތަމަ ފަހަރެވެ.
އިންޓީރިއަރ މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ ސަލާމަތީ ބާރުތަކުން މި ހަމަލާ ތަހުގީގު ކުރަމުން ދާ ކަމަށާއި އެހެންކަމުން އިތުރު މައުލޫމާތެއް މި ވަގުތު ހާމަ ކުރެވެން ނެތް ކަމަށެވެ.
މިސްރުގެ ސަރުކާރުން ސިނާއީ ޕެނިންސުލާގައި ހަތިޔާރު އެޅި ޖަމާއަތްތަކާއި ހަނގުރާމަ ކުރަމުން ގެންދާތާ އަހަރުތަކެއް ވެދާނެއެވެ. ނަމަވެސް މަދު ފަހަރެއްގައި ނޫނިއްޔާ މިސްރުގެ އެތެރޭގެ ހިސާބުތަކަށް މި ހަނގުރާމައިގެ އަސަރު ކޮށްފައެއް ނުވެއެވެ.