Advertisement
ކ. މާލެ
|
29 ޑިސެންބަރ 2018 | ހޮނިހިރު 00:00
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު
ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު
ރައީސް އޮފީސް
ތެލުގެ ވަގު ވިޔަފާރި
ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ތެލުގެ ވަގު ވިޔަފާރީއާ ގުޅޭ އައު މައުލޫމާތުތަކެއް!
އެެ މައުލޫމާތު ވަނީ ބަންޑާރަ ނައިބާ ހިއްސާ ކުރައްވާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ މައްޗަށް ތުހްމަތުކުރާ ތެލުގެ ވަގު ވިޔަފާރީއާ ގުޅޭ އައު މައުލޫމާތުތަކެއް ލިބިވަޑައިގެން އެ މައުލޫމާތުތައް އެޓާނީ ޖެނަރަލްއާ ހިއްސާ ކުރައްވާފައިވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.  

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވައި ޝެއިހް ހުސެއިން ރަޝީދުގެ ކެމްޕެއިން ލޯންޗު ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޔާމިންގެ މައްޗަށް ތުހްމަތުކުރާ ތެލުގެ ވަގު ވިޔަފާރީއާ ބެހޭ މައުލޫމާތުތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންނެވީ ރައީސް ޔާމިންގެ އަރިސް ދެ ބޭފުޅެއްގެ ފޯނުގައި ހުރި މެސެޖްތަކަކާއި ލެޕްޓޮޕެއް މެދުވެރިކޮށް ކަމަށެވެ. އަދި އެއީ އެމަނިކުފާނު އިނގިރޭސި ވިލާތުގައި އަރުވާލެވިގެން ހުންނަވަނިކޮށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ބެލި އިނގިރޭސި ވިލާތުގެ ކުންފުނިން އަލުން އެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ތަހްގީގުކުރުމަށްފަހު އެ ރިޕޯޓް ލިބިވަޑައިގަތުމުން ބަންޑާރަ ނައިބާ ހަވާލުކޮށްފައިވާ ކަމަށެވެ. 

"އެ މައްސަލަ މި ސަރުކާރުން ބަލާނެކަމީ އަޅުގަނޑުގެ ހިތުގައި ކުޑަވެސް ޝައްކެތް ހިނގާ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ޔާމިންގެ މައްޗަށް ތުހްމަތުކުރާ އެ މައްސަލަ ތަހްގީގު ކުރުމަށް އެމަނިކުފާނުގެ ވެރިކަމުގައި އިނގިރޭސިވިލާތުގެ ތަހްގީގު އޮޑިޓް ކުންފުންޏެއް ކަމަށްވާ ގްރާން ތޯންޓަން އާ ހަވާލު ކުރުމުން، އެ ތަހުޤީޤް ނިންމައި، ރިޕޯޓް ހަވާލުކުރުމަށް ހަމަޖެހިފައިއޮތީ 6 ފެބްރުއަރީ 2012 ކަން ނަޝީދު ފާހަގަ ކުރެއްވި އެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުމަށްފަހު އެ މައްސަލަ ސިންގަޕޫރުގެ ކޯޓަށް ހުށައެޅެން އޮއްވާ މައްސަލަ އަނބުރާ ދިވެހި ސަރުކާރުން ގެނައީ 10 މިލިއަން ޑޮލަރު ދިނުމަށް ފަހު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.  

ޔާމިން ހިންގާފައިވާ ކަމަށް ބުނާ 800 މިލިޔަން ޑޮލަރުގެ ތެލުގެ "ވަގު ވިޔަފާރި"ގެ މައްސަލައިގައި ޔާމީން އާއި އިތުރު ނުވަ ފަރާތެއްގެ މައްޗަށް ސިންގަޕޫރުގެ ހައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންދިޔަ ލިޔުން ވަނީ ލީކްވެފައި އެވެ. 

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ޕީޕީއެމްގެ ޓިކެޓް ލިބުނު މީހުނަށް ދެން އެހެން ޕާޓީއެއްގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިނުލެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން އެއީ ގާނޫނު އޮތް ގޮތުން އެއް ޕާޓީއެއްގެ ޓިކެޓް ލިބުމަށް ފަހު އެހެން ޕާޓީއަކަށް ކުރިމަތިލުނުލެވޭނެތީ ކަމަށް ވެސް ވިދާޅުވި އެވެ.  

"ޔާމިން އެވަނީ އެމަނިކުފާނުގެ އަރިހުގައި ތިބި މީހުނަށް ގަނޑުކޮން ލަނޑެއް ދެއްވާފައި." ނަޝީދު ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
29 ޑިސެންބަރ 2018 | ހޮނިހިރު 03:20
ރަޝީދު
ނަޝީދުގެ ވާހަކަ ދިމާނުވެއެވެ.