Advertisement
ކ. މާލެ
|
28 ޑިސެންބަރ 2018 | ހުކުރު 20:52
ހުކުރު ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ހުކުރު ދުވަހުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
މުހައްމަދު ޝަރުހާން
ބޯހިޔާވަހިކަމުގެ މައްސަލަ
މާލޭގެ ގޯތިތައް ވަނީ އިތުރަށް ނުބެހޭ ވަރަށް ފޮތިތައް ކުދިވެފަ: ރައީސް ނަޝީދު
19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ އެންމެ މުހިއްމު ވަސީލަތަށް

މާލޭގެ ގޯތިތައް ވަނީ އެތައް ބަޔަކަށް ބަހައި، އިތުރަށް ނުބެހޭވަރަށް ކުދިވެފައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ހުކުރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމެއް ހޯދުމުގެ ބޭނުން ޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މިންވަރަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، މާލޭގެ ގޯތިތައް ވަނީ އެތައް ބަޔަކަށް ބަހައި، އިތުރަށް ނުބެހޭވަރަށް ކުދިވެފައި ކަމަށެވެ.

"މި މާލޭ ސަރަޙައްދުގާ ރަނގަޅު ވިހި ހާހަށްވުރެ ގިނަ ގޯތި މަދު. މާލޭގާ ދިރިއުޅޭ މީހުންގެ އަދަދު ހަތްދިހަ ހާވަށްވުރެ ގިނައިން އިތުރު. މި މާލޭގެ ރައްޔިތުންނަށް ވަކިން ހާއްސަކޮށް، ބޯހިޔާވަހިކަމުގެ ދަތިކަން އޮތް މިންވަރު އެއްވެސް ދިވެހި ސިޔާސީ ވެރިއަކަށްވެސް، އަދި އާދައިގެ އާންމު ރައްޔިތަކަށްވެސް އަދި އެހެން މުއައްސަސާއެއްގައި މަސައްކަތް ކުރި ނަމަވެސް އޮޅިފަކާއެއް ނުވާނެ. މާލޭގެ ގޯތިތައް ބަހަމުން ބަހަމުން، މިއަދު މިވަނީ ނުބެހޭ މިންވަރަށް ފޮތިތައް ކުދިވެފަ"، ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އަންނަން އޮތް ޖީލަށް ބޯހިޔާވަހިކަން ހޯދައިދިނުމަކީ ހުރިހާ ސިޔާސީ ވެރިންގެ ވާޖިބެއް ކަމަށާއި، އެ ކަމަކީ ދިވެހި ސިޔާސީ ލީޑަރުން ރައްޔިތުންނަށް ދަރާފައިވާ ދަރަންޏެއް ކަމަށެވެ. އެހެންކަމުން 19 ވަނަ ރައްޔިތުންގެ މަޖިލިސް ވެގެންދާނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ އެންމެ މުހިއްމު ވަސީލަތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިރިއުޅުމުގެ ފެންވަރަށް ބަދަލެއް ނާންނަކަން ފާހަގަކޮށް ރައްޔިތުން ކުރަމުންދާ ޝަކުވާތަކަށް އަލިއަޅުއްވާލައްވައި ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އެޅުނު ގިނަ ފިޔަވަޅުތަކުގެ ސަބަބުން ދިރިއުޅުމުގެ ހާލަތަށް ކޮންމެވެސް ވަރެއްގެ ހެޔޮ ބަދަލުތަކެއް ގެނެވުނު ކަމަށެވެ. އަދި އެކަންކަން އިތުރަށް ފުރިހަމަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

"ކިތަންމެ ބޭފުޅުންނެއް މިއަދު ވިދާޅުވާނެ، އަޅުގަނޑުމެން މިވާހަކަ ދައްކާތާ އެތައް ޒަމާނެއް ވެއްޖޭ. ދިހަ ފަނަރަ އަހަރު ވެއްޖޭ. ވީ ކަމެއް ނެތޭ. ތިމަންނާއަކަށް ގޮއްޗެއް ނުލިބެޔޭ. ތިމަންނާއަކަށް ވަޒީފާއެއް ނެތޭ ލިބިފަކާއެއް. ތިމަންނާގެ އާމްދަނީ ވަކި އިތުރުވީކީ ނޫނޭ، ފިހާރައިގާ ހުރި އެއްޗެއްގެ އަގު ވަކި ހެޔޮވީކީއެއްވެސް ނޫނޭ. އައި ބަދަލެއް ނެތޭ. އެހެންނަމަވެސް 2008 ވަނަ އަހަރު، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރަތަމަ ވެރިކަން އުފެދުނު އަހަރު، ދިވެހި ދައުލަތުގެ އާމްދަނީއަކީ 7 ބިލިއަން ރުފިޔާ. އިޖުތިމާއީ ރައްކާތެރިކަން ރައްޔިތުންނަށް ހޯދާދިނުމަށް ކުރެވުނު މަސައްކަތުގާ ދޮށީ އުމުރުގެ މީހުންނަށް ޕެންޝެއް ދެވި، އެކަނިވެރި މައިންނާ ޔަތީމު ކުދިންނާ އަޅާލެވުނު. ފޮތްލިސްޓަށް ސަލާންޖެހުން، ބޭސްފަރުވާއަށް އާދޭސްކުރުން، އޭރު ހުރި މިންވަރާ މިއަދު ހުރި މިންވަރާ އަޅުގަނޑުމެން ވަޒަންކޮށްފި ނަމަ، އެތައް ގުނައަކުން މިއަދު މިވަނީ ކޮންމެސް މިންވަރެއްގެ ނަމަވެސް ލުޔެއް ލިބިފަ"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ހުކުރު ދުވަހުގެ ވާހަކަފުޅުގައިވެސް ރައީސް ނަޝީދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީއަށް ހޯދުމަކީ މުހިއްމު ކަމެއްކަމަށް ވަކާލާތު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ދެން އުފެދިގެންދާ މަޖިލީހަކީ ހަމައެކަނި ރައްޔިތުންގެ އަޑު އިއްވާނެ މަޖިލީހަކަށް ވެގެން ދާނެ ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ސިފަ، އެ މަޖިލީހުގެ މޫނުމައްޗަކީ ހަގީގަތުގާ ރާއްޖޭގެ ރައްޔިތުންގެ ސިފަ، ރައްޔިތުންގެ މޫނުމަތި. އެއީ ރައްޔިތުންގެ ގެ. ދިވެހިރާއްޖެއަކު ނެތް އެއަށްވުރެ ވަކި މަތިވެރި ގެއެއް. އެ ގޭގާ އެ ތިއްބަވަނީ ރާއްޖޭގެ ރައްޔިތުންގެ ވަކީލުން. އެ ވަކީލުން ވަކާލާތު އެ ކުރައްވަނީ ތިޔަ ބޭފުޅުންގެ ހައްގުގަ. އިރާދަކުރެއްވިއްޔާ ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ތަފާތުވާނެ. އެ މަޖިލީހުގެ މެންބަރުން ވަކާލާތު ކުރައްވާނީ ހަމައެކަނި ތިޔަބޭފުޅުންގެ ހައްގުގަ. އެބޭފުޅުން ދެއްވާ ވޯޓު ދެއްވުމުގާ ބަރޯސާ ވާނީ އިތުރު އެހެން އެއްވެސް ކަމަކަށެއް ނޫން، ރައްޔިތުން ބޭނުންވާ ގޮތް، ރައްޔިތުންގެ ޝަކުވާތައް، ރައްޔިތުންގެ ބޭނުންތައް ހަގީގަތަކަށް ހަދާދިނުމަށް"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ، ކުރިން އިންތިޚާބު ކުރެވުނު ރައްޔިތުންގެ މަޖިލިސްތަކުން އެންމެ އެދެވޭ މަސައްކަތެއް ކުރެވިފައި ނުވި ނަމަވެސް، އެ މަޖިލީހުގެ އެންމެ ފަހުތިން ދައުރަކީ ރައްޔިތުންނަށް މުހިއްމު އެތައް ކަމެއް ކުރެވުނު މަޖިލީސްތަކެއް ކަމަށެވެ.

"ތިން މަޖިލީހުންވެސް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދީފާވާ، ގާނޫނީ ބާރުވެރިކަމާއި އަދި މިނިވަންކަމާއި، އަމިއްލައަށް މަސައްކަތްކުރުމުގެ ހައްގުތައް ހޯދާދިނުން. މި ތިން މަޖިލީހުގާ، ކުރެވިފާ ހުރި މަސައްކަތް މަދެއް ނޫން. އަޅުގަނޑުމެން މިސްރާބު ހިފާފަ މިވަނީ އަދި މާ ފުރިހަމަ މަޖިލީހަކަށް. އަޅުގަނޑުމެން މިސްރާބު އިރާދަކުރެއްވިޔާ ހިފާފަ މިވަނީ ވަގުން ހިފާ މަޖިލީހެއް ހޯދުމަށް"، ރައީސް ނަޝީދު ވިދާޅުވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް