Advertisement
ކ. މާލެ
|
28 ޑިސެންބަރ 2018 | ހުކުރު 09:26
ކަރެކްޝަނަލް ސާވިސްގެ ސުޕްރިޓެންޑެންޓުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފު
ކަރެކްޝަނަލް ސާވިސްގެ ސުޕްރިޓެންޑެންޓުގެ މަގާމުން ވަކިކުރި މުހައްމަދު އާސިފު
ރާއްޖެ އެމްވީ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް
ދައުލަތުން އެއްބަސްވުމުން، އާސިފަށް ވަޒީފާ ދޭން ހުކުމްކޮށްފި
އޭނާ މަގާމުން ވަކިކުރީ ސަސްޕެންޑްކޮށްފައި ބެހެއްޓުމަށްފަހު
ވަޒީފާ އާއި މުސާރަ ދޭން ހުކުމް ކުރީ އިއްޔެ

ކަރެކްޝަނަލް ސާވިސްގެ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމުގައި ހުއްޓާ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަޒީފާއިން ވަކިކޮށްފައިވާ މުހައްމަދު އާސިފު މަގާމުން ވަކިކޮށްފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އޭނާގެ މުސާރަ އާއި އިނާޔަތްތައް އަލުން ދޭން ދައުލަތުން އެއްބަސްވުމުން، ވަޒީފާ ރުޖޫއަ ކުރަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އާސިފް މަގާމުން ވަކިކޮށްފައި ވަނީ އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ސަސްޕެންޝަންގައި ބެހެއްޓުމަށްފަހުގައެވެ. އެކަމާ ގުޅިގެން އާސިފް ސިވިލް ކޯޓުގައި ކުރި ދައުވާގައި ބުނެފައި ވަނީ އޭނާ މަގާމުން ވަކިކޮށްފައި ވަނީ ކަރެކްޝަނަލް ސާވިސްގެ ވަޒީފާއާބެހޭ ގަވާއިދާއި އޮފިސަރުންގެ ސުލޫކީ މިންގަނޑު ބަޔާންކުރާ ގަވާއިދާއި ހިލާފަށް، ޑިސިޕްލިނަރީ ބޯޑުން ތަހުގީގު ކުރުމެއް ނެތި ކަމަށެވެ.

އާސިފްގެ ދައުވާއާ ގުޅިގެން ކަރެކްޝަނަލް ސާވިސްއިން ސިވިލް ކޯޓުގައި އެއްބަސްވެފައި ވަނީ އޭނާ މަގާމުން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށް ގަބޫލު ކުރާ ކަމަށާއި އޭނާ މަގާމުން ވަކިކުރިއިރު ހުރި ވަޒީފާ ދޭން އެއްބަސްވާ ކަަމަށެވެ.

ދައުލަތުން އެއްބަސްވި ކަންތައްތަކަށް ރިޔާއަތް ކުރުމަށްފަހު ކޯޓުން ހުކުމްކޮށްފައި ވަނީ ވަޒީފާއިން ވަކިކުރި ފަހުން ހޭދަވި މުއްދަތަށް ވާ މުސާރަ އާއި އިނާޔަތްތަކާ އެކު ޖުމްލަ 324،408 ރުފިޔާ އޭނާއަށް ދިނުމަށެވެ. އަދި އެ ފައިސާ 12 މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު ވެސް އެ މަހަކަށްޖެހޭ ވަރަށްވުރެ މަދުނޫން އަދަދެއް ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް