Advertisement
ކ. މާލެ
|
27 ޑިސެންބަރ 2018 | ބުރާސްފަތި 15:26
ރައީސް ސޯލިހު ހެނބަދޫގެ ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވަނީ
ރައީސް ސޯލިހު ހެނބަދޫގެ ނަރުދަމާ ނިޒާމު އިފްތިތާހް ކޮށްދެއްވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ރިސޯޓުތަކުގެ ފުރިހަމަ އެއްބާރުލުމާއެކު، އަސާސީ ޚިދުމަތްތައް ފުރިހަމަ ކުރުން ހަލުވިވެގެންދާނެ: ރައީސް ސޯލިހު
ރިސޯޓުތަކުގެ އެހީތެރިކަން މިހާރަށް ވުރެ ބޮޑަށް ލިބޭ ނަމަ ދައުލަތުގެ ބަޖެޓަށް ލުއިވާނެ
ހެނބަދޫއަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ލަފާފުރޭނެ ގޮތެއް ހަމަޖެހިފައި ނެތުން

ރަށްރަށުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން އެ ރަށެއްގެ ކައިރީގައި އޮންނަ ރިސޯޓުތަކުން މިހާރަށް ވުރެ ފުރިހަމައަށް އެއްބާރުލުން ލިބޭ ނަމަ އަސަސީ ޚިދުމަތްތައް ފުރިހަމަ ކުރުން ހަލުވިވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ނ. ހެނބަދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރަށްރަށުގެ އަސާސީ ޚިދުމަތްތައް ހުރިހާ ރަށަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެފަދަ ރަށްރަށާއި، ކައިރީގައި ހުރި ރިސޯޓުތަކުގެ އެހީތެރިކަން މިހާރަށް ވުރެ ފުރިހަމަ ގޮތެއްގައި ލިބޭ ނަމަ ދައުލަތުގެ ބަޖެޓަށް މާބޮޑު ބުރައަކަށް ނުވެ އަދި ހަލުއި މިނެއްގައި އެފަދަ އަސާސީ ޚިދުމަތްތައް ފުރިހަމަ ކޮށްދެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ރަށުގެ ތަރައްގީއަށް ވިޔަފާރިވެރިންނާއި، ރިސޯޓުތަކުން މިހާރު ވެސް ވަރަށް ގިނަ އެހީތެރިކަން ވެދޭކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ހެނބަދޫގެ ހާލަތަށް އަލިއަޅުއްވާލައްވައި ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންނަށް މިވަގުތު ދިމާވެފައިވާ އެންމެ ދަތިކަމަކީ ފަސޭހައިން ލަފާފުރޭނެ ގޮތެއް ހަމަޖެހިފައި ނެތުން ކަމަށާއި، ރަށުގައި ދެފާލަން އޮތަސް އެއްފާލަން އޮތީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށެވެ. އަދި ބަނދަރެއް ނެތުމުން ކިތަންމެ ގަދައިގައި ނަމަވެސް ރަށުގެ އޮޑިދޯނި ފަހަރު އަޅަން ޖެހެނީ މާސިންގާ ކަނޑުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުޑަކުދިންނާއި، މުސްޅިންނާއި، އަންހެނުން ގޮވައިގެން ލަފާފުރަން ޖެހެނީ އުރަފަށަށްއަޅަފައި އޮތް ފާލަމަކުން . މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކާއި، ދިމާވެއްޖެނަމަ އޮޑިދޯނި ފަހަރާއި މުދަލަށް އެކިވަރުގެ ގެއްލުންތައް ލިބުމަކީ މިރަށުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ވަރަށް ބޮޑު ދައްޗެއް،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ހެނބަދޫ އުފެދިފައި އޮންނަ ގޮތުން ވިއްސާރަ މޫސުމެއްގައި ނަމަ އެރަށުގައި ފެން ބޮޑުވުމަކީ ވަރަށް އާންމުކޮށް މެދުވެރިވާ ކަމެއް ކަމަށާއި، ބައެއް ފަހަރަށް ގޭގެއަށް ފެންވަދެ، ތަކެއްޗައްށާއި، މުދަލަށް ވެސް ގެއްލުން ލިބިފައި އެބަހުރި ކަމަށެވެ.

މިއީ ހައްލުކުރަންޖެހިފައިވާ މައްސަލައެއްކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ވެރިކަމާ ހަވާލުވެ މިތިބީ ރައްޔިތުންނަށް ދިމާވެފައިވާ މިފަދަ ދަތިތައް ފިލުވައިދީ ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ.

"މިރަށް ސާރވޭ ކުރުމަށްށާއި، ރަށުގެ ބަނދަރު ހެދުމާއި، މިފެށޭ އަހަރުގެ ބަޖެޓްގައި މިހާރު ވަނީ ހިމަނާފައި. އަޅުގަނޑު އުންމީދު ކުރަނީ އަންނަ އަހަރުގެ ތެރޭގައި މާލަސްނުވެ އެމަސައްކަތް ފެށޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ހެނބަދޫގައި ގާއިމްކުރެވުނު ނަރުދަމާ ނިޒާމަށް އަލިއަޅުއްވާލައްވައި ރައީސް ސޯލިހު ވިދާޅުވީ ހެނބަދޫ ރައްޔިތުން އެތައް ދުވަހަކު އުފުލަމުން ގެންދިޔަ ތަކުލީފުތަކަށް ނިމުން އައިސްފި ކަމަށާއި، މިނަރުދަމާ ނިޒާމުގެ ސަބަބުން މިރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިއްޖެ ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ އެރަށުގައި ނަރުދަމާ ނިޒާމަށް ނެތުމުން މިއަދާ ހަމައަށް ނަޖިސްފެން ހިންދަމުން އައި ގޭގެ ގޯތިތެރެއަށް ކަމަށާއި، މިހާރު ދޫކުރާ ގޯތިތައް ކުދިވުމުގެ ސަބަބުން އެގޯތިތަކުން ނަޖިސް ފެން ހިންދަމުން އައީ މަގުތަކުގައި ހަދާފަ ހުރި ވަޅުގަނޑުތަކަކަށް ކަމަށެވެ. ނަމަވެސް ނަތީޖާއަކަށްވީ ރަށުގެ ފެން ފަށަލަ އެކުގައި ތަރައްގައްޔަރުވެ ނަޖިސްވުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސާފުތާހިރު ފެނުގެ ނިޒާމެއް ގާއިމްކުރެވިފައި ނެތުމުން ހެނބަދޫ ރައްޔިތުން އެއްޗެހި ދޮވުމަށާއި، ފެންވަރާ ތާހިރުވުމަށް ވެސް ބޭނުން ކުރަމުން އައީ ނަޖިސްފެން ކަމަށެވެ. އަދި ސާފު ބޯފެނާއި، ނަރުދަމާ ނިޒާމުތަކަށް ބޭނުންވެފައިވާ ހެނބަދޫ ފަދަ ކިތަންމެ ރަށެއް ރާއްޖޭގައި އެބައޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ރަނގަޅު ތައުލީމީ ޖީލެއް ބިނާ ކުރުމަކީ މިސަރުކާރުގެ އެއް އަމާޒު ކަމަށާއި، އެކަން ހާސިލް ކުރެވޭނީ ވަށާޖެހިފައިވާ ތައުލީމީ ނިޒާމަކުން ކަމަށްވާތީ ސްކޫލުގެ ހާލަތު ރަނގަޅު ކުރުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ. އަދި އެސިޔާސަތުގެ ދަށުން ހެނބަދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ސިއްހީ ނިޒާމަށް އިޝާރަތް ކުރައްވާ ރައީސް ސޯލިހު ވިދާޅުވީ ފަރުދީ ފެންވަރުގައި ދުޅަހެޔޮ ދިރިއުޅުމެއް ލިބިގެން ނޫނީ ގައުމީ ފެންވަރުގައި އެއްވެސް ނަތީޖާއެއް ހާސިލެއް ނުކުރެވޭނެ ކަމަށެވެ.

"އެމީހަކު ދިރިއުޅޭނެ ތަނެއްގައި ފަސޭހައިން ސިއްހީ ފަރުވާ ލިބިދިނުމުގެ ސިޔާސަތުގެ ދަށުން މިރަށުގެ ސިއްހީ މަރުކަޒު ތަރައްގީ ކުރުމަށް އަޅުގަނޑުމެން އިސްކަންދޭނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުގެ ސިއްހީ ސިޔާސަތުގެ ދަށުން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތައް އެއްވިޔުއަކުން ގުޅާލެވިގެންދާނެ ކަމަށާއި، މިހާރު އެމަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް