Advertisement
ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 20:54
މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް
މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް
ޖެންޑާ މިނިސްޓްރީ
ޖެންޑަރ މިނިސްޓްރީ
ކުޑަކުދިންނަށް ކުރާ އަނިޔާގެ 78 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅާފައި: ޖެންޑަރ މިނިސްޓްރީ
މިދިޔަ މަހުގެ ނިޔަލަށް ޖުމުލަ 166 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައި
މިމައްސަލަތަކުގެ ތެރެއިން 47 އިންސައްތައަކީ ކުޑަ ކުދިންނަށް ކުރާ އަނިޔާގެ މައްސަލަ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 78 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމުލަ 166 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ކުޑަ ކުދިންނަށްކުރާ އެކި ބާވަތު އަނިޔާ 78 މައްސަލައެއް ނޮވެންބަރު މަހު ރިޕޯޓުކޮށްފައިވާ ކަމަށާއި، އެއީ މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 47 އިންސައްތަ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި، މި ބާވަތުގެ 23 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިންސީ ހާނީއްކައިގެ 21 މައްސަލަ، ޖިސްމާނީ ހާނީއްކައިގެ 14 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ ހަ މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާލިބުމުގެ އެއް މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ އެއް މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ ހިމެނޭ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ހައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 5 މައްސަލަ މިދިޔަ މަހު ހުށަހަޅައިފައިވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ ދެ މައްސަލަ، އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ އެއް މައްސަލަ، އައިޑީކާޑު، ޕާސްޕޯޓް، އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ އެއް މައްސަލަ އަދި ސިއްހީ ފަރުވާއަށް ހުރަސްއެޅުމުގެ އެއް މައްސަލަ ހިމެނޭ ކަމަށެވެ.

އާއިލީ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ޖެންޑަރ މިނިސްޓްރީން ބުނީ އާއިލީ 20 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ދިމާވާ 10 މައްސަލައާއި، ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ އަށް މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 2 މައްސަލަ ހިމެނޭ ކަމަށެވެ.

މީގެ އިތުރަށް އެމިނިސްޓްރީން ބުނީ އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 11 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ވައްކަންކުރުމުގެ 4 މައްސަލައާއި، މަސްތުވާތަކެތި ބޭނުންކުރުމުގެ 2 މައްސަލަ އަދި މާރާމާރީ ހިންގުމުގެ އެއް މައްސަލަ ހިމެނޭ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

މިދިޔަ މަހު އެމިނިސްޓްރީއަށް ހުށަހެޅި ކުޑަކުދިންގެ އަހުލާޤީ މައްސަލަތަކާ ބެހޭ ގޮތުން ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންގެ އަހުލާގާއި ގުޅުން ހުރި ނުވަ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުންނުވުމުގެ ހަތް މައްސަލަ އަދި ގެއިން ނުކުމެގެން ދިޔުމުގެ ދެ މައްސަލަ ހިމެނޭ ކަމަށެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާއަށް އަލިއަޅުއްވާލައްވާ އެމިނިސްޓްރީން ބުނީ ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 27 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކއް ކަމަށެވެ. އަދި މި ބާވަތުގެ 12 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، ނަފްސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ހަތް މައްސަލަ، ރޭޕްކުރުމުގެ ތިން މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ ދެ މައްސަލަ، އިހުމާލުވުމުގެ އެއް މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ އެއް މައްސަލަ އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ އެއް މައްސަލަ ހިމެނޭ ކަމަށް ޖެންޑާރ މިނިސްޓްރީން ބުންޏެވެ.

އެމިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 10 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ. އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަ މައްސަލަ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަތަރު މައްސަލައެއް ހިމެނޭ ކަމަށެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ ހަ މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް ވެސް ޖެންޑާރ މިނިސްޓްރީން ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
26 ޑިސެންބަރ 2018 | ބުދަ 16:39
Ali
ތީގެތެރެއިން ކިތައް މައްސަލަބާ ހައްލު ކުރެވުނީ؟؟؟