Advertisement
ކ. މާލެ
|
26 ޑިސެންބަރ 2018 | ބުދަ 08:57
ޕީޕީއެމްގެ ފިޔައިތޮށި ޖަގަހަ ހުޅުވި ޖަލްސާގައި އެ ޕާޓީގެ މުސްތަޝާރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން
ޕީޕީއެމްގެ ފިޔައިތޮށި ޖަގަހަ ހުޅުވި ޖަލްސާގައި އެ ޕާޓީގެ މުސްތަޝާރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން
މުރުޝިދް އަބްދުލް ހަކީީމް
ފަލަ ސުރުޚީ
ޕީޕީއެމް ދަރުވާލުމުގެ ޒިންމާ ނަގަންޖެހެނީ ޔާމީނާއި އަރިހުގައި ތިއްބެވި ބޭފުޅުން: ނާދިރާ
ޕީޕީއެމްގެ ކައުންސިލް ކޮންމެ މެންބަރަކު ކުރި ހަރަދުތަކުގެ ޒިންމާވާން ޖެހޭ
ސުލޫކީ ކޮމެޓީ އޮތީ ނިދާފަ

ޕީޕީއެމް ދަރުވާލި ޒިންމާ ވަރަށް ގިނަ ބަޔަކު ނަގަން ޖެހޭ ކަމަށާއި، އެކަމުގެ ޒިންމާ އެޕާޓީ އުފެއްދެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ޕާޓީން ނަންގަވަން ނުޖެހޭ ކަމަށް އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާދިރާ ވިދާޅުވީ ޕީޕީއެމްގެ ނާޖާއިޒު ފައިދާ ރައީސް އަބްދުﷲ ޔާމީން ނަންގަވާފައިވާ ކަމަށް ތުހްމަތު ކުރައްވައި، ނާދިރާ ވިދާޅުވީ ދަށު ދަރަޖައަަކަށް ޕީޕީއެމް ވައްޓާލުމުގެ ޒިންމާ އެތައް ބަޔަކު ނަގަން ޖެހޭ ކަމަށެވެ. އެކަމުގެ ޒިންމާ ނަގަންޖެހޭނީ ކުރީގެ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި، ކައުންސިލް މެންބަރުން ކަމަށް ނާދިރާ ވިދާޅުވި އެވެ. ޕާޓީން ހަރަދުތައް ކުރި ގޮތުގެ ތަފްސީލް އެނގެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"މިސާލަކަށް 2013 ވަނަ އަހަރު އިންތިޚާބުގައި އަޅުގަނޑުމެން ކެމްޕޭން ކުރިއިރުގައި ވަރަށް ރީތިކޮށް ހުރިހާ ކަމެއް ހިނގާ ދިޔަ. އެކަމަކު އިހަށް ދުވަހު މިހިނގާ ދިޔަ ކަންކަމުގައި ދަރަނިވެސް އެބައޮތޯ. ރައީސް މައުމޫން އަތުން ޕާޓީ އަތުލިއިރުގައި ނޯންނާނެ ޕާޓީގެ ދަރަންޏެއް. އަޅުގަނޑުމެންނަށް އެކަން ޔަގީންވޭ. އަޅުގަނޑުމެން އޮންނާނީ ޕާޓީގެ އުސޫލުގެ ތެރެއިން ކަންކަން ކޮށްފައި." ނާދިރާ ވިދާޅުވިއެވެ.

ރައީސް ޔާމީންއާއި، އެ މަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ޕާޓީގެ އަސާސީ ގަވާއިދާއި، ގާނޫނަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ނާދިރާ ވިދާޅުވި އެވެ. ޕީޕީއެމްގެ ސުލޫކީ ކޮމެޓީއަށް އަލިއަޅުއްވާލައްވައި ނާދިރާ ވިދާޅުވީ އެކޮމެޓީ މެންބަރުން ވެސް މިހާރު ތިއްބެވީ "ނިދާފައި" ކަމަށެވެ.

ނާދިރާ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި

"ޕާޓީ އެހާލަތު ތެރެއަށް ވައްދަން ކޯޓު ތެރެއަށް ވަދެގެން އެކުރި މަސައްކަތުގެ ނަތީޖާ ވަރަށް ހިތި މިއަދު ހަގީގަތުގައި. އެތައް ބައިވަރު ރައްޔިތުންގެ ހައްގު އެ ނިގުޅައިގަންނަނީ. އަޅުގަނޑުމެންނަށް އެނގޭ ޕީޕީއެމްގެ މެންބަރުންގެ ވިސްނުމެއް ނޫން އެއީ. ޕީޕީއެމްގެ މެންބަރުން ޔާމީނަށް ވަރަށް އިތުބާރުކޮށްފަ ތެދެއްތޯ ޕީޕީއެމްގެ މެންބަރުން ވޯޓު ދިނީ. އެކަމަކު އެވެސް ބޮލަލާޖެހީ،" ނާދިރާ ވިދާޅުވިއެވެ.

ޔާމީން މުޅި ދައުލަތް ގަނޑުބަނޑުކޮށް، ދައުލަތުގެ ކުންފުންނިތަކާއި، މުއައްސަސާތަކުން މުއައްޒަފުން ގެންގޮސްގެން މުލިޔާގޭގައި ކެމްޕޭންގެ މަސައްކަތް ކުރިވު ކަމަށާއި އިންތިޚާބުގައި ސަރުކާރުގެ ބައެއް މުވައްޒަފުންނަށް ވަޒީފާ މަސްއޫލިއްޔަތު އަދާ ކުރުމުގެ ފުރުސަތު ނުލިބުމުގެ އިތުރުން، އެތައް ބައިވަރު ކުންފުނިތަކުން ދަރަނިވެގެން ދިޔަ ކަމަށް ނާދިރާ ވިދާޅުވި އެވެ. 

ރައީސް ޔާމީން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާތީ ފާޑުވިދާޅުވެ، ނާދިރާ ވިދާޅުވީ ޕީޕީއެމްގެ ތެރޭގައި އިންނަވައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރެއްވުމަކީ ޖޯކެއް ކަމަށެވެ. ޕާޓީއެއް އުފެއްދިދާނެ ކަމަށާއި، މީގެ ކުރިން ވެސް ޕީއޭ ކިޔާ ޕާޓީއެއް އުފައްދަވައިގެން އުޅުއްވި ނާދިރާ ވިދާޅުވި އެވެ. ޔާމީން އާ ޕާޓީއެއް އުފެއްދެވި ނަމަވެސް ކާމިޔާބު ނުވާނެ ކަމަށް ނާދިރާ ވިދާޅުވިއެވެ.

"ހަމައެ އަބްދުއްރަހީމްއާ އެ ޔާމިންއާ އެމީހުންނޫންތޯ [ޕީއޭގައި] ތިބީ. ކޮންތޯކުތޯ ޖެހުނީ. އެންމެ ފަހުން އެޕާޓީ އުވާލަން ޖެހުނީ. މިއަދު އެތަން އަޅުގަނޑުމެންނަށް ފެންނަނީ،" އޭނާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ރައީސް މައުމޫން ޕީޕީއެމް އުފެއްދެވީ ވަރަށް މާތް މަގުސަދެއްގައި ކަމަށާއި، ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތް ކުރުމަށް ކަމަށެވެ. އެގޮތުން ޕާޓީގެ ވަރަށް ރަނގަޅު އުސޫލުތަކެއްގެ ތެރެއިން ކަންތައްތައް ކުރެވި، އިންތިޚާބުތައް ކާމިޔާބު ކުރެވުނު ކަމަށް ނާދިރާ ވިދާޅުވިއެވެ.

ނާދިރާ ވިދާޅުވީ ޕީޕީއެމް ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ބަލައިގަތް ކަމަށާއި، ރައްޔިތުންގެ އިތުބާރާއެކު، ކާމިޔާބު ޕާޓީއަކަށްވި ކަމަށެވެ. ނަމަވެސް ޔާމީން ވެރިކަމަށްވަޑައިގަންނަވާ، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލު ކުރައްވާ، މުޅި ޕާޓީ ހަލާކުކޮށްލީ ކަމަށް އޭނާ ވިދާޅުވިއެވެ. އުންމީދު ކުރަނީ ޕީޕީއެމް އަބުރާ ރައީސް މައުމޫނަށް ލިބޭނެ ކަމަށާއި، އޭރުން ޕާޓީ އަލުން އިޔާދަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް