Advertisement
ކ. މާލެ
|
25 ޑިސެންބަރ 2018 | އަންގާރަ 15:14
ހެލްތު މިނިސްޓަރު އަމީން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ހެލްތު މިނިސްޓަރު އަމީން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
ރާއްޖެއެމްވީ
ފުރަތަމަ 100 ދުވަހުގެ ޕްލޭން
ދުޅަހެޔޮ ސިއްހަތަކަށް މުހިންމީ ހޭލުންތެރިވުން: މިނިސްޓަރު އަމީން
ދިވެހިންގެ މަރުވާ އާބާދީގެ 85 އިން ސައްތައަކީ ގައިން ގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުން
ސިއްހީ ދާއިރާއަށް ކުރާ ހޭދަ ކުރިޔާ އަޅާ ބަލާއިރު 60 އިން ސައްތަ އިތުރުކުރަން މި ސަރުކާރުން ރާވާފައިވާ ކަން އަމީން ހާމަކުރެއްވި

ދުޅަހެޔޮ ސިއްހަތެއް ހުރި އާބާދީއެއް ދިވެހިރާއްޖޭގައި އުފެއްދޭނީ ރަނގަޅޫ ނޫން ކާނާއާ މެދު އާއްމުން ހޭލުންތެރިވެގެން ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކަށް އާއްމުން ހޭލުންތެރިކުރުވުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އިފްތިތާހުކުރަން ހޮޓެލް ޖެންގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އަމީން ވިދާޅުވީ ދިވެހިން އެއްމެ ގިނައިން މަރުވަނީ ގައިން ގަޔަށް ނާރާ، ދިރިއުޅުމުގެ އާދަކާދައިގެ ސަބަބުން ޖެހޭ ބަލިތަކުން ކަމަށެވެ. އަދި މިކަހަލަ ބަލިތައް ޖެހެން ދިމާވާ އެއްމެ ބޮޑު ސަބަބަކީ ސިނގިރޭޓާއި ސުޕާރީ އާއި އޭނާޖީ ޑްރިންކްސް އަދި ހަކުރު ގިނައިން ހިމެނޭ ބުއިންތައް ބޭނުންކުރުން ކަމަށް ވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

"ދުންފަތާއި ސުޕާރީ އާއި އޭނާޖީ ޑްރިންކްސްގެ ޒަރިއްޔާ އިން މުޅި ގައުމުގެ ސިއްހަތު ބަރުބާދުވެދާން ދޫކޮށްލުމަށް އަޅުގަނޑުމެންނަށް ތިބެވޭކަށް ނެތް. އެހެންވެއްޖެ ކަމަށްވާ ނަމަ ދިވެހި ގައުމު ވަރަށް އަވަހަށް މުސްކުޅި، މަރުވެގެން ހިނގައިދާނެ،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ މިކަން ހުއްޓުވޭނީ ދިވެހިންގެ ޒުވާން އާބާދީއަކީ ސިއްހަތު ރަނގަޅު ބަޔަކަށް ހެދިގެން ކަމަށެވެ. ހަމައެކަނި ހޭދަ އިތުރުކޮށްގެން މި މައްސަލަ ހައްލުނުވާނެ ކަން ފާހަގަކުރައްވާ އަމީން ވިދާޅުވީ މިކަން ހައްލު ކުރެވޭނީ ސިއްހީ ދާއިރާގެ ސިޔާސަތުތައް ކަނޑައަޅާ ބޭފުޅުން މިކަމަށް ހާއްސަ އިސްކަމެއް ދީގެން ކަމަށެވެ. އަމީން ވަނީ ސިއްހީ ދާއިރާއަށް ކުރާ ހޭދަ ކުރިޔާ އަޅާ ބަލާއިރު 60 އިން ސައްތަ އިތުރުކުރަން މި ސަރުކާރުން ރާވާފައިވާ ކަން ހާމަކުރައްވާފައެވެ.

މި ހަރަކާތަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކާއި (ދުންފަތް، ސުޕާރީ، އެނާޖީ ބުއިންތައް، ހަކުރު ގިނަ ބުއިންތައް) ދުރުވުމަށް އާންމުން ހޭލުންތެރިކުރުމަށް ކުރާ ހޭދަ އިތުރުކުރަން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން ފެށި ހަރަކާތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް