Advertisement
ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 16:14
ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ގ. ކެނެރީގެއަށް ވަޑައިގަންނަވަނީ
ރައީސް ނަޝީދާއި ގާސިމް އިބްރާހިމް ގ. ކެނެރީގެއަށް ވަޑައިގަންނަވަނީ
މުހައްމަދު ފަޒީން
ރައްޔިތުންގެ މަޖިލިސް 2018
ޖޭޕީން 87 ދާއިރާއަށް ވާދަ ކުރުމަކީ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް: ނަޝީދު
ޖޭޕީގެ ނިންމެވުމަށް ތައުރީފު ކުރެއްވި
އިންތިހާދު އޮންނާނީ ބަދަހިކޮށްކަން ކަށަވަރު: ނަޝީދު
ޖޭޕީން ވަނީ ހުރިހާ ދާއިރާއަށް ކުރިމަތިލާން ހުޅުވާލާފައި

ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ވާދަ ކުރުމަށް ނިންމުމުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމަށް ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން އާދީއްތަ ދުވަހު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނިންމާފައި ވަނީ އެ ޕާޓީގެ ފަރާތުން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމަށް ހުޅުވާލުމަށެވެ. އެ ފުރުސަތު އެ ޕާޓީގެ މެމްބަރުންނަށް އަންނަ އަހަރުގެ ޖެނުއަރީ 25ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުގެ އެ ނިންމުމާ ގުޅިގެން، ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުން ބޭނުންވާ ގޮތް އިހްތިޔާރު ކުރުމުގެ ފުރުސަތު ލިބޭނެ މަގު ތަނަވަސް ކޮށްދޭންޖެހޭނެ ކަމަށެވެ. އެ އުސޫލުން ޖޭޕީން އެ ޕާޓީގެ މެމްބަރުންނަށް މަޖިލީހުގެ ހުރިހާ ގޮނޑިއަސް ކުރިމަތިލުމަށް ހުޅުވާލުމުން، އެކަމަށް ތައުރީފު ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ އެ ނިންމެވުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ހިންގުމުގައި އިންތިހާދު ބަދަހިކޮށް އޮންނާނެ ކަމީ ކަށަވަރު ކަމެއް ކަމަށެވެ.

ޖޭޕީން މަޖިލީހުގެ ހުރިހާ ދާއިރާއަށް ވާދަ ކުރުމަށް އެ ޕާޓީގެ މެމްބަރުންނަށް ހުޅުވާލާފައި ވަނީ މަޖިލީހުގެ 86 ގޮނޑިއަށް ވާދަ ކުރުމަށް އެމްޑީޕީގެ މެމްބަރުން އެ ޕާޓީއަށް ފޯމު ހުށަހަޅާފައި ވަނިކޮށެވެ. އެމްޑީޕީން މަޖިލީހުގެ ހުރިހާ ދާއިރާއަށް ކުރިމަތިލާން މި މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލުމުން 280 ކެންޑިޑޭޓުން ވަނީ ފޯމު ހުށަހަޅާފައެވެ. އަދި 76 ދާއިރާއެއްގައި ޕްރައިމަރީ ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި ޕްރައިމަރީއަކާ ނުލައި 10 ކެންޑިޑޭޓަކަށް ވަނީ ޓިކެޓް ލިބިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް