ކ. މާލެ
|
11 ފެބްރުއަރީ 2017 | ހޮނިހިރު 15:19
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ
ރާއްޖެ އެމްވީ
މެޑަމް ފާތުމަތު އިބްރާހީމްދީދީ
މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން!
މަޖިލީހުގެ ރައީސް މަސީހު ގެންދަވަނީ މަޖިލީހުގެ އެތެރެއިންނާއި ބޭރުން މެޑަމް ފާތުންއަށް ކަންކަން ކޮށްދެއްވަމުން
ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ މަޖިލިސް މެމްބަރުންނާއި ވަޒީރުންނަށް ގެއަށް ވަޑައިގެންނެވޭނީ މެޑަމް ފާތުންގެ ކަންކަން ކޮށްދިނުމަށް ފަހު ކަމަށް
މަޖިލީހުގެ މެޖޯރިޓީ ލީޑަރު ނިހާނު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓެއް ނަމަ މެޑަމް ފާތުން ކަހަލަ އަންބަކު ކޮންމެހެން ބޭނުންވާނެ ކަމަށް

ދިވެހިރާއްޖޭގައި ކުރާނެ އެހެން ކަމެއް ނެތްފަދަ އެވެ. ސަރުކާރު ހިންގާ މައިޕާޓީ ޕީޕީއެމްގެ ހިންގުން ހަރުދަނާ ކުރުމާއި މެމްބަރުން އިތުރުކުރުމާއި އަންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރުމަށް ވުރެ އިސްކަންދެވޭ އިތުރު އެހެންކަމެއް ފެންނާކަށް ނެތެވެ.

 

ރައީސުލްޖުމްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ބެލުމުގެ ދަށަށް ޕީޕީއެމްގެ ހިންގުން ގެންގޮސް ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއްފަރާތްކޮށް، ޕީޕީއެމް ހިންގުމާއި ރައީސް ޔާމީންގެ ރިޔާސީ ކެމެޕެއިންގައި އެންމެ އިސްކޮށް އުޅުއްވާތަން ފެންނަނީ ރައީސް ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ (މެޑަމް ފާތުން) އެވެ.

 

މިދިޔަ ރޯދަމަހު ސައުދީ އަރަބިއާއިން ދިވެހި ރައްޔިތުންނަށް ހިލޭ ބަހަން ފޮނުވި ކަނދުރުތަކުގެ ބޮޑު ބައެއް ފާތިމަތު އިބްރާހީމްގެ ސޮދަގާތް ފައުންޑޭޝަންގެ ނަމުގައި ދިވެހި ރައްޔިތުންނަށް ބަހާ، އާސަންދައިން ހިތާނީ ކޭމްޕެއް ހިންގާ، ސަރުކާރުގެ ކުންފުނިތަކުގެ އެހީގައި ފަސްޓްލޭޑީ ނަމުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބަށި މުބާރާތެއް ބާއްވަމުންދާއިރު، މެޑަމް ފާތުން ގެންދަވަނީ ރާއްޖޭގެ ރަށްރަށަށް ވެސް ޒިޔާރަތް ކުރައްވަމުންނެވެ. އެކަމަނާގެ ނަންފުޅުގައި އޮރެންޖު ކުލައިގެ ނޫޓްތައް އަޅާފައިވާ ސިޓީ އުރަތައް ގޭގެ ދޮރު ހުރަސްކޮށް ވަންނަ ވާހަކައަކީ ވެސް އިވޭ ވާހަކަތަކެވެ. ސޯޝަލް މީޑިއާގައި ފަތުއަޑުގައި ފެތުރޭ ފޮޓޯކުން އެކަން އެނގެއެވެ.

 

މެޑަމް ފާތުންގެ އެ ހަރަކާތްތައް ހިންގަވާއިރު، އެއީ ލައްކަ ފައިސާއެވެ. އެފައިސާ ހަރަދު ކުރަނީ ކޮންތާކުންކަމާއި ބަޖެޓް ހަމަޖައްސަނީ ކޮން ގޮތަކުންކަން ރައްޔިތުން އެނގެން ބޭނުންވެއެވެ. ސަބަބަކީ މީގެ ކުރިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ބީއެމްޑަބްލިޔު ކާރަކާއި، އަތްޕުޅުގައި އަޅުއްވާނެ އަގުބޮޑު ޑައިމަންޑް އަނގޮޓިކޮޅެއް މެޑަމްއަށް ދެއްވި ވާހަކަތައް ވެސް ފެތުރިފައިވާތީއެވެ. އަދީބު އެއީ ކޮންބޭފުޅެއްކަން ދިވެހިރައްޔިތުންނަށް އެނގިގެން ދިޔައީ އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތަކާއި ކުރެވޭ ބޮޑެތި ތުހުމަތުތަކުންނެވެ. އަދީބު ގެންގުޅުންވީ ކޮން ފައިސާއެއްތޯއާ މެދު ދިވެހި ރައްޔިތުން ސުވާލު ކުރާނެ ޖާގައެއް ނެތެވެ. އެސުވާލުތަކަށް މެޑަމް ފާތުންގެ ފިރިކަލުން އަދި ރައީސް ޔާމީން ވަނީ ޖަވާބު ދެއްވާފަ އެވެ. ހަމައެކަނި އެމްއެމްޕީއާރުސީގެ ތެރެއިން 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިން ވެސް އެކަން އެނގެއެވެ.

 

ރައީސް ޔާމީންގެ މިސަރުކާރަށް އަދީބު "ބްރޯ" ވެގެން އުޅުނު ދުވަސްވަރު، އެއީ ބޭންކުތަކުން ފައިސާ ނަގަން ހުންނަ އޭޓީއެމް ފަދަ ޕީޕީއެމްއަށް ފައިސާ ވައްދާ މެޝިނެއް ކަމަށް ވެސް ރައީސް ޔާމީނާއި ސަރުކާރުގެ އިސްވެރިން ގެންދެވީ ވިދާޅުވަމުންނެވެ. އެހެންކަމުން އަދީބު ހިންގާފައިވާ ހިޔާނާތަކީ ސަރުކާރާއި ޕީޕީއެމް ނަގާ ކޮޅަށް ޖަހަން، މިސަރުކާރަށް އެނގިގެން، އަދީބާއެކު ސަރުކާރުގެ އިސަވެރިން ހިންގާފައިވާ ޖަރީމާއެއް ކަމަށް ދެކުމުގެ ފުރުސަތު އެބައޮތެވެ.

 

މިހާރު "ބްރޯ" އޮތީ ކުޑަގޮޅީގަ އެވެ. މިހާރު ސަރުކާރާއި ޕީޕީއެމް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވަނީ މެޑަމް ފާތުންނެވެ. ކުރިން އަދީބު ކުޅުއްވި ރޯލު މިހާރު ކުޅުއްވާތަން ފެންނަނީ މެޑަމް ފާތުންނެވެ.

 

ޕީޕީއެމްގެ އޮފީސް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެފައި ވަނީ ޕީޕީއެމް އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ވަޑައިގެންނެވޭނީ ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ފަހު ކަމަށެވެ. އަދި އެ ހަރަކާތަކީ މެޑަމް ފާތުންގެ ހަރަކާތްތައް ކަމަށް އަޒްލީން ވިދާޅުވެފައި ވެއެވެ.

 

އަޒްލީން އެވިދާޅުވީ ކަންއޮތް ގޮތުގެ ވާހަކަ އެވެ. ފެންނަމުންދާ މަންޒަރެވެ. އެކަމަކު އަދި އެއްކަމެއް އިތުރު ކޮށްލަން ޖެހެއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ރަސްމީ މަސައްކަތްތަކާއި ސަރުކާރުންގެ ވަޒީރުންގެ އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށްފަހުގައޭ އެވިދާޅުވި ވިދާޅުވުމެވެ. ރަނގަޅު ގޮތަކަށް ވާނީ މަޑަމް ފާތުން ވިދާޅު ހަމަ ކޮންމެ ވަގުތެއްގަ ވެސް މެޑަމް ފާތުންގެ ހަރަކާތްތަކުގައި ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވާން ޖެހޭނެ ކަމަށް ވިދާޅުވުން ނޫންތޯ އެވެ. ފެންނަނީ އެމަންޒަރު ނޫންތޯއެވެ. ޝަރުއީ ކޯޓުތަކުގެ ފަނޑިޔާރުން ވެސް މީގެ ކުރިން ކޮންމެ ވެސް ވަރަކަށް ސަރުކާރުގެ ބައެއް އިވެންޓްތަކުގައި ބައިވެރިވެ ވަޑައިގަންނަވާފައި ވާއިރު، ފާޅުގައި ފަނޑިޔާރުންގެ ވާހަކަ އަޒްލީން ވިދާޅުނުވީ ކޯޓުގެ ހުރުމަތަށްޓަކައި ކަމަށް ވެދާނެ އެވެ.

 

ހޯމް މިނިސްޓަރު އަޒްލީން އެގޮތަށް ވިދާޅުވިއިރު، މެޑަމްއަށް އެންމެ ބޮޑަށް ކަންކަން ކޮށްދެއްވާ ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ރައްޔިތުންގެ މަޖލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އެވެ.

 

އަޑުތައް އިވޭ ގޮތުން މަސީހު ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިންނާއި ބޭރުން މެޑަމް ފާތުންނަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުންނެވެ.

 

ބައެއް ފަހަރު މެޑަމް ފާތުން ހިންގަވާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި ގާނޫނު ހަދާ މަޖިލިސް ބާއްވަންޖެހޭ ބައެއް ދުވަސްދުވަހު އެ މަޖިލިސް ވެސް ނުބާއްވަވާ ކަމަށް މެމްބަރުން ވިދާޅުވެފައި އެބަހުއްޓެވެ. އަދި މެޑަމް ފާތުންގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށްޓަކައި މަޖިލިސް ކުރުކޮށްލައްވާ ކަމަށް ވެސް ވެއެވެ.

މީގެ އިތުރުން ސަރުކާރުން ބާއްވާ އިވެންޓްކަތުގައި ވެސް އެއިވެންޓްގެ މައިގަނޑު މަގްސަދަކީ ކޮބައިކަން އޮޅޭވަރަށް އިވެމުންދަނީ މެޑަމް ފާތުންއަށް ތައުރީފް ކުރުމުގެ ވާހަކަތަކެވެ. މުރާލި ކަމާއި ހިތްވަރުގަދަ ކަމުގެ ވާހަކައެވެ. ރިޔާސީ ކެންޑިޑޭޓެއް ނަމަ މެޑަމް ފާތުން ކަހަލަ އަނތްބެއް ކޮންމެހެން ބޭނުންވާނެ ކަމުގެ ވާހަކަތަކެވެ. މެޑަމް ފާތުން ކަންކަން ކޮށްދެއްވާލެއް ފުރިހަމަ ކަމުގެ ވާހަކަތަކެވެ. އެކަމަކު އެންމެވެސް ކުރާ ސުވާލަކީ އެހާ ގިނަ ކަންކަން ކުރައްވަން ލައްކަ ފައިސާ ބޭނުންވާއިރު އެ ފައިސާ ހޯއްދަވަނީ ކިހިނެއްބާވައެވެ؟ މެޑަމް ފާތުން އެ ފައިސާ ހޯއްދަވަނީ ކޮންތާކުންބާއެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް