ކ. މާލެ
|
24 ޑިސެންބަރ 2018 | ހޯމަ 17:25
އިނގިރޭސިި ސެކިއުރިޓީ މިނިސްޓަރު ބެން ވޮލަސް
އިނގިރޭސިި ސެކިއުރިޓީ މިނިސްޓަރު ބެން ވޮލަސް
ރޮއިޓަރސް
އަލްގައިދާ
އަލް ގައިދާއިން ދަނީ ޔޫރަޕުގައި ފްލައިޓްތަކެއް ހައިޖެކް ކޮށްގެން ހަމަލާތަކެއް ދިނުމަށް ރާވަމުން: ބެން ވޮލަސް
ވޮލަސް ވިދާޅުވެފައިވަނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11ގައި ދިން ހަމަލާތަކާއި އެއް ގޮތް ހަމަލާތަކެއް ދިނުމަށް އަލްގައިދާއިން ރާވަމުންދާ ކަމަށް

އަލްގައިދާއިން ޔޫރަޕުގައި ފްލައިޓްތަކެއް ހައިޖެކް ކޮށްގެން ހަމަލާތަކެއް ދިނުމަށް ރާވަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ސެކިއުރިޓީ މިނިސްޓަރު ބެން ވޮލަސް ވިދާޅުވެއްޖެއެވެ.

އިނގިރޭސި ހަފްތާ ނޫސް، ސަންޑޭ ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި ވޮލަސް ވިދާޅުވެފައިވަނީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11ގައި ދިން ހަމަލާތަކާއި އެއް ގޮތް ހަމަލާތަކެއް ދިނުމަށް ރާވަމުންދާ ކަމަށެވެ. އަދި މިކަން ކުރަން މަގު ފަހި ކުރުމުގެ ގޮތުން ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ކުރަމުން އަންނަ ކަމަށް ވެސް ވޮލަސް ވަނީ ވިދާޅުވެފައެވެ.

ވޮލެސް ވިދާޅުވީ އަލްގައިދާގެ އަޑު ނުއިވި ގިނަ ދުވަސްތަކެއްވީ އައިސިސްގެ އަޑު މާ ގަދަވުމުގެ ސަބަބުން ކަމަށެވެ. "އައިސިސް ދުނިޔޭގެ ނަޒަރުގައި އެއްމެ ފަހުގެ ޓެރަރިސްޓު ބޯއި ބޭންޑަށް ވެގެން އައި އިރު އަލް ގައިދާ މަޑު މަޑުން އޮވެ ބެލީ 21 ވަނަ ގަރުނުގެ ކަންކަން ހިނގާގޮތް" ވޮލަސް ވިދާޅުވިއެވެ.

ވޮލަސް ވަނީ އެމެރިކާގެ ސިފައިން ސީރިޔާއިން ފޭބުމަށް ނިންމާފައިވާތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމުގެ ސަބަބުން ސީރިޔާއާއި މެދު އިރުމަތީގައި ޓެރަރިސްޓުންގެ އަތް ގަދަވެ އިތުރު ހަމަލާތަކާއި ކުރިމަތި ލާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ވޮލަސް ވަނީ ދެއްވާފައެވެ.

އިނގިރޭސިވިލާތުގައި އަލްގައިދާއިން މީގެ ކުރިން ފްލައިޓްތަކެއް ހައިޖެކް ކޮށްގެން ޓެރަރިސްޓު ހަމަލާތަކެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި އަލްގައިދާއާއި ގުޅުން ހުރި ތިން މީހަކު ވަނީ ހައްޔަރުކޮށް، ކުށް ސާބިތުވުމާއި ގުޅިގެން ހުކުމް ވެސް ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް