Advertisement
ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 20:39
ހަތަރު ޕާޓީގެ ލީޑަރުން ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަނީ
ހަތަރު ޕާޓީގެ ލީޑަރުން ބައްދަލުވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަނީ
ހައްވާ މުހައްމަދު
ހަތަރު ލީޑަރުން
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަތަރު ލީޑަރުން މަޝްވަރާކުރައްވައިފި
ޖެނުއަރީ މަސްތެރޭގައި ޖަލްސާއެއް ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުން
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކުން ވާދަކުރާނެ ގޮަތަކާއި ގުޅޭ ގޮތުން އަދިވެސް ގޮތެއް ނުނިންމޭ

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަތަރު ޕާޓީގެ ލީޑަރުންގެ މެދުގައި މަޝްވަރާކުރައްވައިފިއެވެ.

ބުރާސްފަތިދުވަހު ހަތަރުލީޑަރުން ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބިލްތަށް ފާސްނުކުރެވި މަޖިލިސްގައި އޮތުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އަންނަ ޖެނުއަރީމަހު ބޭއްވުމަށްޓަކާ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ މެދުގައި މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެކަމަށް ގޮތެއް ނިމިގެންދާނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.

"ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ ކުރިއަށް ގެންދިއުމަށް ބޭނުންވާ މުހިންމު ބިލްތަށް ގެންދަން ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުގެންދެވޭތީ އަލުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ވީހާވެސް އަވަހަކަށް ޖެނުއަރީމަސް ތެރޭގައި ބޭއްވޭތޯ ބެލުމަށް މަޝްވަރާ އަޅުގަނޑުމެން ކުރީމް" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އަންނަ އަހަރު އޭޕްރީލްމަހުގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގުޅިފައިވާ ޕާޓީތަކުން ވާދަކުރާނެ ގޮތަކާއި ގުޅޭ ގޮތުން މަޝްވަރާތަށް ކުރެވުނު ކަމަށާއި، ނަމަވެސް އަދިވެސް އެކަމަށް ގޮތެއް ނިމިފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕާޓީތަކުން ވާދަކުރާނެ ގޮތަކާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް އަދި އިތުރު މަޝްވަރާ ބައްދަލުވުންތަށް ބޭއްވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

" ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑުމެން މި ކޯލިޝަނެއްގެ ގޮތުގައި މިހާ ހިސާބަށް އައިސްފައި އޮތް އޮތުމާއި އެކީގައި އެގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާކުރިން " ރައީސް ވިދާޅުވިއެވެ.

ހަތަރު ޕާޓީގެ ހަތަރު ލީޑަރުންވެސް އިއްތިހާދު ދެމެހެއްޓުމަށް މަސައްކަތް ކުރެއްވުމުގެ އަޒުމް ކަނޑައަޅާފައިވާ ކަމަށް ބައްދަލުވުމަށްފަހު އެމްއާރްއެމްގެ ފަރާތުން ރައީސް މައުމޫންވަނީ ވިދާޅުވެފައެވެ.

" އެއްގޮތަކަށްވެސް ކޯލިޝަން ރޫޅިޔަކަ ނުދޭނަމޭ. އަދި ތިމަންނަމެން ހުރިހާ އެންމެންވެސް މި ތިބީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައޭ. ރައީސުލްޖުމްހޫރިއްޔާ ދިފާއުކޮށް ރައީސުލްޖުމްހޫރިއްޔާއަށް ތާއީދްކުރާ ގޮތުގައޭ" ރައީސް މައުމޫން ވިދާޅުވިއެވެ.

ހަތަރު ލީޑަރުންގެ ބައްދަލުވުމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ލީޑަރ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް ހަތަރު ޕާޓީގެ ލީޑަރުންގެ މެދުގައި ކޮންމެ މަހަކު ބައްދަލުވުމެއް ބޭއްވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް ކަމަށެވެ.

" މި ބައްދަލުންތަކަކީ މަހަކު އެއްފަހަރު އިއްތިހާދުގެ ހުރިހާ ލީޑަރުން ރައީސުލް ޖުމްހޫރިއްޔާ އާއި އެކުގައި މަޝްވަރާކުރުމަށް ބޭއްވޭ ބައްދަލުވުންތަކެއް. އަޅުގަނޑު ދެކޭ ގޮތުގައި މި ބައްދަލުންތަށް ވަރަށް ބޭނުންތެރި މި ބައްދަލުންތަށް ބޭއްވުމަކީ ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް ކޮންމެހެން ބޭނުންތެރި ކަމެއް " ރައީސް ނަޝީދު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ބައްދަލުވުމާއި ގުޅޭ މައުލޫމާތު މިޑިއާއަށް ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީސް ޗުއްޓީއަށް ދިޔުމުގެ ކުރިން ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއަށް ބޭނުންވާ ބިލްތަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ.

" އަޅުގަނޑުމެން މަސައްކަތް ކުރަނީ ގާނޫނު އަސާސީ އާއި ގާނޫނާއި މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް. އެހެންވީމަ އޭގެން ބޭރަކުން މަސައްކަތް ކުރާކަށް އެއްވެސް މީހަކުވެސް އަޅުގަނޑުވެސް އަދި ދިވެހިރާއްޖޭގެ ރައްޔިތުންވެސް ނުރުހޭނެ. އެހެންވެ އެކެއްގައި ނުނިމުނީ އޭރު މައްސަލަތަކެއް ހުރީމައި. ފާސްޓް ޓްރެކަށް ލައިގެން މަޖީލީހުން މަސައްކަތްތަކެއް ކޮށްފައިވޭ. ޕާޓީތަކުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު ޕާޓީތަކުގެ ލީޑރުންނާއި މަޝްވަރާކުރިން " ގާސިމް ވިދާޅުވިއެވެ.

އަދާލަތުގެ ޕާޓީގެ ލީޑަރ އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދެމެހެއްޓުމަށް ހުރިހާ ލީޑަރުން ތިއްބެވީ ކަމީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި، އަދި މިއީ ދިވެހިރައްޔިތުން އެންމެ އެދޭ ގޮތް ކަމަށެވެ.

"ކުރިން އެއްބަސްވެފައިވާ ގޮތަށް ކޯލިޝަންގެ ބައިވެރިންނާއެކު ކުރިއަށް ވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި ވިދާޅުވުމަކީ އަޅުގަނޑު ވަރަށް އުފާކުރާ ކަމެއް" އިމްރާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް