Advertisement
ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 17:11
ކުނިވެފައިވާ އަލުވި ބަސްތާތައް
ކުނިވެފައިވާ އަލުވި ބަސްތާތައް
ރާއްޖެއެމްވީ
ކުނި އުފުލުން
ކުނިވެފައިވާ އަލުވި ބަސްތާތަކެއް އުކާލެވޭނެ ގޮތެއް ނެތިފައި!
މުޅި އެސަހައްދުން ދުވަނީ ކުނިވަސް
ވެމްކޯއިން އެންމެ ޕިކަޕެއްގެ އަލުވި ގޯނިތައް ނެގުމަށްފަހު ބާކީބައި ގަބޫލުނުކުރި
އަލުވި ބަސްތާތައް އުކާލުމަށް ތިލަފުއްޓަށް ދިއުމަށް ހުއްދަ އެދެފިން، އަދި ޖަވާބެއް ނުލިބޭ

މއ. މާވެލަވަރުގޭގައި ހުންނަ ގުދަނުގައި ކުނިވެފައިވާ އަލުވި ބަސްތާތަކެއް އުކާލެވޭނެ ގޮތެއް ނެތި، އެ ސަރަޙައްދަށް ކުނި ވަސް ފެތުރުމާއި ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މިއިމާރާތް ބަލަހައްޓަމުންގެންދާ އޭބީސީއައި ޕްރައިވެޓް ލިމިޓެޑް މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފައުޒީ ވިދާޅުވީ އޭބީސީއައި ކުންފުނިން ބަލަހައްޓަމުންދާ މިއިމާރާތުގެ ތިރީގައި ގުދަނެއް ހުންނަ ކަމަށާއި، އެ އަލުވިތަކަކީ ގުދަން ކުއްޔަށްނެގި ފަރާތުން ބެހެއްޓި އަލުވިތަކެއް ކަމަށެވެ. އަދި ކުނިވާޒާތުގެ އެއްޗެހި އެގުދަނުގައި ބެހެއްޓުން މަނާކުރި ނަމަވެސް އެއެއްޗެހި ބެހެއްޓީ އޭގެ ވެރިފަރާތަށް އެއަލުވިތައް ބަހައްޓާނެ ގުދަނެއް ނުލިބިގެން ވަގުތީ ގޮތުން ކަމަށެވެ.

ނަމަވެސް އަލުވިތައް ހަލާކުވެ ދުވާ ނުބައިވަހުން ކުދިރަތްމާ ގޯޅި ސަހަރައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް އުނދަގޫވެގެން ރިޕޯޓު ކުރުމާއެކު އެކުންފުނިން އަލުވިތައް ނަގައި އުކުމަށް މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް އެކަން ކާމިޔާބު ނުވި ކަމަށެވެ.

ފައުޒީ ވިދާޅުވީ ބުދަ ދުވަހު ހަވީރު އެ ކުންފުނީގެ ލޭބާ ފޯސްގެ އެހީތެރިކަމާއެކު އެއަލުވިތައް ގުދަނުން ބޭރަށް ނެރެ އިމާރާތާއި ޖެހިގެން ހުރި ހުސްބިމުގައި ބަަހައްޓާފައިވާ ކަމަށެވެ. އަދި އެއަށްފަހު މިއެއްޗެހި އުކާލުމަށް ވެމްކޯގައި އެދުނު ކަމަށާއި، އެންމެ ޕިކަޕެއްގައި އަލުވި ގޯނިތައް ނެގުމަށްފަހު ބާކީބައި އެ ކުންފުނިން ގަބޫލުނުކުރި ކަމަށެވެ.

"ވަރަށް ވާހަކަ ދައްކައިގެން އެއްޕިކަޕުގައި ގެންދިޔަ އެއްޗެހި ގަބޫލުކުރި. ފައިސާ ދޭންޖެހެންޏާ ފައިސާ ދޭ ގޮތަށްށޭ. މިގަބޫލުކުރެވޭނެ ގޮތެއް އޮންނަންވާނޭ. ވެމްކޯ ކިޔާފަ ސަރުކާރުން ކުންފުންޏެއް އުފައްދާފަ އޮތުމުގެ ހަގީގީ ބޭނުމަކަށް ވާނީ އޭގެ ޓޯޓަލް ސޮލިއުޝަންއެއް ލިބުން ތެދެއްތޯ" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ، އަމިއްލައަށް ދޯންޏެއް ހިފައިގެން ކުނިވެފައިވާ އަލުވި ބަސްތާތައް އުކާލުމަށް ތިލަފުއްޓަށް ދިއުމަށް ހުއްދަ އެދި ސިޓީ ލާފައިވާ ކަމަށާއި، ނަމަވެސް އަދި ޖަވާބެއް ނުލިބޭ ކަމަށެވެ.

"ރޭގައި އަޅުގަނޑުމެން މިތަނުގައި ހޭލައިގެން 3 ޖަހަންދެން ތިބެފައި އަޅުގަނޑުމެން މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެހީއަށް އެދުނިން. އެދިގެން ޕޮލިސް ސާރވިސްގެ ބޭފުޅުންވެސް ހެލްޕް ލެސް. ހައުސިން މިނިސްޓްރީގެ ހޮޓްލައިންއަށްވެސް ގުޅިން. އެކަމަކު އެބޭފުން ވިދާޅުވީ ވެމްކޯއިންނޭ ތިކަންކަން ހަމަޖައްސާނީ. ދެން ސިޓީ ކައުންސިލްގެ މޭޔަރއަށްވެސް ވާނީ އިންފޯމްކޮށްފައި. އަދި ޖަވާބެއް ނުލިބޭ" ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މިއީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި، މިކަމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ ބިރުވެސް އެބައޮތް ކަމަށެވެ. އަދި މިސަރަހައްދުގައި ދިރިއުޅޭ އެންމެންނަށްވެސް ދިރިއުޅުމަށް އުނދަގޫވެފައިވާއިރު، އެއްވެސް ފަރާތަކުން މިމައްސަލަ ހައްލު ކުރުމަށް އެހީތެރިވެދީފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް