Advertisement
ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 15:09
ޕްލޭނިން މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އަންވަރު އަލީ
ޕްލޭނިން މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އަންވަރު އަލީ
ރާއްޖެއެމްވީ
އިމާރާތް ކުރުން
މާލެ ސަރަހައްދުގެ 17 ތަނެއްގެ މަސައްކަތް ވަނީ ހުއްޓުވާފައި: ޕްލޭނިން މިނިސްޓްރީ
އިއްޔެގެ ނިޔަލަށް މާލޭގެ 104، ވިލިމާލޭގެ 16 އަދި ހުޅުމާލޭގައި 117 ތަނެއް ބަލާފާސް ކޮށްފައިވޭ
މައްސަލަ ހުރެގެން 163 ތަނެއް އަލުން ޗެކްކުރުމަށް ވަނީ ނިންމާފައި

މާލޭ ސިޓީގެ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދާ 17 ތަނެއް ވަގުތުން ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުރުމުން މަސައްކަތް ހުއްޓުވާފައިވާ ކަމަށް މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

ކޮންސްޓްރަކްޝަން ސައިޓުތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރ ޖެނަރަލް އަންވަރު އަލީ ވިދާޅުވީ މާލެއިން 167 ސައިޓެއް، ވިލިމާލޭގައި 18 ސައިޓެއް، އަދި ހުޅުމާލޭގައި 275 ސައިޓެއް، ޖުމްލަ 460 ސައިޓެއް ބަލަންޖެހޭ ކަމަށެވެ.

އެގޮތުން ބުދަ ދުވަހުގެ ނިޔަލަށް މާލޭގެ 104 ސައިޓެއް ވިލިމާލޭގެ 16 އަދި ހުޅުމާލޭގައި 117 ތަނެއް ބަލާފާސް ކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ ހުރެގެން މާލޭގެ 69 ތަނެއް ވިލިމާލޭގެ 15 ތަނެއް އަދި ހުޅުމާލޭގައި 79 ތަނެއް އަލުން ޗެކްކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރަށް އަންވަރު ވިދާޅުވީ ވަގުތުން ރަނގަޅު ކުރަންޖެހޭ މަސައްކަތްތަކެއް ހުރުމުން ވޯކް ސްޓޮޕް އޯޑަރު މާލޭގެ ތިން ތަނަކަށް ވިލިމާލޭގެ 2 ތަނަކަށް އަދި ހުޅުމާލޭ 12 ތަނަކަށް ދީފައިވާ ކަމަށެވެ. އަދި މި މަސައްކަތްތައް ރަނގަޅު ކުރުމުން މަސައްކަތުގެ ހުއްދަދޭނެ ކަމަށް ވެސް އަންވަރު ވިދާޅުވިއެވެ.

އަންވަރު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ވެސް ހަދާފައިވާ ބައެއް ގަވާއިދުތަކާއި ފުށޫއަރާ ކަންތައްތަކެއް ހުރުމުން އެގަވާއިދާ އެއްގޮތަށް އަމަލު ކުރުމަށް ކޮންޓްރެކްޓަރުންނަށް އަންގާފައިވާ ކަމަށެވެ.

"އޭގެ ތެރޭގައި މަގުމަތީގަ އެއްޗެހި ބަހައްޓާއިރު ބޯޑު ނޫނީ ހުއްދަ ނުނަގާ ބަހައްޓާފަ ހުންނަ ހުރުން ވެސް، ގަވާއިދުގެ ތެރެއަށް ފައްތާލަ ދިނުމަށް އަޅުގަނޑުމެން މިދަނީ ކޮންޓްރެކްޓަރުންނަށް އިލްތިމާސް ކުރަމުން އަދި މަގުމަތީގައި ހިނގާ މީހުންނަށް ވެސް ރައްކާތެރިކަމެއް ނެތް ގޮތަށް ބައެއް އިމަރާތްތައް ކުރަމުންދާއިރު ހޯޑިން ޖެހުމުގެ މަސައްކަތް ކޮށްފައި ނެތްތަންތަނުގައި އެތަންތަނުގައި ކޮންޓްރެކްޓަރުން މިދަނީ އިރުޝާދު ދެމުން" އަންވަރު ވިދާޅުވިއެވެ. 

އަންވަރު ވިދާޅުވީ އިމާރާތުގެ މަސައްކަތް ކުރަމުންދާއިރު ބައެއް ކަހަލަ އެއްޗެހި ވެއްޓުނަ ނުދިނުމަށްޓަކައި ތިރީގައި އަޅަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާ ނުވާ ފަރާތްތަކަށް ވެސް އެކަންކަން ރަނގަޅު ކުރުމަށް އިރުޝާދު ދެމުންދާ ކަމަށެވެ.

ކޮންސްޓްރަކްޝަން ސައިޓުތައް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ޕްލޭނިން މިނިސްޓްރީ، ހައުސިން މިނިސްޓްރީ، މަލޭ ސިޓީ ކައުންސިލް، އެމްއެންޑީއެފް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި އެޗްޑީސީ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް