Advertisement
ކ. މާލެ
|
20 ޑިސެންބަރ 2018 | ބުރާސްފަތި 13:43
ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓަރ ޔޮޝީކާ ހަރާޑާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓަރ ޔޮޝީކާ ހަރާޑާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
ފޮރިން މިނިސްޓަރ ޝާހިދު
ޖަޕާނުގެ އެހީ ހޯދަން މަޝްވަރާކޮށްފި
ޚާރިޖީވަޒީރުގެ ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ގުޅުން ބަދަހިކުރުމާއި އެހީ ހޯއްދެވުން

ފެނާއި ނަރުދަމާ އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ޖަޕާނުގެ އެހީ ހޯދުމަށް އެ ގައުމާއެކު ދިވެހި ސަރުކާރުން ބުރާސްފަތި ދުވަހު މަޝްވަރާކޮށްފިއެވެ.

ޖަޕާނުގެ އެންވަޔަރަންމަންޓް މިނިސްޓަރ ޔޮޝީކާ ހަރާޑާއި ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު  ބައްދަލުކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެއިން އަޅަމުންދާ ފިޔަވަޅުތަކުގައި ޖަޕާނުން އަދާކުރަމުންދާ ދައުރުފާހަގަކުރެއްވިއެވެ. ރާއްޖެއަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ޖަޕާނުން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށްވެސް މިނިސްޓަރ ޝާހިދުވަނީ އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖެއަށް ދެމުންދާ އެހީތެރިކަން ކުރިޔަށް ގެންދަވާނެކަމުގެ ޔަގީންކަން އެ ގައުމުން ދެއްވާފައިވާއިރު ދެ ބޭފުޅުންވަނީ އަލަށް ހިންގާނެ މަޝްރޫއުތަކާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ.

އޭގެތެރޭގައި ގޮނޑުދޮށް ރައްކާތެރިކުރުމާއި ފެނާއި ނަރުދަމާގެ އިތުރު މަޝްރޫއުތަކާބެހޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.

މި ބައްދަލުވުމުގައި ޝާހިދުގެ އިތުރުން އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރ ފައްޔާޒް އިސްމާއީލްއާއި ފައިނޭންސް މިނިސްޓަރ އިބްރާހިމް އަމީރާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ފޮރިން އެފެއަރޒް އަހްމަދު ޚަލީލާއި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިބްރާހިމް އުވައިސްގެ އިތުރުން ފޮރިން މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންވިއެވެ.

ފޮރިންގ މިނިސްޓަރ އަބްދުﷲ ޝާހިދުވަނީ  ޖަޕާނުގެ ޚާރިޖީ ވަޒީރު ޓާރޯ ކޯނޯއާއިވެސް ބުރާސްފަތި ދުވަހު ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާއި ބެހޭ ގޮތުންނާއި، ޖަޕާނުން އިތުރަށް ރާއްޖެއަށް އެހީ ފޯރުވައިދެވޭނެ ދާއިރާތަކާއި ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ޚާއްސަގޮތެއްގައި އިޤްތިޞާދީ ގޮތުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި މީގެ އިތުރުން މަސްވެރިކަމާއި، ތިމާވެށީގެ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާއާއި ކާރިސާތަކުގެ އަސަރުކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަށް ޖަޕާނުން ވެދޭ އެހީތެރިކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައިވެސް މިނިސްޓަރ ޝާހިދުގެ އަރިހުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރުއާއި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ބައިވެރިވެވަޑައިގަތެވެ.

2007 ވަނަ އަހަރުވެސް މިނިސްޓަރ ޝާހިދު ވަނީ ފޮރިންގ މިނިސްޓަރުގެ ހައިސިއްޔަތުން ޖަޕާނަށް ވަޑައިގެން، އެޤައުމުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުއްވައިދެއްވާފައެވެ.

މިނިސްޓަރ ޝާހިދު ޖަޕާނަށް ވަޑައިގެން އުޅުއްވަނީ މިމަހުގެ 19 އިން 23 އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ. މިނިސްޓަރ ޝާހިދާއި އިތުރު ދެ ވަޒީރުން ޓޯކިޔޯއަށް ވަޑައިގެންފައިމިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުގައި އިންޑިއާއަށް ވަޑައިގަތުމަށްފަހުއެވެ. ޖަޕާނަކީ ޚާރިޖީ ވަޒީރުކަމާއި ހަވާލުވެވަޑައިގެން މިނިސްޓަރ ޝާހިދު ރަސްމީ ހައިސިއްޔަތުން ވަޑައިގެންނެވި 3 ވަނަ ޤައުމެވެ. މީގެ ކުރިން އެމަނިކުފާނު ވަނީ އިންޑިއާގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށްވެސް ވަޑައިގެންފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް