Advertisement
ކ. މާލެ
|
18 ޑިސެންބަރ 2018 | އަންގާރަ 19:24
ނައިބު ރައީސް މާފުށީ ޖަލުގެ ހާލަތު ބައްލަވައި، ބައެއް ގައިދީންނާ ވާހަކަ ދައްކަވަނީ
ނައިބު ރައީސް މާފުށީ ޖަލުގެ ހާލަތު ބައްލަވައި، ބައެއް ގައިދީންނާ ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ހޯމް މިނިސްޓްރީ
ޖަލުތަކުގެ އޮޑިޓް ހެދުމަށް ހަތް މެމްބަރުންގެ ކޮމިޝަނެއް އުފައްދައިފި
ޖަލު އޮޑިޓް ކުރުމަކީ ރައީސްގެ ވައުދެއް
އެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ

ޖަލުތަކުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް، ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމަށް ޖަލުތައް އޮޑިޓް ކުރުމަށް ހަތް މެމްބަރުންގެ ކޮމިޝަނެއް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އުފައްދަވައިފިއެވެ.

ޖަލުތަކުގެ އޮޑިޓް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން އެ މަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމަން 100 ދުވަހުގެ އެޖެންޑާގައި ހިމެނެއެވެ.

ހޯމް މިނިސްޓްރީން ބުނީ ޖަލުތަކުގެ އޮޑިޓް ހެދުމުގެ ބޭނުމަކީ ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިސްލާހު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުން ކަމަށެވެ. އަދި އެ ރިޕޯޓަށް ރިއާޔަތްކޮށް، ޖަލުތަކުގެ ކަންކަން އިސްލާހުކޮށް ގައިދީންގެ ހައްގުތައް ކަށަވަރު ކުރުމާއެކު ގައިދީންގެ އިންސާނީ ހައްގުތައް ލިބިދެވޭނެކަން ކަށަވަރުދޭނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ޖަލުތައް އޮޑިޓް ކޮމިޝަންގެ މެމްބަރުން:

  • ޑރ. އަބްދުﷲ އިސްނީން އިލްމީ  ސ. ހިތަދޫ، ތެވެލި،
  • ޝެއިހް އަހުމަދު އަބްދުލް ކަރީމް  ހުޅުމާލެ ފްލެޓް 07-3-23
  • ޝަހިންދާ އިސްލާއިލް މއ. ބޯގަންވިލާ
  • އަހުމަދު މުހައްމަދުފުޅު ރ. ކަނދުޅުދޫ، ރިހިތަޅާގެ
  • ޒުލައިހާ ދާއޫދު ގ. މާލެހިޔާ
  • ޝާދިޔާ އާދަމް އދ. ދަނގެތި، ސާތީ
  • އައިމިނަތު ނާހީން އަހުމަދު ފުވައްމުލަކު ސިޓީ، މާބުޅާގެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލުތަކުގައި 18 ވަރަކަށް މީހުން މަރުވެފައިވެއެވެ. އެގޮތުން މިއަހަރު ވެސް ފަރުވާ ދެމުންދިޔަ ތިން ގައިދީއަކު ވަނީ މަރުވެފައެވެ. މިދިޔަ އަހަރު ވެސް ޖަލުގައި ފަސް ގައިދީއަކު މަރުވެފައިވެއެވެ. އޭގެ ކުރީ އަހަރު، 2016 ވަނަ އަހަރު ޖަލުގައި ހަ ގައިދީއަކު މަރުވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް