ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން ދިރާސީ އާ އަހަރު ފެށުމާ ހަމައަށް އޮންނަ މުއްދަތަކީ އަހަރުގެ "ބޮޑު ޗުއްޓީ" ދުވަސްވަރެވެ. ސުކޫލުތަކުގެ ކިޔަވާ ކުދިން ކިޔެވުމުން ޗުއްޓީއެއް ނަގައި ސިކުނޑި ތާޒާ ކޮށްލާ ދުވަސްވަރެވެ. އޮފީސްތަކުގައި މަސައްކަތްކުރާ ގިނަ މީހުން އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ކޮންމެސް ތަނަކަށް ފުރާ ދުވަސްވަރެވެ. ނުވަތަ މައިންބަފައިން އެ މީހުންގެ ދަރިން ގޮވައިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދަތުރުކުރުން އާންމު ދުވަސްވަރެއްގެ ގޮތުގައި ވެސް އަހަރުގެ ބޮޑު ޗުއްޓީ ދުވަސްވަރު ފާހަގަކޮށްލެވެއެވެ.
ބޮޑު ޗުއްޓީއަކީ ކިޔެވުމާއި ވަޒީފާގެ އިތުރުން ދިރިއުޅުމުގެ އެކިއެކި މަސްއޫލިއްޔަތުތަކުން އެއްކިބާވެ ސިކުނޑި ހަމަޖައްސާލަން ލިބޭ ދުވަސްވަރެއް ގޮތުގައި ގިނަ މީހުންނަށް ދެކެވުނު ކަމުގައި ވިޔަސް، މިއީ ވަކި ބަޔަކަށް އޮތް އުފަލެކެވެ. އެ އުފާ އެއްގޮތަކަށް ވެސް ނުލިބޭ އެތައް ހާސް އާއިލާއެއް ރާއްޖޭގައި އެބަ ތިއްބެވެ. ބޮޑު ޗުއްޓީގެ ގޮތުގައި ކަނޑައެޅިފައިވާ ދުވަސްވަރަކީ ފަތުރުވެރި ކަމުގެ ހައި ސީޒަން ކަމަށްވުމާ އެކު، އެކަމުގެ ސަބަބުން އެދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ދަތިވާތީ، ފަތުރުވެރިކަން އެންމެ ދަށްވާ ސީޒަން ކަމަށް ގިނަ ބަޔަކު ބުނާ ޖޫން-އޮގަސްޓް އަށް އެ ޗުއްޓީ ބަދަލު ކުރުމުގެ މަޝްވަރާތައް މިވަނީ ފެށިފައެވެ.
މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކެޓްރީ މައުރޫފު ޒާކިރު ވިދާޅުވީ، އަހަރުގެ ފަހު ކޮޅަކީ އާ އަހަރު ފެށޭ އަދި ކްރިސްމަސް ދުވަސްކޮޅު ކަމަށް ވުމާ އެކު ރިސޯޓުތަކުގައި އުޅޭ މުވައްޒަފުންނަށް ޗުއްޓީ ނުލިބޭ ކަމަށާއި، ވަރަށް ގިނަ ފަރާތްތަކުން އެކަމުގެ ޝަކުވާ ކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ރިސޯރޓް މުވައްޒަފުންނާއި މެމްބަރުންގެ ފަރާތުން ލިބޭ ޝަކުވާއެއް އެއީ. އެގޮތަށް ބަދަލުކުރެވިއްޖެ ނަމަ އަޅުގަނޑުމެންގެ މުވައްޒަފުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ. އެހެން ވީމާ އަޅުގަނޑުމެން ދެކެނީ އެކަން ކުރެވެން ޖެހޭނެ ކަމަށް،" މައުރޫފު ވިދާޅުވިއެވެ.
މައުރޫފު އިތުރަށް ވިދާޅުވީ، އެކަމަށް މިހާރު ގިނަ ބަޔަކު ތާއީދު ކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ވެސް ކުރާނީ ފައިދާ ކަމަށެވެ.
"ހަޤީޤަތުގަ ޤައުމުގެ އިޤްތިސާދަށް އޭގެ ސަބަބުން އަންނާނީ އިތުރު ކުރިއެރުމެއް. އެއީ ސުކޫލު ޗުއްޓީއާ ގުޅިގެން ދަތުރުފަތުރު ކުރުން އިތުރުވެ ޗުއްޓީ ހޭދަކުރުން އިތުރު ވީމާ އިޤްތިސާދުގެ ހަރަކާތްތައް އިތުރުވެގެންދާނެ. ނަމަވެސް ސުކޫލު ޗުއްޓީ އަހަރުގެ ފަހުކޮޅަށް އައިމަ މި ފުރުސަތުތައް ކުޑަވެގެންދަނީ މުވައްޒަފުންނަށް އެ ދުވަސްވަރަށް ޗުއްޓީ ނުލިބޭތީ،" މައުރޫފު އިތުރަށް ވިދާޅުވިއެވެ.
ފަތުރުވެރި ކަމުގެ ސިނާއަތުގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ މި ކަންބޮޑުވުމާ މެދު ސަރުކާރުގެ އިސް ވެރިން ވެސް ދަނީ ހިޔާލު ފާޅުކުރައްވަމުންނެވެ. އެގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ ކުރެއްވި ޓްވީޓެއްގައި ވަނީ، ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް ބޮޑު ޗުއްޓީ ދޭ ދުވަސްވަރު ބަދަލުކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ވަނީ އެކަމަށް ތާއީދުކުރައްވާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މައުރޫފު އިތުރަށް ވިދާޅުވީ ފާއިތުވި ސަރުކާރުން މިކަމަށް އެއްބާރުލުމެއް ދީފައިނުވާ ކަމަށެވެ.
"މިދިޔަ ހަތް ވަރަކަށް އަހަރަކީ ރާއްޖޭގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ހަތް އަހަރު. އެ ދުވަސްތަކުގައި އަޅުގަނޑުމެންނަކަށް ޖަމިއްޔާއަކަށްވެސް އަދި އަމިއްލަ ފަރުދަކަށްވެސް މަސައްކަތްތެރިންގެ އަޑު އުފުލާ އެކަންކަން ކުރުމުގެ ފުރުސަތެއް ނެތް. އެކަމަށް ވަކާލާތު ކުރިޔަސް ޖަވާބުދާރީ ނުވަނީ. ބައްދަލު ކުރަން އެދުމުން މިނިސްޓްރީން ބައްދަލު ވެސް ނުކުރަނީ،" މައުރޫފު ވިދާޅުވިއެވެ.
ބޮޑު ޗުއްޓީ ދުވަސްވަރު ބަދަލުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަމުންދާއިރު، އެ ޕެޓިޝަންގައި ބުނެފައިވަނީ، އަހަރުގެ ފަހުކޮޅަށް ބޮޑު ޗުއްޓީ ހަމަޖައްސާފައި ވަނީ 1960 ގެ އަހަރުތަކުގައި ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ޓީޗަރުންނަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އޭރު އެކަން ކުރީ ކްރިސްމަސް އާއި އާ އަހަރު ފާހަގަކުރުމަށް ބިދޭސީ ޓީޗަރުން ގައުމުން ބޭރަށް ދާން ބޭނުން ވެގެން ކަމަށް އެ ޕެޓިޝަންގައި ވެއެވެ. ނަތީޖާއަކަށްވީ ދިވެހިންގެ ކަންކަން ވެސް އެ ގޮތަށް ބައްޓަން ވެގެން ދިއުމެވެ.
ބޮޑު ޗުއްޓީ ބަދަލުކުރުމުގެ ވާހަކަ ދެކެވޭ އިރު އެކަމާ ދެކޮޅު ބަޔަކު ވެސް އެބަ ތިއްބެވެ. އެމީހުން ދައްކާ ސަބަބުތަކުގައި ވެސް އާރުލައެވެ. އެ މީހުން ދެކޭ ގޮތުގައި އަހަރުގެ ކޮންމެ ހިސާބަކަށް ޗުއްޓީ ބަދަލުކުރިޔަސް ހުރިހާ މުވައްޒަފުންނަށް ޗުއްޓީ ލިބޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ. އެހެން ކަމުން ޖޫން-އޯގަސްޓް އަށް ޗުއްޓީ ބަދަލުކުރިޔަސް ޗުއްޓީ ލިބޭނީ ވަކި ބަޔަކަށް ކަމަށެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދާ މީހުންގެ އިތުރުން ޗުއްޓީ ތެރޭގައި ރަށްރަށަށް ދާ އެތައް ބަޔަކު ވެސް ތިބޭ އިރު ޖޫން-ޖުލައި ގައި މޫސުމް ގޯސްވެ ދަތުރުފަތުރުކުރުމަށް އުނދަގޫތައް ކުރިމަތިވުމަކީ ވެސް ޗުއްޓީ އެ ދުވަސްވަރަށް ބަދަލުކުރަން ބޭނުންނުވާ މީހުން ދައްކާ ވާހަކަ އެކެވެ. އޭގެ އިތުރުން ބޭރު ގައުމުތަކުގައި އަހަރު ނިމުމާ ދިމާކޮށް އަޅުވާ ސޭލްތަކުން ވިޔަފާރިކޮށްލުމުގެ ފުރުސަތު ޗުއްޓީ ބަދަލުކުރުމުން ގެއްލިގެން ދާނެ ކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ. މިހެން ގޮސް ޗުއްޓީ ބަދަލުކުރަން ބޭނުންނުވާ މީހުންގެ ލިސްޓް ވެސް ވަކި ކުޑައެއް ނޫނެވެ.