އެންވަޔަރަންމަންޓް އެންޑް ރޯޑު ސޭފްޓީ ޕޮލިސް ޚިދުމަތް ފެށުމާ ގުޅޭ ގޮތުން ސްޓޭކްހޯލްޑާސްއާ އެކު ބައްދަލުވުމެއް ހޯމަ ދުވަހު ބާއްވައިފިއެވެ. މިއީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން ފުލުހުންނާ ގުޅުން ހުރި ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެއެވެ.
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ކަމާ ގުޅޭ މުއައްސަސާތަކާ ގުޅިގެން މިކަންތައްތައް ކުރިއަށް ކުރިއަށްގެންދާނެ ގޮތާއި އަދި މަގުމަތި ސާފުކޮށް ރީތިކޮށް ބެލެހެއްޓުމާ ގުޅޭ ގޮތުންނެވެ.
ނަޒީރު ވިދާޅުވީ މިއީ މި ގޮތުން ބޭއްވުނު ފުރަތަމަ ބައްދަލުވުން ކަމަށާއި، އިތުރަށް މަޝްވަރާކުރަންޖެހޭ ފަރާތްތަކާ އެކު އިތުރު މަޝްވަރާތަށް ކުރިއަށްދާނެ ކަމަށެވެ.
މިބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ވަނީ ސްޓޭޓް މިނިސްޓަރ ޢަލީ ނަޒީރެވެ. މީގެ އިތުރުން މިބައްދަލުވުމުގައި ޓްރާންސްޕޯޓް އޮތޯރިޓީ، އެންވަޔަރަންމަންޓް މިނިސްޓްރީ، ހައުސިންގ މިނިސްޓްރީ، އެޓާނީޖެނެރަލްގެ އޮފީސް، މާލޭ ސިޓީ ކައުންސިލް އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އާދިއްތަދުވަހު "ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރސް"ގެ ނަމުގައި އެކި ސަރަހައްދުތަކަށް ހާއްސަ ފުލުހުންގެ ގުރޫޕެއް ވަނީ ހަމަޖައްސާފައެވެ. ނެއިބަރ ހުޑް ސަޕޯރޓް އޮފިސަރުންގެ މަގްސަދަކީ އެ އޮފަސަރަކާއި ހަވާލުކުރެވޭ ނެއިބަރހުޑެއް ރަނގަޅަށް ބެލެހެއްޓުމާއި ފެޓްރޯލްކުރުން ކަމަށް ކަމަށް އެކްޓިންގ ޕޮލިސް ކަމިޝަނަރ މުހައްމަދު ހަމީދު (އެމްސީ ހަމީދު )ވަނީ ވިދާޅުވެފައެވެ. ނެއިބަރހުޑް ސަޕޯޓްސް އޮފިސަރުންގެ ގޮތުގައި އޮފިސަރުންތަކެއް ހަރަކާތްތެރިވެގެން ދިއުމުން ރައްޔިތުންނާއި ވީހާ ވެސް ގާތުން މަސައްކަތް ކުރުމުގެ ސަގާފަތެއް ދިރުވާ އާލާވެގެންދާނެ ކަމަށް ހަމީދު ވަނީ ވިދާޅުވިއެވެ.