މާލޭގެ އެކި ސަރަހައްދު ތަކުގައި ރީތި ހިތްގައިމު ބަގީޗާތަކާއި ޕާކުތައް އެބަ ހުއްޓެވެ. "ރަސްރަނި ބަގީޗާ"، "ކުޑަކުދިންގެ ޕާކު"، އަދި "ރަސްފަންނު" ފަދަ ތަފާތު ނަންނަމުގައި މިފަދަ އެތައް ސަރަހައްދެއް މާލޭގައި އެބަ ހުއްޓެވެ. މާލޭގެ ހުސް ބިންތައް ހިތް ފަސޭހަ މައިޒާންތަކުގެ ގޮތުގައި ތަރައްގީ ކުރަން ފާއިތުވި ސަރުކާރުން ކުރެއްވި މަސައްކަތުގެ ތެރެއިން މިފަދަ އެތައް ތަނެއް ވުޖޫދުވެފައިވެސް ވެއެވެ. އެފަދަ ޕާކުތަކާއި ރީތި އުސް އިމާރަތްތަކުން ފެންނަ ފެނުމަށް މާލޭގެ ހައިބަތު ދައްކައިދެނީ ވަރަށްވެސް ތަހުޒީބީ ގޮތެއްގައެވެ. ނަމަވެސް މި ތަހުޒީބުގެ އަނެއް ފަރާތުގައިވާ އަނދިރިކަމާއި ނާމާންކަމުގެ ވާހަކައަކީ ދޫކޮށްލެވޭނެ ވާހަކައެއް ނޫނެވެ.
މިއަދަކީ މާލެ ދުއް ކަޅު ދުވަހެއް ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. މުއައްސަސާތަކާއި ވަކިވަކި ފަރުދުން ލަދުވެތި ކޮށްލި ހިތާމަވެރި ދުވަހެއް ގޮތުގައި މިއަދު ސިފަވެގެން ގޮސްފައި މި ވަނީ، މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، ހަތް އަހަރުގެ ތުއްތު ކުއްޖަކު ނިޔާވުމާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން ޕާކުތަކާއި ބަގީޗާތަކުގެ އަނެއް ފަރާތުގައިވާ މާލޭގެ ބިރުވެރި ފަރާތް ދިވެހިންނަށް ފެންނަ ކަހަލައެވެ. މުޅި ސޯޝަލް މީޑިއާ ފުރެމުންދަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އާންމުންނަށް ނުރައްކާވާނެ ފަދަ އިމާރަތްތަކާއި ސަރަހައްދުތަކުގެ ފޮޓޯތަކުންނެވެ.
އެ ހިތާމަވެރި ހާދިސާއަށް ވިސްނާލުމުން އެނގިގެންދަނީ ބަގީޗާއަކުން ނުވަތަ އިމާރާތަކުން މާލޭގެ ވެށި ތަރައްޤީވި ކަމަށް ނުބެލެވޭނެކަމެވެ. #UnsafeSite ނުވަތަ ރައްކާތެރި ނޫން ސަރަހައްދު ތަކުގެ ގޮތުގައި ޓްވިޓާރގައި އާންމު ވަމުންދާ ފޮޓޯތަކަށް ބަލާލުމުން އެކަން އިތުރަށް ޔަޤީންވެގެން ދެއެވެ.
އެގޮތުން އާންމުންނަށް ނުރައްކާވާ ގޮތަށް އިމާރަތްތަކުގައި ހަރުކޮށްފައި ހުންނަ އޭސީތައް މަދެއް ނޫނެވެ. ގޭގެ ބެލްކަނީތަކުގައި މަގަށް ވެއްޓޭ ގޮތަށް ބަހައްޓާފައި ހުންނަ ގަސްމުށިތައްވެސް ފާހަގަކޮށްލެވެއެވެ. ފެންސް އެއް ނެތި، އިމާރާތުގެ ފައުންޑޭޝަން އެޅުމަށް ކޮނެފައިވާ ބިންތަކުގެ އިންފާރުވެސް ވަކިކޮށްލެވިފައި ނުވާ ސަރަހައްދުތައް އެބަ ހުއްޓެވެ. ސައިކަލުތަކުގައި ބޭނުންކުރާ ސްޕްރޭތަކާއި ކެމިކަލްތައް ގަރާޖުތަކުގެ ކުރިމަތީގައި އޮންނަ ޕޭމަންޓު މަތީގައި ބޭނުންކުރާތަންވެސް ފެންނަނީ މަދަކުން ނޫނެވެ. އިމާރަތްކުރާ ސަރަހައްދުތަކުގައި ބަހައްޓަންޖެހޭ ބޯޑުތަކާއި އެކަށީގެންވާ ރައްކާތެރި ފިޔަވަޅުތައް އަޅާފައިނުވާ ސައިޓްތައް އެއީ މާލެއިން ފެންނަ ބިރުވެރި، ނުރައްކާތެރި މަންޒަރުތަކަށް އިތުރުވާ ބޮޅެކެވެ.