Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 17:03
20 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމުގެ އެއްބަސްވުމާއި ފެނަކައިގެ އެމްޑީ ލައްމާން (ވ) އަދި ސްރީލަންކާގެ ކުންފުނީގެ ފަރާތުން ސޮއިކުރަނީ
20 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމުގެ އެއްބަސްވުމާއި ފެނަކައިގެ އެމްޑީ ލައްމާން (ވ) އަދި ސްރީލަންކާގެ ކުންފުނީގެ ފަރާތުން ސޮއިކުރަނީ
ފެނަކަ ކޯޕަރޭޝަން
އޭސީސީ
20 ރަށެއްގައި ނަރުދަމާ ގާއިމް ކުރުމަށް ލަންކާގެ ކުންފުންޏާ ހަވާލުކުރި ކުރުން ބާތިލް ކުރުމަށް އޭސީސީން އަންގައިފި
އޭސީސީން ހުއްޓުވާފައިވަނީ ހޭކާރބް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއު
މަޝްރޫޢުގެ އަގުތަކަކީ އާދަޔާ ޚިލާފަށް ބޮޑު އަގުތަކެއްކަން ފާހަގަކުރެވޭ
މަޝްރޫއުގެ ސަބަބުން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވާނެ

ވިހި ރަށެއްގައި ނަރުދަމާ ގާއިމްކުރުމަށް ސްރީލަންކާގެ "ހޭކާރބް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއާ ގުޅޭ ހުރިހާ ކަމެއް ބާތިލްކުރުމަށް އެންޓިކަރަޕްޝަން ކަމިޝަން (އޭސީސީ) އިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ފިނޭންސް އާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގައިފިއެވެ.

އޭސީސީން ބުނީ 20 ރަށެއްގެ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު އެ ކަމިޝަނުން ހުއްޓުވާފައި ވަނީ އެ  މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގޮތަށް ކުރިއަށް ގެންގޮސްފި ނަމަ، ދައުލަތަށް އަދި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް ނުހަނު ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އެ ކޮމިޝަނަށް ފެންނާތީ ކަމަށެވެ.

އެ މަޝްރޫޢުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މައްސަލައާ ގުޅިގެން ތަހުގީގަށް ލިބިފައިވާ ލިޔުންތަކާއި ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކުރާއިރު، އެ މަޝްރޫޢުއަކީ ވަކި ފަރާތަކުން ނުވަތަ ފަރާތްތަކަކުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒް ފައިދާއެއް ހޯދުމަށާއި ހޯދައިދިނުމުގެ ނިޔަތުގައި ވަކި ފަރާތަކާ ހަވާލުކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. 

ނަރުދަމާ ނިޒާމް ގާއިމްކުރުމަށް މިއަހަރުގެ ޖުލައި 31 ގައި ސޮއިކޮށްފައިވާ ރަށްތަކަކީ ހއ. މާރަންދު، ހއ. ވަށަފަރު، ހދ. ވައިކަރަދު، ހދ. ފިނޭ، ށ. ފޯކައިދޫ، ނ. މާފަރާއި ޅޮހީ، ރ. ކިނޮޅަސް، ބ. ކިނޮޅަހާއި މާޅޮހާއި، ގޮއިދޫ، ޅ. އޮޅުވެލިފުއްޓާއި ކ. ގުޅި އާއި އއ. ފެލިދޫ، އއ. މަތިވެރި، ވ. ކެޔޮދޫ، އދ. ދިގުރަށް، ތ. ހިރިލަންދޫ، ގއ. ދެއްވާދޫގެ އިތުރުން ގދ. ހޯޑެއްދޫއެވެ. 

އެ މަޝްރޫއު ހުއްޓުވުމަށް އޭސީސީން އެންގީ:

  •  މަޝްރޫޢުގެ ފުރަތަމަ މުޢާމަލާތްތައް ކޮށްފައި ވަނީ ހޭކާރބް ޕްރައިވެޓް ލިމިޓާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ދެމެދުގައި ކަމަށާއި އެ މުޢާމަލާތްތަކުގެ ތެރޭގައި އެ ޕްރޮޖެކްޓާ ގުޅިގެން އެ ކުންފުނިން ބަޔާންކޮށްފައިވާ 52 (ފަންސާސް ދޭއް) މިލިއަން ޔޫ.އެސް ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއާ ގުޅިގެން ބޭންކްތަކާ އެކު ކުރަންޖެހޭ އެންމެހާ މުޢާމަލާތްތައް ކުރާނީ އެ ކުންފުނިންކަމާއި އެކަމުގައި ދިވެހި ސަރުކާރުން އެއްވެސް ދައުރެއް އަދާނުކުރާނެކަމަށް ބަޔާންކޮށްފައިވާތީ،
  • މަޝްރޫޢުއާ ގުޅިގެން ރައީސް އޮފީހާއި އެންވަޔަރަމެންޓް މިނިސްޓްރީއާ ދެމެދު މުޢާމަލާތް ކުރުމަށް ފަހު، މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދަން ނިންމާފައި ވަނީ 20 ރަށުގެ ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތްކަމާއި، އެ ޕްރޮޖެކްޓަށް މިނިސްޓްރީ އިން އަންދާޒާކޮށްފައިވާ އަގާއި ސްރީލަންކާގެ ކުންފުނިން ހުށަހަޅާފައިވާ އަގުގައި ބޮޑު ފަރަގެއް ހުރި ކަމަށް ފާހަގަކުރެވޭއިރު އެ ފަރަގު އައިސްފައި އެވަނީ އެ ކުންފުންނިން ހުށަހެޅި އަގަކީ ފައިނޭންޝަލް ކޮސްޓް ހިމަނައިގެން ހުށަހަޅާފައިވާ އަގެއް ކަމަށް ވާތީ އެކަން އެންވަޔަރަމެންޓް މިނިސްޓްރީން ރައީސް އޮފީހުގައި ދަންނަވާފައިވާތީ އާއި މިކަމާ ގުޅިގެން އިތުރު މަޝްވަރާއެއް ރައީސް  އޮފީހާއެކު ކޮށްފައިނުވާކަން އެންގޭ ކަމަށް ތަހުގީގު ރިޕޯޓްގައި ވެއެވެ. އަދި އެ 20 ރަށުގެ ތެރޭގައި ހިމެނޭ 10 ރަށެއް އުނިކުރުމަށް ފަހު، އާ 10 ރަށް ހިމެނުމާ ގުޅިގެން ސްރީލަންކާގެ ކުންފުނިން ހުށަހަޅި ރިވައިޒްޑް އަގު 2,609,141.00 (ދެ މިލިއަން ހަސަތޭކަ ނުވަހާސް އެއްސަތޭކަ ސާޅީސް އެކެއް) ޑޮލަރު ބޮޑުވެފައިވީ ނަމަވެސް، އެ ބަދަލާ ގުޅިގެން މިނިސްޓްރީން ކުރިން އަންދާޒާކުރި އަގު 3,334,231.00 (ތިންމިލިއަން ތިންސަތޭކަ ތިރީސް ހަތަރުހާސް ދުއިސައްތަ ތިރީސް އެކެއް) ޔޫ.އެސް ޑޮލަރު ކުޑަވެފައިވާކަން ފާހަގަކުރެވުނު ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. އަދި އެއަގުގައި  މި މަޝްރޫޢު ކުރިއަށް ގެންދިއުމަކީ އެކަމުގެ ސަބަބުން އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވާނެކަމެއްކަން ރިޕޯޓްގައި ބަޔާންކޮށްފައި ވެއެވެ.
  •   މަޝްރޫޢުއާ ގުޅޭ އެއްވެސް ކަމެއް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާފައިނުވާ ކަމަށާއި ނަމަވެސް ރައީސް އޮފީހުން އެކަން ފިނޭންސްއަށް އެންގުމުން އެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގައި ހުރި ދަތިތައް ބަޔާންކޮށް، އެ މަޝްރޫޢު ފެނަކަ މެދުވެރިކޮށް ކުރިއަށްގެންދިއުމަށް ފިނޭންސް މިނިސްޓަރަށް ފެންނަ ކަމަށް ރައީސް  އޮފީހަށް އަންގާފައިވާ ކަމަށް ރިޕޯޓްގައި ވެއެވެ.
  •  މި އެންގުން އަންގާފައިވަނީ ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާ ހޯދުމަކާ ނުލައިކަން ފާހަގަކުރެވޭ ކަމާއި، މި މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި މިނިސްޓީރިއަލް ކޮމިޓީއަކުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަޝްރޫޢުއާ ގުޅޭ ކަންތައްތައް ނިންމިދާނެ ކަމަށް އެޓަރނީ ޖެނެރަލް ވިދާޅުވި ކަމަށް ބަޔާންކޮށްފައިވާ ކަމާއި، އެ މަޝްރޫޢު ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން، އެ ކުންފުންޏަށް ސޮވެރިން ގެރެންޓީ ދީގެން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމާއި، މި ނިންމުން ނިންމުމުގެ ދެ ދުވަސް ކުރިން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.27 (އާންމުކޮށް ބީލަމަށް ހުޅުވާނުލައި ބީލަން ކުރިއަށްގެންދިއުން) އަށް އިސްލާހު ގެނެސްފައިވާއިރު، އެ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއަކީ އެ މަޝްރޫޢު ހިންގުމަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެކަށީގެންވާ ފަރާތެއްކަން ކަށަވަރުކޮށްފައި ނުވާކަން ރިޕޯޓްގައި ވެއެވެ. އަދި ފެނަކައަކީ މިފަދަ މަޝްރޫޢުއެއް ހިންގުމަށް މާލީގޮތުން ގާބިލް ފަރާތެއްނޫންކަން، ފިނޭންސް މިނިސްޓްރީއަށް އެނގޭނެކަން ވެސް އޭސީސީގެ ރިޕޯޓްގައި ވެއެވެ.
  • މި މަޝްރޫޢުއަކީ 2018 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ހިމެނިފައިނުވާ މަޝްރޫޢެއް ކަމަށް ވާތީ ދައުލަތުގެ ކުންފުންޏެއްގެ ނަމުގައި ލޯނެއް ނަގައިގެން ސަރުކާރުން ހިންގާ މަޝްރޫޢުއެއްގެ ގޮތުގައި 20 ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަޝްރޫޢު ކުރިއަށްގެންދާ ނަމަ ދައުލަތުގެ ނަމުގައި ބޮޑު ލޯނެއް ނެގުމުން ދައުލަތުގެ ބޮރޮވިންގްސް އެތައް ސަތޭކަ މިލިއަން ރުފިޔާ އިތުރުވެގެންދާނެކަމަށާއި އެހެންކަމުން ފެނަކަ ބަނގުރޫޓުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޤަބޫލުކުރެވޭކަން ވެސް ފާހަގަކޮށްފައި ވެއެވެ.
  • 20 ރަށުގެ ނަރުދަމާގެ މަޝްރޫޢުގެ އަގުތަކަކީ އާދަޔާ ޚިލާފަށް ބޮޑު އަގުތަކެއްކަން ފާހަގަކުރެވޭކަމާއި،  މިހާރު މި މަސައްކަތް ހަވާލުކޮށްފައިވާ އަގުގައި 20 ރަށުގެ ބަދަލުގައި ގާތްގަނޑަކަށް 40 ރަށުގެ ނަރުދަމާގެ ނިޒާމު ޤާއިމުކުރެވޭނޭ ކަމަށް ޤަބޫލުކުރެވޭ ކަމަށް ވެސް އޭސީސީން ބުނެފައި ވެއެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް