ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 12:20
ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ (ކ) އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ (ވ)
ލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ (ކ) އާއި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ (ވ)
ޑެއިލީ މިރޯ
ލަންކާގެ ސިޔާސީ މަސްރަހު
ރަނިލްއާއިއެކު މަސައްކަތް ކުރަން އުނދަގޫ ވާނެ: ސިރިސޭނާ
ސިރިސޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވުމުގެ ސަބަބުން މި ހަމަޖެހުން އައިސްދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައި

މަގާމުން ދުރުކުރެއްވުމަށް ފަހު، އަނެއްކާ ބޮޑު ވަޒީރުކަމަށް އައްޔަނު ކުރެވިފައިވާ ރަނިލް ވިކްރަމަސިންހައާއެކު މަސައްކަތް ކުރަން އުނދަގޫ ވާނެ ކަމަށް ސްރީލަންކާގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ރަނިލްގެ ބޮޑު ވަޒީރުކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ދެއްވި ހިތާބެއްގައި ސިރިސޭނާ ވިދާޅުވެފައި ވަނީ ރަނިލްއާއި އެކު މަސައްކަތް ކުރާނެ ތެދުވެރި އަދި އިހުލާސްތެރި މީހުން ނެތް ކަމަށެވެ. ދެ ބޭފުޅުންގެ ދެބަސްވުންތަކާއިއެކު ކުރިޔަށް ދެވޭނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް ވެސް ސިރިސޭނާ ވިދާޅުވިއެވެ.

ސިރިސޭނާ ވިދާޅުވީ ރަނިލް ވަކިކުރައްވަން ޖެހިވަޑައިގެންނެވީ ސަރުކާރުގެ ބޮންޑުތަކެއް ވިއްކުމުގައި ރަނިލްގެ އަރިސް ބޭފުޅަކު ހިޔާނާޔްތެރިވެފައިވާ މައްސަލަ ބަލަން އެއްބާރުލުން ނުދެއްވުމާއި، ހުއްދަ ނެތި ފައްޅީގައި އެތްތަކެއް ގެންގުޅުނު މައްސަލައިގައި ފާދިރީންތަކެއް ހައްޔަރު ކުރުމުގެ ސަބަބުން ކަމަށެވެ.

ސިރިސޭނާ ވަނީ ލަންކާގައި ހިނގި ދާހިލީ ހަނގުރާމައިގެ ދުވަސްވަރު، އިންސާނީ ހައްގުތަކާއި ހިލާފް އަމަލު ހިންގި ކަމަށް ކުރެވޭ ތުހުމަތުގައި ހަމައެކަނި ސިފައިން ހައްޔަރު ކުރާ މައްސަލައިގައި ވެސް ރަނިލްއަށް ފާޑުކިޔުއްވާފައެވެ. ސިރިސޭނާ ވިދާޅުވީ ބޭރު ގައުމުތަކުގައި ފިލައިގެން އުޅޭ ތަމަޅައިންގެ ހަނގުރާމަވެރިން ވެސް އިންސާފުގެ ކުރި މައްޗަށް ގެންނަން ޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ރަނިލް ހުވާ ކުރެއްވުމުން ލަންކާގެ ސިޔާސީ މަސްރަހަށް ހަމަޖެހުމެއް އަންނާނެ ކަމަށް ކުރިން ބެލެވިފައިވީ ނަމަވެސް، ސިރިސޭނާ މި މޭރުމުން ވާހަކަފުޅު ދެއްކެވުމުގެ ސަބަބުން މި ހަމަޖެހުން އައިސްދާނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ފަހު ރަނިލް ވިދާޅުވީ އެއްމެ އިސްކަމެއް ދެއްވާނީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށާއި އެ ގައުމުގެ ތަރައްގީއަށް ފަށާފައިވާ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

ރަނިލް އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހު މަގާމުން ދުރުކުރުމަށް ފަހު ސިރިސޭނާ ވަނީ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސައަށް ބޮޑު ވަޒީރުގެ މަގާމު ހަވާލުކުރައްވާފައެވެ. އަދި ސިރިސޭނާ ވަނީ އޭގެ ފަހުން ގާނޫނު ހަދާ މަޖިލިސް ވެސް އުވާލައްވާފައެވެ. ނަމަވެސް ލަންކާގެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެއީ ގާނޫނާ ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.

ރަނިލް މަގާމަށް އަލުން އައްޔަން ކޮށްފައި މި ވަނީ ރާޖަޕަކްސަގެ އިތުބާރުނެތް ކަމަށް ދެ ފަހަރަކަށް މަޖިލީހުން ފާސްކޮށް، ޕާލިމަންޓުގައި އޮތް އަގުލަބިއްޔަތު ސާބިތުކޮށް ދެއްވާފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް