ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 10:40
ރޯވި އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަނީ
ރޯވި އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރަނީ
ސްކައި ނިއުސް
އަަލިފާނުގެ ހާދިސާ
ގޭސް ފުޅިތަކެއް ގޮވައިގެން ޖަޕާނުގައި 42 މީހުންނަށް ޒަހަމަވެއްޖެ
ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން
އަލިފާންގަނޑު ހަ ގަޑި އިރު ވަންދެން ރޯވެފައި ހުރި

ޖަޕާނުގައި ހިނގި ގޭސް ފުޅިތަކެއް ގޮވުމުގެ ހާދިސާއެއްގައި 42 މީހާކަށް އަނިޔާވެ، ލަކުޑިން ހަދާފައި ހުރި ގެތަކެއް ބިމާ ހަމަކޮށްލައިފިއެވެ.

އެ ގައުމުގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި މި ގޮވުމުގެ ހާދިސާ ހިނގާފައިވަނީ ހޮކައިޑޯ އައިލެންޑްގެ ވެރިރަށް ކަމުގައިވާ ސަޕޯރޯގައެވެ.

ގޮވުމުގެ ބާރު ގަދަވުމުގެ ސަބަބުން އެ ސަރަހައްދުގައި ތިބި މީހުން ބިންހެލުމެއް އައިސްގެން އުޅޭ ކަމަށް ހީކޮށްފައިވާ ކަމަށް ވެސް މީޑިއާގައި ވަނީ ރިޕޯޓްކޮށްފައެވެ.

މި ހާދިސާއާއި ބެހޭ ގޮތުން މައުލޫމާތު ދެމުން އެ ސަރަހައްދުގެ ފުލުހުން ބުނެފައިވަނީ، ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. ޒަހަމްވި މީހުންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މި ހާދިސާ ދިމާވާން މެދުވެރިވީ ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އަލިފާންގަނޑު ހަ ގަޑި އިރު ވަންދެން ރޯވެފައި ހުރި ކަމަށް ޖަޕާނުގެ ކިޔޯޑޯ ނޫހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ދެ ތަނެއްގައި ހަތް ޕްރޮޕޭން ގޭސް ފުޅި ހުރި ކަމަށް ވެސް އެ ސަރަހައްދުގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ވަނީ ރިޕޯޓްކޮށްފައެވެ.

ސަޕޯރޯ އަވަށުގެ ސަރުކާރުން ވަނީ މި ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީވުމުގެ ގޮތުން ވަގުތީ ހިޔާއެއް ހުޅުވާފައެވެ.

މި ހާދިސާ ހިނގި ހޮކައިޑޯ އައިލެންޑަކީ ވަރަށް ގިނައިން ބިން ހެލުން އަންނަ ސަރަހައްދެކެވެ. މީގެ އިތުރުން ގޮވާނެ ކަމަށް ބެލެވޭ ފަސް އަލިފާން ފަރުބަދަ ވެސް މި ސަރަހައްދުގައި ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް