Advertisement
ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 19:09
ރައީސް ސާލިހު ދިއްލީގައި ތިބި ދިވެހިންނާއި ބައްދަލުކުރެއްވުން
ރައީސް ސާލިހު ދިއްލީގައި ތިބި ދިވެހިންނާއި ބައްދަލުކުރެއްވުން
ރާއްޖެއެމްވީ
ރައީސްގެ އިންޑިއާ ދަތުރުފުޅު
ގުޅުން ދަމަހައްޓާނީ ޚާރިޖީ ސިޔާސަތަށް ލޮޅުމެއް ނާރާނެހެން: ރައީސް ސޯލިހު
ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަކީ، ޚާރިޖީ ސިޔާސަތުގެ ދެވަނަ ރުކުންކަމަށް ވިދާޅުވި

ރަހުމަތްތެރި ގައުމުތަކާއިއެކު ރާއްޖެއިން ގުޅުން ދަމަހައްޓާނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ލޮޅުމެއް ނާރާނެ ގޮތެއްގެ މަތިންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ އާދިއްތަ ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ ގައުމީ ސިޔާދަތު ހިމާޔަތްކޮށް ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުން ކަމަށެވެ. އަދި ދޭދޭ ގައުމުތަކާއިއެކު އޮންނަ ގުޅުން ދަމަހައްޓާނީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ނުގެއްލޭ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ރާއްޖޭގެ އިގްތިސާދީ ފުދުންތެރިކަން އިތުރުކުރުމަކީ، ޚާރިޖީ ސިޔާސަތުގެ ދެވަނަ ރުކުންކަމަށާއި، ރަހުމަތްތެރި ގައުމުތަކުން އިގްތިސާދީ ގޮތުން ރާއްޖެއަށް ވެދޭ އެހީތެރިކަން އަބަދުވެސް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ދެކުނު  އޭޝިއާ ސަރަހައްދީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތުގެ އެއް އަމާޒު. މި ދަތުރުގައިވެސް ސަރަހައްދީ އެއްބާރުލުމާއި، އެކުވެރިކަން އާލާކުރުމާއި ގުޅޭ ގޮތުން އިންޑިއާގެ ބޮޑުވަޒީރު މޯދީއާއެކު އިރާދަކުރެއްވިއްޔާ މަޝްވަރާ ކުރާނަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖެފަދަ ކުޑަ ގައުމެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އެންމެ މުހިއްމު ވަސީލަތަކީ، ބައިނަލްއަގުވާމީ މުޖުތަމައުއާގުޅުން ބަދަހިކުރުން ކަމަށާއި އެހެންކަމުން އެ ގުޅުން ކެނޑިގެން ހިނގައިދާނެ ފަދަ ކަމެއް ނުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާއާއިއެކު ބަދަހިގުޅުމެއް އޮތުން މުހިއްމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިއްލީގައި ތިބި ދިެވހިންނާއި ރައީސް ބައްދަލުކުރެއްވުން

ދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ނިމިދިޔަ ސަރުކާރުން އިންޑިއާއާއެކު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެންދިޔަ ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހިންނަށް އެތައް ދައްޗަކާއި ކުރިމަތިލާން ޖެހުނުކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން ވިސާގެ ދަތިކަން އޮތް މިންވަރު ފާހަގަކުރައްވާ ވިދާޅުވީ، އެމަނިކުފާނުގެ މި ދަތުރުފުޅުގައި އިންޑިއާއިއެކު ސޮއިކުރާ އެއްބަސްވުމުގެ ދަށުން ބޭސްފަރުވާއާއި ޓޫރިޒަމާއި ވިޔަފަރިއާއި ގުޅޭ ކަންކަމަށް ކޮންމެ ހަ މަހަކުން 90 ދުވަހުގެ ވިސާ ލިބޭ ނޭކަމަށެވެ. ޓޫރިސްޓް ވިސާގައި އެތެރެވުމަށްފަހުވެސް ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އެ މީހަކަށާއި، އެހީތެރިންނަށްވެސް މެޑިކަލް ވިސާ ލިބޭނެ ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހޭ މީހުން އެންމެ ގިނަ ވެގެން ހަ މަސް، ނުވަތަ ހާލަތަށް ބަލައި އެއް އަހަރާ ހަމައަށް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން ވިސާ ދޫކުރާނެކަމަށާއި، އެފަދަ ހާލަތެއްގައި ވިސާ ދޫކުރާނީ ދެ އެހީތެރިންނާވެސް އެކުކަމަށް ވިދާޅުވިއެވެ.

އިންޑިއާގައި ކިޔަވަން ހުންނަ މުއްދަތަށް ނަމަ، މަލްޓިޕަލް އެންޓްރީ ސްޓޫޑަންޓް ވިސާ ދޫކުރާނެކަމަށާއި، އުމުރުން 18 އަހަރުން ދަށުގެ ދަރިވަރުންގެ ބެލެނިވެރިންނަށް އެ ދަރިވަރެއްގެ ވިސާގެ މުއްދަތަށް މަލްޓިޕަލް އެންޓްރީ ވިސާ ލިބޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަތީ ތައުލީމަށް ކިޔަވަން ނުވަތަ އެކި ކަންކަމާ ގުޅޭ ރިސާޗް ހެދުމަށްޓަކައި އިންޑިއާގައި ތިބޭ ދަރިވަރުންގެ ކުދިން 18 އަހަރުން ދަށް ނަމަ އަނބިންނާއި ފިރިން އަދި މައިންބަފައިންނަށް ވެސް ވިސާ ހަމަޖައްސައި ދޭނެކަމަށް މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އިންޑިއާގައި ކިޔަވަން ތިބޭ ބެލެނިވެރިންގެ 18 އަހަރުން ދަށުން ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ހާލަތަށް ބަލައި އެ މީހުންނަށް ވެސް ވިސާ ހަމަޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިދަތުރު ފުޅުގައި ވިސާ އެގްރިމެންޓްގައި ސޮއިކުރައްވާނީ ހޯމަދުވަހުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް