Advertisement
ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 15:45
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން، އީސީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން، އީސީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ރައްޔިތުންގެ މަޖިލިސް
މަޖިލިސް އިންތިހާބު އޭޕްރީލް 6ގައި
ކުރިމަތިލުމުގެ ވަގުތީ ތާރީހަކީ އަންނަ 28

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމައިފިއެވެ.

އިންތިހާބާ ބެހޭ މަރުކަޒު، ބާ ޖަމާލުއްދީންގައި ކުރިއަށްދާ އިލެކްޝަންސް ކޮމިޝަން (އީސީ) ޕްރެސް ކޮންފަރެސްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެ ދުވަހެއް ފައިނަލް ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ވަގުތީ ގޮތުން ތާރީހެއް ކަނޑައަޅާފައިވާ ކަމަށާއި އެގޮތުން އަންނަ ޖެނުއަރީ މަހުގެ 28ގައި ކުރިމަތިލާން ހުޅުވާލާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އިންތިޚާބީ ބައެއް ދާއިރާތައް އެކުލަވާލާފައިވާ ބައުންޑަރީ އަށް ވެސް ބަދަލު ގެންނާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. 

ޝަރީފު ވިދާޅުވީ އިންތިހާބީ ދާއިރާ ކަނޑައެޅުމުގެ ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލާގައި މާދަމާ ހައި ކޯޓަށް ޖަވާބުދާރީވާނެ ކަމަށެވެ.

"އެއީ އައްޑޫ އަތޮޅުގެ މަރަދޫ ފޭދޫއަށް ވަކި ދާއިރާއެއް ކަނޑައެޅުމާއި މީދޫ ވަކި ދާއިރާއަކަށް ކަނޑައެޅުމުގެ ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް މިހާރު ހުށަހެޅިފައިވޭ،" ޝަރީފު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އަންނަ މަހު ހުޅުވާލަން ނިންމާފައިވާއިރު، ބައެއް ޕާޓީތަކުން އިންތިހާބުގައި ނުކުންނާނެ ކެންޑިޑޭޓުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޕްރައިމަރީއަކާ ނުލައި ޕީޕީއެމުން ވަނީ 42 މީހަކަށް އެ ޕާޓީގެ ފަރާތުން ވާދަ ކުރުމަށް ޓިކެޓް ހަވާލުކޮށްފައެވެ. އެމްޑީޕީން ނިންމާފައި ވަނީ އެ ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ 87 ދާއިރާއަށް ވާދަ ކުރާނެ ކެނޑިޑޭޓުން ހޮވުމަށް އަންނަ މަހުގެ 18 ވަނަ ދުވަހު ޕްރައިމަރީ ބޭއްވުމަށެވެ. އަދާލަތުން ވަނީ އެ ޕާޓީން ވާދަ ކުރާނެ 13 ދާއިރާ އިއުލާންކޮށްފައެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީ އާއި އެމްއާރްއެމުން ނުކުންނާނެ ކެންޑިޑޭޓުންގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް