Advertisement
ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 10:27
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒުނާ އަހްމަދު މަތިންދާ ބޯޓްގައި
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒުނާ އަހްމަދު މަތިންދާ ބޯޓްގައި
ރާއްޖެއެމްވީ
ރައީސްގެ އިންޑިއާ ދަތުރުފުޅު
ރައީސް ސޯލިހު އިންޑިއާއަށް ފުރާވަޑައިގެންފި
ވިސާގެ އެއްބަސްވުމުގައި ސޮއިކުރާނެ
ބަޖެޓް ސަޕޯޓްގެ އެއްބަސްވުމުގައި ވެސް ސޮއިކުރާނެ
ރައީސް ސޯލިހް ހުންނަވާނީ އިންޑިއާގެ ރިޔާސީ ގަނޑުވަރުގައި

ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ރާއްޖެއިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އިންޑިއާއަށް ފުރައިވަޑައިގެންފި އެވެ. މިދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒުނާ އަހްމަދު ވެސް ވަޑައިގެންނެވި އެވެ. 

ރައީސް ސޯލިހް އާއި އެ މަނިކުފާނުގެ ވަފުދު އިންޑިއާއަށް ވަޑައިގަންނަވަނީ އިންޑިއާ ސަރުކާާރުން ފޮނުވި އެއާ އިންޑިއާގެ މަތިންދާ ބޯޓެއްގަ އެވެ. ރައީސް ސޯލިހް ދަތުރުކުރައްވާ ބޯޓް ނިއު ދިއްލީގައި ޖައްސާނީ މެންދުރުފަހު 2:00 ގަ އެވެ.

މި މަހުގެ 16 އިން 18 އަށް ކުރައްވާ  ދަތުރުފުޅުގައި ރައީސް ސޯލިހްގެ ދެކަނބަލުން ތިއްބަވާނީ އިންޑިއާގެ ރައީސް ރާމް ނާތް ކޮވިންދު ދިރިއުޅުއްވާ ހައިބަތު ބޮޑު ރިޔާސީ ގަނޑުވަރު ރާޝްތްރަޕަތީ ބަވަންގައެވެ. އެ ދެކަނބަލުންނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް ބާއްވާ ޚާއްސަ ރަސްމިއްޔާތުގެ އޮންނާނީ ހޯމަ ދުވަހުގެ ހެނދުނު ރާޝްތްރަޕަތީ ބަވަންގައެވެ. އެ ރަސްމިއްޔާތު ފަށާނީ ރާއްޖޭ ގަޑިން 9:30 ގަ އެވެ.

އިންޑިއާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ރައީސް ސޯލިހް ބަޔާން ދެއްވަނީ

އިންޑިއާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައި މީޑިއާއަށް ދެއްވި ސްޓޭޓްމެންޓްގައި ރައީސް ސޯލިހް ވިދާޅުވީ އެ މަނިކުފާނުގެ ދަތުރުފުޅު ކާމިޔާބުވެ، ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ވިސާ އެގްރީމެންޓާއި ބަޖެޓް ސަޕޯޓަށް ހަމަޖައްސައިދޭ ފައިސާގެ އެއްބަސްވުމުގައި ސޮއިކުރާނެ އެވެ. ވިސާ އެގްރިމެންޓްގެ ސަބަބުން އިންޑިއާގައި ކިޔަވާ ދިވެހި ދަރިވަރުންނަށާއި ޑިޕެންޑެންޓުންނަށް ވިސާ ލިބުމުގައި ފަސޭހަވެ، އެހެނިހެން ވިސާތަކަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ދަތުރުފުޅުގައި އިންޑިއާގެ ރައީސް ރާމްނާތު ކޮވިންދާއި، ނައިބު ރައީސާ  ވެންކަޔާ ނައިދޫ އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރައްވާނެ އެވެ. އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސުވަރާޖްއާ ވެސް ބައްދަލުކުރައްވާނެ އެވެ. އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ އިސް ބޭފުޅުންނާއި، އިންޑިއާގެ ވިޔަފާރިވެރިންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެ ބައްދަލުވުންތަކުގައި ރާއްޖޭގެ ތަރައްގީއަށް މަޝްރޫއުތައް ހިންގުމަށާއި އާ އިންވެސްޓްމެންޓްތައް ގެނައުމަށް ވިޔާފަރީވެރިންނާ މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ. އަދި ނިއު ދިއްލީގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ބައްދަލުކުރެއްވުމަކީ މި ދަތުރުފުޅުގައި ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދާއި، ފައިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުރުން ޕްލޭނިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މިނިސްޓަރ މުހަައްމަދު އަސްލަމްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ދަތުރުފުޅު ކަވަރުކުރުމަށްޓަކައި ރާއްޖޭގެ ނޫސްވެރިން ވެސް ދަތުރުފުޅުގައި ބައިވެރިވެ އެވެ.

ރައީސް ސޯލިހް އިންޑިއާ އަށް ފުރާވަޑައިގެންނެވުމުގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެއާޕޯޓްގައި ބައްދަލުކުރެއްވެވި އެވެ. ރައީސް ނަޝީދު ރާއްޖެ ވަޑައިގެންނެވީ ތިމާވެއްޓާބެހޭ ކޮޕް24 ސަމިޓް ނިންމާލެއްވުމަށް ފަހު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް