Advertisement
ކ. މާލެ
|
17 ޑިސެންބަރ 2018 | ހޯމަ 21:48
ރައީސް ސޯލިހް ހުޅުމާލޭގައި އިއްޔެ ގަހެއް އިންދަވަނީ
ރައީސް ސޯލިހް ހުޅުމާލޭގައި އިއްޔެ ގަހެއް އިންދަވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ގަސް ކެނޑުމާއި ރަށްތައް ހަނަފަސްކުރުން ހައްލު ކުރެވޭނީ ގާނޫނު ތަންފީޒު ކޮށްގެން: ރައީސް
ރުއްގަސް ކެނޑުމުގެ މައްސަލައަކީ ހައްލެއް ހޯދަންޖެހޭ މައްސަލައެއް

ގަސް ކެނޑުމާއި ރަށްތައް ހަނަފަސްކުރުމުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެނެވޭނީ ތިމާވެށީގެ ގާނޫނު ފުރިހަމައަށް ތަންފީޒު ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރުގެ 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެން ކުރިއަށް ގެންދަވާ "ރަށް ފެހި" ޤައުމީ ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވުމުގެ ގޮތުން ހުޅުމާލެ ފޭސް 2 ގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ރުއްގަސް ކެނޑުމުގެ މައްސަލައަކީ ހައްލެއް ހޯދަން ޖެހޭ މައްސަލައެއް ކަމަށާއި، އެކަމަށް ހައްލެއް ހޯދައި ދިނުމަށް މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އެކަމަށް ހެދިފައިވާ ގާނޫނާއި ގަވާއިދު އިސްލާހުކޮށް ތަންފީޒު ކުރުމަށްޓަކައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުއްވާފައިވާ އެމަނިކުފާނު ވިދާޅުވި އެވެ. 

"އަޅުގަނޑު ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް މި ގޮވާލަނީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ގޯތީގައި އެންމެ ގަހެއް ވިޔަސް އިންދެވުމަށް. ވަކިން ހާއްސަކޮށް ކާބޯތަކެތި އަޅާ ގަސްގަހާއި ކެއުމަށް ބޭނުންކުރާ ޕަތްޕިލާވެލި ލިބޭފަދަ ގަސްތައް ގިނަކުރެއްވުމަށް," ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ވަޒީރުންގެ އިތުރުން ވުޒާރާތަކުގެ އިސްވެރިން ބައިވެރިވި މި ރަސްމިއްޔާތުގައި 100 ރުކާއި 150 ގަސް ވަނީ އިންދާފައެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައިވެރިވެ ވަޑައިގެންނެވިއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް