Advertisement
ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 08:05
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ރާއްޖެ ޓީވީގެ \"ފަލަސުރުހީ\" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ހެލްތު މިނިސްޓަރު
ރައީސްގެ އިންޑިއާ ދަތުރުފުޅުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އުއްމީދީ ޚަބަރުތަކެއް ލިބިގެންދާނެ: ހެލްތު މިނިސްޓަރ
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ދުރުވެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެ
ސިއްހީ ދާއިރާއާ ގުޅޭ ވަރަށް މުހިންމު އެއްބަސް ވުންތަކެއްގައި ސޮއި ކުރެވިގެންދާނެ
އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ ޚިދުމަތް އަލުން ބައްޓަން ކުރެވިގެން ދާނެ

ހޯމަ ދުވަހު ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ އަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުފުޅުން ރާއްޖޭގެ ސިއްހީ ދާއިރާއަށް އުއްމީދީ އުފާވެރި ޚަބަރުތަކެއް ލިބިގެން ދާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅު ވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރައީސް ސޯލިހު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ދުނިޔޭގެ ކުރި އަރާފައިވާ ގައުމުތަކާއި އަވަށްޓެރި ގައުމުތަކާ ދެމެދު އޮތް ގުޅުން ވަރުގަދަވެ ޚާއްސަ ގޮތެއްގައި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ދުރުވެ އެކަހެރިވެފައި އޮތް އޮތުން ނިމުމަކަށް އައިސް އެހެން ގައުމުތަކުން ރާއްޖެއަށް ލިބޭ އެހީތެރިކަމާއި ފުރުސަތުތައް ލިބުމުގެ މަގު ވަރަށް ބޮޑަށް ފަހިވެގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް މި ދަތުރުފުޅުގެ ސަބަބުން ސިއްހީ ދާއިރާއާ ގުޅޭ ވަރަށް މުހިންމު އެއްބަސް ވުންތަކެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އެނގި ވަޑައިގަންނަވާނެ ރާއްޖޭގެ ރައީސްކަން ކުރައްވާ ކޮންމެ ބޭފުޅަކު ވެސް އެންމެ ފުރަތަމަ ދަތުރުފުޅު އިންޑިއާއަށް ކުރެއްވުމަކީ އެއީ ސަގާފީ ކަމެއް. އަދި ވޭތިވެ ދިޔަ ދުވަސްތަކުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް މިވަނީ ވަރަށް ބޮޑު ހީނަރު ކަމެއް އައިސްފަ. އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް،" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރައީސް އިންޑިއާ އަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅަށް އިންޑިއާގެ ބޮޑުވަޒީރު ވަރަށް ބޮޑަށް އިންތިޒާރު ކުރައްވާ ކަމަށާއި އަދި ވަރަށް ބޮޑަތި ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. ބޮޑުވަޒީރު މޯދީ ވަނީ ރައީސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންފައެވެ. 

ރާއްޖޭގެ ސިޔާސީ މަސަރަހަށް އައި ބަދަލާ ގުޅިގެން ވޭތުވެ ދުވަސްތަކާ ޚިލާފަށް ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގެ ސިއްހީ ޚިދުމަތް އަލުން ބައްޓަން ކުރުމަށް އިންޑިއާގެ ފަންނީ ތަޖުރިބާ ވަރަށް ބޮޑަށް ރާއްޖެއަށް ލިބިގެން ދާނެ ކަމަށް ވެސް އަމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް