ކ. މާލެ
|
16 ޑިސެންބަރ 2018 | އާދީއްތަ 07:08
އެމެރިކާގެ ހާރިޖީ ވަޒިރު މައިކް ޕޮމްޕިއޯ
އެމެރިކާގެ ހާރިޖީ ވަޒިރު މައިކް ޕޮމްޕިއޯ
އޭޕީ
ޗައިނާ - އެމެރިކާ
ޗައިނާއިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ދެ ރައްޔިތުން ދޫކޮށްލަން އެމެރިކާއިން ގޮވާލައިފި
ހައްޔަރު ކޮށްފައި ވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް

ޗައިނާ އިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ދެ ރައްޔިތުން ދޫކޮށްލަން އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ ގޮވާލައިފިއެވެ.

އާދީއްތަ ދުވަހު ވޮޝިންޓަންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕޮމްޕިއޯ ވިދާޅުވީ ކެނެޑާގެ ދެ ރައްޔިތުން މިހާރުން މިހާރަށް ޗައިނާއިން ދޫކޮށްލަން ޖެހޭ ކަމަށާއި، އެ މީހުން ހައްޔަރު ކޮށްފައި ވަނީ ގާނޫނާއި ގަވާއިދުތަކާއި ހިލާފަށް ކަމަށެވެ.

ޕޮމްޕިއޯ އެހެން ވިދާޅުވެފައިވާއިރު، ޗައިނާއިން ހައްޔަރު ކޮށްފައިވާ ވާވޭގެ ސީއެފްއޯ މެންގް ވަންޒޫ އެމެރިކާއާ ހަވާލު ކުރުމަށް އެމެރިކާއިން ދަނީ ކެނެޑާގައި އެދެމުންނެވެ.

ޗައިނާ އިން ހައްޔަރު ކޮށްފައިވާ ކެނެޑާގެ ދެ ރައްޔިތުންނަކީ، ކެނެޑާގެ ޑިޕޮލޮމެޓެއް ކަމަށްވާ މައިކަލް ކޮވްރިގްގެ އިތުރުން ވިޔަފާރިވެރިއެއް ކަމަށްވާ މައިކަލް ސްޕާވޯއެވެ. މި ދެ މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ކެނެޑާގެ ވާވޭގެ ސީއެފްއޯ މެންގް ވަންޒޫ ހައްޔަރު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސްއެވެ.

ވާވޭގެ ސީއެފްއޯގެ ހައްޔަރުކުރުމާ އެކު ޗައިނާ އާއި ކެނެޑާ ދެމެދު އޮންނަ ގުޅުން ވަނީ ހީނަރުވެފައިއެވެ. ޗައިނާއިން ބުނަނީ މެންގްއަކީ އެއްވެސް ކުށެއް ކޮށްފައިވާ މީހެއް ނޫން ކަމަށެވެ.

ކެނެޑާގެ ހާރިޖީ ވަޒީރު ކްރިސްޓިނާ ފްރީލޭންޑް ވިދާޅުވީ، ކެނެޑާއިން މިހާރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ ކަފާލަތުގެ ދަށުން ދޫކޮށްފައިވާ ވާވޭގެ ސީއެފްއޯ މެންގް ވަންޒޫގެ ޝަރިއަތް އިންސާފުވެރިކޮށް ގެންދިއުން ކަމަށެވެ. މެންގް ހައްޔަރު ކޮށްފައި ވަނީ ސިޔާސީ މަގްސަދެއްގައި ނޫން ކަމަށް އޭނާވަނީ ވިދާޅުވެފައެވެ.

ކެނެޑާގެ ފޮރިން މިނިސްޓްރީއާ ހަވާލަދީ ރިޕޯޓްތައް ބުނާ ގޮތުގައި ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކާއި ކެނެޑާގެ އޮފިޝަލުން ބައްދަލު ކޮށްފައިވާ ކަމަށެވެ. އަދި ދެ ވަނަ މިހާ އާއި ބައްދަލު ކުރުމަށް މަސައްކަތް ކުރުމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

މެންގް ހައްޔަރު ކޮށްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު ކެނެޑާގެ ވެންކޫވާ އެއާޕޯޓުންނެވެ. އޭނާ ހައްޔަރު ކޮށްފައި ވަނީ ވާވޭގެ ސަބްސިޑަރީ ކުންފުންޏެއް ހަދައި، އެމެރިކާގެ ބޭންތަކަށް އޮޅުވާލައިގެން އިރާނާއި ވިޔަފާރި ކުރިކަމުގެ ތުހުމުތުގައިއެވެ.

ނަމަވެސް ޝަރީއަތުގެ މަޖިލީހުގައި މެންގް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައިއެވެ. ވާވޭ ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު ވަންގް ކަފާލާތުގެ ދަށުން ދޫކޮށްލީ 7.4 މިލިއަން ޑޮލަރުގެ ކަފާލާތެއްގެ ދަށުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް