Advertisement
ކ. މާލެ
|
19 ޑިސެންބަރ 2018 | ބުދަ 19:55
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ގޫގުލް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް ޖަލްސާ މިއަދު މެންދުރުފަހު 2:00ގައި
ޔާމީން ފުލުހަށް ހާޒިރު ކުރަނީ ވެސް 2:00ގައި

ހިޔާނާތާއި މަރުތައް ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަންތަކަށް ބާރު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން އެޖެންޑާކޮށްފައިވާ ޖަލްސާ މިއަދު މެންފުރު ފަހު 2:00ގައި ބާއްވަން ނިންމައިފިއެވެ.

މިއަހަރުގެ ތިން ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާގެ ގޮތުގައި ބާއްވާ އެ ޖަލްސާއަށް ހަތަރު ކަމެއް އެޖެންޑާ ކޮށްފައި ވެއެވެ. އެއީ ކޮމެޓީތަކުން ހުށަހަޅާ ތިން ރިޕޯޓެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމާއި މަޖިލީހަށް އަލަށް ބިލެއް ތައާރަފު ކުރުމެވެ.

ކޮމެޓީތަކުން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅާ ރިޕޯޓުތަކަކީ ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާއި ބަރ އެސޯސިއޭޝަން އުފައްދަން ހުށަހަޅާފައިވާ ގާނޫނީ ހިދުމަތުގެ ބިލާއި ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލުގެ ރިޕޯޓެވެ.

މިއަދު ބާއްވާ އެ ޖަލްސާއަށް އެ ހުށަހެޅުންތައް އިއްވައި، ބަހުސް ކުރުމަށްފަހު ވޯޓަށް އަހާނެއެވެ.

ހިޔާނާތާއި މަރުތައް ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަންތަކަށް ބާރު ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ދިރާސާކޮށްފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީންނެވެ. ކޮމެޓީން ވަނީ އެ ބިލުގެ ނަން ރިޔާސީ ކޮމިޝަންގެ ބިލުގެ ނަމަށް ބަދަލުކޮށްފައެވެ. އެ ކޮމިޝަނަށް ލިބިދޭ ބާރުތައް ވަނީ ހަނިކޮށްފައެވެ. އެގޮތުން އެ ކޮމިޝަނުން ހުށަހަޅާ މައްސަލަތައް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގެ ވަކި ޑިޕާޓްމަންޓަކުން ބެލުމާއި ވަކި މުއްދަތުތަކެއްގެ ތެރޭގައި ހުކުމް ކުރަންޖެހޭނެ ކަމަށް ބުނާ ބައިތަކާއި މީސްމީހުންގެ މުދަލާއި ތަކެތި ހިފެހެއްޓުމަށް ދީފައިވާ ބާރުތައް އެ ބިލުން ވަނީ އުނިކޮށްފައެވެ. އަދި ތަންތަން ބަލައި ފާސްކޮށް، މީހުން ހައްޔަރު ކުރުމުގެ ބާރު ވެސް އެ ބިލުން ވަނީ އުނިކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު މެންދުރު ފަހު 2:00ގައި ބޭއްވުމަށް ނިންމާފައި ވާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ ވެސް ހަމަ އެ ގަޑީގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް