Advertisement
ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 19:52
ފައިރޫޝް، ރިޔާޒް އަދި ދީދީ
ފައިރޫޝް، ރިޔާޒް އަދި ދީދީ
މުހައްމަދު ޝަރުހާން
ފުލުހުންގެ ވަޒީފާ
ފައިރޫޝް، ރިޔާޒް އަދި އެސްއޯ ޑީޑީއަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
ފައިރޫޝް ވަކިކުރީ ކުރެއްވި ޓްވީޓަކާއި ގުޅިގެން
ރިޔާޒް ވަޒީފާއިން ވަކިކުރީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ރިޔާޒްގެ މައްސަލައެއް ބެލުމަށްފަހު
އެސްއޯ ޑީޑީ ވަކިކޮށްފައި ވަނީ ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރަށް ފަހު، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އޭނާއާ ގުޅޭ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު

ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އާއި ކުރީގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒް އަދި އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް ދީދީ (އެސްއޯ ޑީޑީ) ވަޒީފާއިން ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ނިންމައި އެ ތިން ފުލުހުންނަށް އަލުން ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ 23 އޮކްޓޯބަރ 2017 ގައެވެ. އޭނާ ވަޒީފާއިން ވަކިކުރީ އެ އަހަރުގެ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ފައިރޫޝް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ "ހަލާލު ނޫން އާއި ހަރާމް މިއީ އަނެއްކާ އެކައްޗެއްތަ!" މިފަދައިންނެވެ.

އޯގަސްޓް 15 ވަނަ ދުވަހު "ހަލާލު ނޫން ފައިސާ އާއި ހަރާމް ފައިސާ" އާ ގުޅޭ ޓްވީޓެއް ފައިރޫޝް ކުރެއްވިއިރު، އޯގަސްޓް 14 ވަނަ ދުވަހު "ރުމާލު 2" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އެމްއެމްޕީއާރްސީގެ ފައިސާ "ފޮށިފޮށީގައި ވަދެފައި ވަނީ ހަމައެކަނި ދޫވެއްސަކަށް ނޫން،" ކަމަށާއި "އެ ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވުމަށް ފަހު އާ ކޮމިޝަނަރަކު އައްޔަންކުރެވެންދެން އެކްޓިން ޕޮލިސް ކޮމިޝަނަރު ކަމުގެ މަގާމު ފައިރޫޝް އަދާކުރެއްވި އެވެ. އޭރު ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ފައިރޫޝް އެސިސްޓެންޓް ކޮމިޝަނަރގެ މަގާމަށް ޕްރޮމޯޓްކުރީ އޭގެ ފަހުންނެވެ.

ފުލުހުންގެ ވަޒީފާއިން ރިޔާޒް ވަކިކުރަން ނިންމީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އޭނާގެ މައްސަލައެއް ބެލުމަށްފަހު 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުޙުމަތުކޮށްފައިވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާއި އޭނާ ގާތް ގުޅުމެއް ބާއްވާ ކަމުގެ ތުހުމަތެވެ.

ރިޔާޒްއާއި އެއްކޮޅަށް ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ، ރިޔާޒާއި ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ކޮށްފައި ނުވާ ކަމަށާއި، ހެކި ވަޒަންކޮށް ފިޔަވަޅު އެޅުމުގައި ބަލަންވާ މިންވަރަށް ބެލިފައި ނުވާ ކަމަށް ފުލުހުން އެއްބަސްވުމުންނެވެ.

ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަން (އެސްއޯ)ގެ ކުރީގެ ކޮމާންޑަރު، އެސްއޯ ޑީޑީ މަޤާމުން ވަކިކޮށްފައިވަނީވެސް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އޭނާގެ މައްސަލައެއް ބެލުމަށް ފަހުއެވެ. އޭނާއަށް ކުރީ ކޮން ތުހުމަތުތަކެއް ކަން ޔަޤީން ނުވި ނަމަވެސް އޭނާގެ މައްސަލަތަކެއް ފުލުހުން ބަލަން ފެށީ ސުޕްރީމް ކޯޓުން މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ނެރުނު އަމުރަށް ފަހުއެވެ. އެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު، ޑީޑީގެ ފޯނުވެސް އަތުލާފައިވާއިރު، އޭނާ މަޤާމުން ވަކިކުރީ މި އަހަރުގެ އޭޕްރީލް މަހުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް