ކ. މާލެ
|
13 ޑިސެންބަރ 2018 | ބުރާސްފަތި 09:51
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ
ރޮއިޓަރސް
ބްރެކްސިޓް
އިތުބާރުނެތް ކަމުގެ ވޯޓުން ތެރީސާ މޭ ސަލާމަތްވެއްޖެ
ވޯޓުގެ 63 އިން ސައްތަ މޭ ކާމިޔާބު ކުރެއްވި
2022ގެ އާންމު އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަން ވެސް މޭ އިއުލާން ކުރެއްވި

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމުން ވަކިކުރުމަށް އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭއާއި ދެކޮޅަށް ނެގި އިތުބާރު ނެތް ކަމުގެ ވޯޓުން އެކަމަނާ ސަލާމަތް ވެވަޑައިގަންނަވައިފިއެވެ.

ވޯޓުގެ 63 އިން ސައްތަ ލިބުމާއި ގުޅިގެން ކޮންޒަވެޓިވް ޕާޓީގެ ލީޑަރުކަމުން މޭ ދުރުކުރަން ވޯޓެއް ދެން ނެގޭނީ އެއް އަހަރު ފަހުންނެވެ.

ވޯޓަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން މޭ ވަނީ ރައްޔިތުން ބޭނުންވާ ގޮތާއި އެއް ގޮތަށް ބްރެކްސިޓްގެ ކަންކަން ކުރިޔަށް ދާނެ ކަމަށް ވައުދުވެފައެވެ. މޭ އާ ދެކޮޅަށް ވޯޓު ދެއްވި ހުރިހާ މެމްބަރުންގެ ވާހަކަތައް ވެސް އަޑުއިވިއްޖެ ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. 2022 ވަނަ އަހަރު އޮންނަ އިންތިހާބުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ވެސް މޭ ވަނީ ހާމަ ކުރައްވާފައެވެ.

ބުރާސްފަތި ދުވަހު އޮންނަ ޔޫރަޕުގެ އިއްތިހާދުގެ ސަމިޓުގައި މިހާރު ވެފައިވާ އެއްބަސްވުން މުރާޖާކުރަން ވަކާލާތު ކުރައްވާނެ ކަމަށް މޭ ވިދާޅުވެފައެވެ. ޔޫރަޕުގެ އިއްތިހާދުގައި ހިމެނޭ ގައުމުތަކުން ކުރިން ބުނެފައި ވަނީ މި އެއްބަސްވުމަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

މޭގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހުނީ ކޮންޒަވެޓިވް ޕާޓީގެ 48 މެމްބަރުންގެ ސޮޔާއި އެކު، ބްރެކްސިޓްގެ ސިޔާސަތުތަކާއި މެދު ހިތްހަމަނުޖެހިގެން އެކަމަނާ ވަކިކުރަން ހުށައެޅުމުންނެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނެފައި ވަނީ މި ވޯޓަކީ މޭއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި އެ ޕާޓިގެ 317 މަޖިލިސް މެމްބަރުންގެ ތެރެއިން 117 މެމްބަރުން މޭއާ ދެކޮޅަށް ވޯޓު ދިނުމަކީ އަރައިގަންނަން އުނދަގޫވާނެ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވިދާޅުވީ ޕާލިމަންޓުގައި އޮތް މެޖޯރިޓީ މިހާރު މޭއަށް ގެއްލިއްޖެ ކަމަށެވެ. ނަމެވެސް މަޖިލީހުގައި މޭއާއި ދެކޮޅަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގާނީ މޮޅު ވާނެ ކަން ޔަގީންވުމުން ކަމަށް އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.

ބްރެކްސިޓްއަކީ އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް އެގައުމުގެ ރައްޔިތުން 2016 ވަނަ އަހަރު ނެގި "ބްރިޓިޝް އެގްޒިޓް" ވޯޓަށް ދެވުނު ނަމެކެވެ. އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ނިންމީ އެ ގައުމުގެ އިގްތިސާދަށް ގެއްލުން ލިބޭ ކަމަށް ބުނެއެވެ. ނަމަވެސް އެ ގައުމުގެ މަރުކަޒީ ބޭންކުން ބުނެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ އިގްތިސާދަށް އެންމެ ރަނގަޅު ގޮތަކީ އީޔޫގައި ދެމިއޮތުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް