Advertisement
ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 04:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރާއްޖެ އެމްވީ
ގެދޮރުވެރިކުރުން
ގެދޮރުވެރިކަމުގެ މަޝްރޫއުތަކުގައި އުޅޭ މައްސަލަތައް ދިރާސާކުރަން ކޮމެޓީއެއް އެކުލަވާލަނީ
މިކޮމެޓީއަށް 5 މެންބަރުން އައްޔަން ކުރައްވާނެ
ފްލެޓު ލިބުނު ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއު ކުރާނެ
ފްލެޓު ދިނުމުގައި އުސޫލުން ބޭރުން ކަންކަން ކުރުމުގައި ބައިވެރިވި މީހުން ހޯދާނެ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ''ހިޔާ މަޝްރޫއު'' އާއި ''ގެދޮރުވެރިކުރުމުގެ މަޝްރޫއު'' އަދި "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" އާ ގުޅިގެން ރައްޔިތުން ހުށަހަޅާ ޝަކުވާތަކާއި، މި މަޝްރޫއުތަކާ ގުޅުންހުރި އެންމެހައި މައްސަލަތައް ދިރާސާކުރުމަށް 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު މިގޮތަށް މި ނިންމެވީ، އަންގާރަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުން އެރުވި ލަފާފުޅުގެ މަތިން ކަމަށެވެ. މިކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ''ގެދޮރުވެރިކުރުމުގެ މަޝްރޫއު''ގެ ދަށުން ފްލެޓުތައް ދޫކޮށްފައިވަނީ އުސޫލުން ބޭރުންކަމަށް ބުނެ ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް، އެކަންކަމާމެދު އަމަލުކުރާނެ ގޮތުގެ ލަފާ ރައީސް ސޯލިހުއަށް އެރުވުން ހިމެނެއެވެ. އަދި، ''ހިޔާ މަޝްރޫއު''ގެ ދަށުން ފްލެޓު ލިބުނު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއުކޮށް، ޕޮއިންޓް ދީފައިވަނީ އުސޫލާއެއްގޮތަށްތޯ ބަލައި ކަށަވަރުކުރުމާއި، ފްލެޓުތައް ދިނުމަށް އުސޫލުން ބޭރުން ކަންކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު އަމަލުކުރާނެގޮތުގެ ލަފާ ވެސް ރައީސް ސޯލިހުއަށް އެރުވުމަކީ މިކޮމިޓީގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. 

މީގެ އިތުރަށް ރައީސް އޮފީހުން ބުނީ، ''ހިޔާ'' މަޝްރޫއުއާއި، ''ގެދޮރުވެރިކުރުން'' މަޝްރޫއު އަދި "ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓް" ގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތް ރިވިއުކޮށް، ފްލެޓް ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރު ކޮށްދިނުމުގައި ރައީސް ސޯލިހުއަށް ލަފާ އަރުވާނީ ވެސް މި ކޮމިޓީން ކަމަށެވެ.

ރައީސް އޮފީހުން ބުނީ ގުޅިފަޅު ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓު ލިބިފައިނުވާ ފަރާތްތަކަށް ބަދަލު ދިނުމަށްވެސް، އަންގާރަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސް ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

މިއީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުރިހަމަކުރުމަށް ނިންމާފައިވާ ގެދޮރުވެރިކަމާ ގުޅޭ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް