Advertisement
ކ. މާލެ
|
11 ޑިސެންބަރ 2018 | އަންގާރަ 23:36
ނޫސްވެރިކަމުގެ ގައުމީ އިނާމްދިނުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ނޫސްވެރިކަމުގެ ގައުމީ އިނާމްދިނުމުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ރައީސް އޮފީސް
ނޫސްވެރިކަމުގެ ގައުމީ އިނާމް
މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ހިސާބަކީ ހުދުމުހުތާރު ވެރިކަމެއް ފެށޭ ހިސާބު: ހޯމް މިނިސްޓަރ
ދައުލަތާއި ވެރިން ޒިންމާދާރު ކުރުވުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ބަޔަކީ ނޫސްވެރިން ކަމަށް ވިދާޅުވި
މިނިވަން ނޫސްވެރިކަން އޮތީ އެކި ގޮތްގޮތުން ކަސްތަޅު އަޅުވާ ބަންދު ކުރެވިފައި ކަމަށް މިނިސްޓަރ ވިދާޅުވި

މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ކޮންމެ ހިސާބަކީ ހުދުމުހުތާރު ވެރިކަމެއް ފެށޭ ހިސާބު ކަމަށާއި އަދި އެއީ އަނިޔާވެރިކަމާއި ރައްޔިތުންގެ މައްޗަށް ބާރުވެރިވެގަތުން ފެށޭ ހިސާބު ކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިކަމުގެ ގައުމީ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ކޮންމެ ހިސާބަކީ ހުދުމުހުތާރު ވެރިކަމެއް ފެށޭ ހިސާބު ކަމަށާއި ރައްޔިތުންގެ ހައްގުތައް ގެއްލުވާލާ ރައްޔިތުންގެ މުދަލާއި ފައިސާ ނިގުޅި، ފަސާދައާއި ކޮރަޕްޝަން އާންމުވެ، މުޖްތަމައު ފަސާދަ ވެގެންދާ ހިސާބު ކަމަށެވެ. އަދި މި ސަބަބަށްޓަކައި ފެހި ޤާނޫނު އަސާސީ އެކުލަވާލުމާއި އެކު މިނިވަން ނޫސްވެރިކަމަށް ފުޅާވެގެންދާ މާހައުލެއް ގާއިމު ކުރެވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަމަވެސް ގަބޫލު ކުރަންޖެހޭ ހިތާމަވެރި ހަގީގަތަކީ ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި މިނިވަން ނޫސްވެރިކަން އޮތީ އެކި ގޮތްގޮތުން ކަސްތަޅު އަޅުވާ ބަންދު ކުރެވިފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިވަން ނޫސްވެރިކަމަށް އޮތީ ބޮޑެތި ވެގެންވާ ގޮންޖެހުންތަކެއް ކުރިމަތި ކުރެވިފައި ކަމަށާއި، މިއީ މި ސަރކާރު ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ނޫސްވެރިން ދަތިއަޅުވާ ވައްޓާލުމަށް ޖެއްސިފައިވާ ހުރިހާ މަޅިތައް މި ސަރުކާރުން ނައްތާލާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ނޫސްވެރިންނަށް ވޭތިވެދިޔަ މުއްދަތުގައި ކުރިމަތިވިވެފައިވާ ބޮޑެތި އަދަދުތަކުގެ ޖޫރިމަނާ ތަކާއި ޖަލުގޮޅިތަކާއި ޕެޕެރ ސްޕްރޭ އަކީ ﷲ އިރާދަކުރެއްވިއްޔާ މި ސަރުކާރުން ނިމުމެއް ގެންނާނެ ކަންކަން،" މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޑިމޮކްރެޓިކް ވެރިކަމެއް ދެމިއޮތުމުގެ އެންމެ އަސާސީ އެއް ރުކުރަނީ މިނިވަން ނޫސްވެރިކަން ކަމަށާއި، ދައުލަތުގެ ވެރިން ޒިންމާދާރު ކުރުވުމަށް ނުވަތަ އެބައިމީހުން ކަންކުރާ ގޮތުގެ މައްޗަށް ބިނާކޮށް އެއަށް ގޮތް ބުނުމަށް ރައްޔިތުންނަށް ފުރުސަތު ދެނީ ނޫސްވެރިންކަމަށެވެ.

އަދި ދައުލަތާއި ވެރިން ޒިންމާދާރު ކުރުވުމުގެ ބޮޑު މަސްއޫލިއްޔަތު އަދާކުރަމުންދާ ބަޔަކީ މިނިވަން ކަމާއި އެކު މަސައްކަތް ކުރާ ޒިންމާދާރު ނޫސްވެރިން ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެހެން ކަމުން ނޫސްވެރިންގެ ޒިންމާ އާއި ހަރުދަނާކަމުގެ މައްޗަށް މެނުވީ ދައުލަތް ހަރުދަނާ ގޮތެއްގައި ހިނގާނެ ނިޒާމެއް ގާއިމް ނުކުރެވޭނެ ކަމަށެވެ. އަދި އެސަބަބަށް ޓަކައި މިނިވަން ނޫސްވެރިކަމަށް ފުރުސަތު ފަހިވެ ނޫސްވެރިންނަށް މާހަލު ތަނަވަސް ކުރެވެނެ ޖެހޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް