ކ. މާލެ
|
12 ޑިސެންބަރ 2018 | ބުދަ 08:27
މޮޒަމްބީކްގައި ކުރިޔަށް ދިޔަ ސިޔާސީ އެއްވުމެއްގެ ތެރެއިން
މޮޒަމްބީކްގައި ކުރިޔަށް ދިޔަ ސިޔާސީ އެއްވުމެއްގެ ތެރެއިން
އޭއެފްޕީ/ގެޓީ
މޮޒަމްބީކް
މޮޒަމްބީކްގައި މަރުވެފައި ތިބި ބަޔަކަށް މުސާރަ ދިން މައްސަލައެއް ފެންމަތިވެއްޖެ
މުސާރަ ދޭން ނުޖެހޭ 30،000 މީހުންނަށް މުސާރަ ވަނީ ދީފައި

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ހިމެނޭ މޮޒަމްބީކުގެ ސިވިލް ސާވިސްގެ މުސާރަ ދޭން ނުޖެހޭ 30,000 މީހުންނަށް މުސާރަ ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އެ ގައުމުގެ ސިވިލް ސާވިސް މިނިސްޓަރު ކާމަލީޓާ ނަމަޝުލޫއާ ވިދާޅުވީ، މުސާރަ އިތުރަށް ދެވިފައިވާ މީހުންގެ ތެރޭގައި ގިނައީ މަރުވެފައި ތިބި މީހުންނެވެ. އެގޮތުން ބައެއް މީހުންނަށް ވަނީ އެ މީހުން އަދާ ނުކުރާ ވަޒީފާތަކަށް ވެސް މުސާރާ ދީފައެވެ.

ސިވިލް ސާވިސްގެ މުސާރަ މި މީހުންނަށް ދެނުމުގެ ސަބަބުން، 2015 ވަނަ އަހަރާއި، 2017 ވަނަ އަހަރާ ދެމެދު ވަނީ ދައުލަތަށް 250 މިލިއަން ޑޮލަރުގެ ގެއްލުން ލިބިފައެވެ.

ނަމަޝުލޫއާ ވިދާޅުވެފައިވަނީ ދައުލަތުގެ ތެރޭގައި މިކަހަލަ ކޮރަޕްޝަންގެ އަމަލުތައް ގިނަވެފައިވާ ކަން އެކަމަނާ ގަބޫޅުކުރައްވާކަމަށެވެ. އަދި މީގެ އިތުރަށް ވެސް ގާތް ތިމާގެ މީހުންނަށް ވަޒީފާ ދިނުމާއި، ވަޒިފާގެ ބަދަލުގައި ފައިސާ ހޯދުންވެސް އަ ގައުމުގައި އާއްމުވެފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.

މޮޒަމްބީކުގެ ސަރުކާރުން ސިވިލް ސާވިސް މުވައްޒަފުންގެ "ޕްރޫފް އޮފް ލައިފް" (ދިރިހުރިކަން ޔަގީންކުރަން) އޮޑިޓު ހަދާފައިވަނީ ކޮންމެ މީހަކުވެސް ކަނޑައެޅިފައިވާ ވަކި އިދާރާތަކަކަށް ހާޒިރުކޮށްގެންނެވެ. އެގޮތުން އޮޑިޓު ނިމުނުއިރު، ހާޒިރުނުވީ މީހުންނަށް މުސާރަ ދިނުން ވަނީ ހުއްޓާލާފައެވެ. މި އޮޑިޓުގައި ވަނީ ސަރުކާރުގެ ތިން ލައްކައަށް ވުރެ ގިނަ މުއައްޒިފުން ބައިވެރިކޮށްފައެވެ.

މޮޒަމްބީކަކީ ޓްރާންޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން އިންޑެކްސްގައި ވަރަށް ފަހަތުގައި އުޅޭ ގައުމެކެވެ. މި ގައުމުގައި ގުދުރަތީ ވަސީލަތްތައް ގިނަ ނަމަވެސް، ކޮރަޕްޝަނާއި ދާޙިލީ ހަމަނުޖެހުންތަކުގެ ސަބަބުން، މި ވަސީލަތްތަކުން ލިބެންޖެހޭ އެންމެ އެދެވޭ ފައިދާ ރައްޔިތުންނަށް ނުލިބެއެވެ. 

- ކޮމެންޓް